ސަރުކާރުން ވަޒީރުން އައްޔަންކުރަނީ ދޯހަޅިކޮށް: ޔާމީން

ވަޒީރުން އައްޔަންކުރުމަކީ ވަރަށް ސީރިއަސް ކަމެއް ކަމަށާއި ނަމަވެސް ސަރުކާރުން އެކަން ކުރަނީ ވަރަށް ދޯހަޅި ގޮތަކަށް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމާ މެދު ޕީޕީއެމްގެ ވިސްނުމަކީ ކޮބައިތޯ ދިޓީވީގެ "ޚަބަރު ތެރެއިން" ޕްރޮގްރާމުގައި ސުވާލުކުރުމުން ޔާމީން ވިދާޅުވީ އާޒިމާ އަކީ އެމަގާމަށް ގާބިލް ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް އާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން އޮތަސް އެފަދަ ކަންކަން ނިންމާއިރު އެޕާޓީއާ މަޝްވަރާކުރަން ޖެހޭނެ އެވެ. ޔާމީން ވިދާޅުވި ގޮތުގައި "އަމިއްލަ އަށް ފެނިވަޑައިގެން ނަމަވެސް" އާޒިމާ ޖެންޑާ މިނިސްޓަރުކަމަށް ބަދަލުކުރެއްވުމަކީ ޕީޕީއެމް އަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. "ސީރިއަސްކަމާ އެކީގައި ކުރައްވާ ކަމެއް ކަމުގައިވަނީ ނަމަ ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ދިގު ފުންމުން ފުންމާ މީހަކު ފެތުމުގެ ރޭހުގައި ބައިވެރިއެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ. ޖެންޑާ މިނިސްޓަރަކަށް އާޒިމާ ބަހައްޓަން މަޖިލީހުން ރުހުން ނުދިނުމުން އޭނާ ވަނީ އަލުން ބަންޑާރަ ނައިބު ކަމަށް ހަމަޖައްސާފަ އެވެ. ޔާމީން ވިދާޅުވީ އާޒިމާ އަށް ރުހުން ދިނުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގައި އަދި މަޝްވަރާ ނުކުރާ ކަމަށެވެ. އެކަމަކު ޖީއެމްއާރު އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން އެކުންފުންޏަށް 800 މިލިއަން ޑޮލަރު ދޭން ޖެހިދާނެ ކަމަށް ބަންޑާރަ ނައިބަކަށް ހުންނަވައިގެން އާޒިމާ ވިދާޅުވުމާ ގުޅިގެން އޭނާއާ މެދު ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންގެ ނުތަނަވަސްކަން އުޅޭ ކަމަށް ޔާމީން ވިދާޅުވި އެވެ. "މިއީ ވަރަށް ބޮޑު މައްސަލައެއް އަޅުގަނޑުމެންނަށް. ދެން އަންނަ ސަރުކާރަކަށް ވެސް، އަދި މި ސަރުކާރު އައި ނަމަވެސް އެހެން ސަރުކާރެއް އައި ނަމަވެސް، އުފުލަން ޖެހިދާނެ ވަރަށް ބޮޑު ބުރައެއް މިއީ. އެހާ ކުރިން އެވަރުގެ ބޮޑު އަދަދެއް ވިދާޅުވީމަ އަޅުގަނޑުމެންގެ ބައެއް މަޖިލިސް މެމްބަރުންގެ ތެރޭގައި ހިތްނުތަނަވަސްކަމެއް އެބަ އުޅޭ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެވަރުގެ ކޮންޕެންސޭޝަނެއް ޖީއެމްއާރަށް ދޭން ޖެހިދާނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ. މި މަހުގެ 1 ގައި އަލުން ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެއްވި އާޒިމާ އަށް ރުހުން ހޯދުމަށް ހުށަހެޅުމުން އޭނާގެ ނަން ދިރާސާކުރުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ