އިންޓަގެ ކޯޗަކަށް ރަނިއޭރީ ހަމަޖައްސައިފި

މިލާން ( 22 ސެޕްޓެމްބަރު) - އިންޓަ މިލާންގެ ކޯޗަކަށް ޗެލްސީ އާއި އޭއެސް ރޯމާގެ ކުރީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ މިއަދު ހަމަޖައްސައިފި އެވެ. ރަނިއޭރީ ، ،59 ވަނީ އިންޓައާއެކު ދެ އަހަރު ދުވަހު އެއްބަސްވުމެއް ހަދައިފަ އެވެ. ރަނިއޭރީ އިންޓަގެ ކޯޗަކަށް މި ހަމަޖެއްސީ މި ސީޒަނުގައި އިންޓަ މިހާތަނަށް ކުޅުނު ފަސް މެޗުގައި އެ ޓީމު ކުޅުނު ދަށް ނަތީޖާތަކުގެ ސަބަބުން ޖިއަންޕިއޭރޯ ގަސްޕެރީނީ ކޯޗުގެ މަގާމުން ވަކިކުރުމަށް ފަހު އެވެ. އިންޓަ މި ސީޒަނުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އިންޓަ މި ވަގުތު އޮތީ އިޓާލިއަން ލީގު ތާވަލްގެ 18 ވަނައިގަ އެވެ. ރަނިއޭރީ ކޯޗަކަށް ހަމަޖައްސައިފައިވާކަން އިންޓަ އިން ރަސްމީކޮށް މިއަދު އިއުލާންކުރުމުގެ ކުރިން މިއަދު އިޓަލީގެ ޓީވީ ސްޓޭޝަނަކަށް ދިން އިންޓަވިއުއެއްގައި ރަނިއޭރީ ބުނީ އިންޓަގެ އަސްލު ފެންވަރު އަނބުރާ ގެންނަން އޭނާ މަސައްކަތްކުރާނެ ކަމަށެވެ. އަދި ގަސްޕެރީނީ މަގާމުން ވަކިކުރިޔަސް އޭނާ އަކީ މޮޅު ކޯޗެއް ކަމަށް ރަނިއޭރީ ބުންޏެވެ. "އިންޓަގެ އަސްލު ފެންވަރު އަލުން ދެއްކޭނެ ގޮތެއް ހޯދަން މަސައްކަތްކުރާނަން. އިންޓަ އަކީ މޮޅު ޓީމެއް އެކަމަކު އެ ޓީމުގެ ފެށުން މި އޮތީ ގޯސްވެފަ. އަހަރެން ޓީމުގެ ހުރިހާ ކުޅުންތެރިންނާ ވާހަކަދައްކާނަން،" ރަނިއޭރީ ބުންޏެވެ. "ގަސްޕެރީނީ މަސައްކަތްކުރީ އޭނާގެ ވިސްނުމާ އެއްގޮތަށް ޓީމު ބައްޓަންކުރަން. އޭނާ އަށް ކުރެވެން އޮތް ހުރިހާ ކަމެއް މި ޓީމަށް ކޮށްދިންކަން ފާހަގަކުރަންޖެހޭ." ޔުވެންޓަސް އާއި އެތުލެޓިކޯ މެޑްރިޑަށް ވެސް ކުރިން ކޯޗުކޮށްދިން ރަނިއޭރީ ވަނީ 1996 ވަނަ އަހަރު ފިއޮރެންޓީނާ އަށް އިޓާލިއަން ކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ތިން އަހަރު ފަހުން ވެލެންސިއާއާއެކު ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ