ބައިޑެން ހުވާކުރެއްވުމާ ދިމާކޮށް ލޭ އޮހޮރުވުމެއް ހިންގާނެ ކަމުގެ އިންޒާރެއް

ވޮޝިންޓަން (ޖަނަވަރީ 17) : އެމެރިކާގެ ރައީސުލްމުންތަޚަބު ޖޯ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ ވަގުތާ ދިމާކޮށް ލޭ އޮހޮރުވާލަން ޖެހިދާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ދޮންމީހުންގެ ހަރުކަށި ޖަމާއަތަކުން ދީފިއެވެ. "ކަވްބޯއިސް ފޯ ޓްރަމްޕް" ނަމަކަށް ކިޔާ ހައްދުފަހަނަޅާފައިވާ ޖަމާއަތުގެ ފައުންޑަރު ކުއީ ގްރިފިން ވީޑިއޯ އެއް މެދުވެރިކޮށް ދިން އިންޒާރެއްގައި ބުނެފައިވަނީ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ ދުވަހަކީ އެމެރިކާގެ ތާރީޚުގައި ކަޅު ދުވަހަކަށްވާނެ ކަމަށާ އެދުވަހު އެޖަމާއަތުގެ މެންބަރުން ހަތިޔާރާއެކު ވަރުގަދަ މުޒާހަރާތަކެއް ކުރާނެކަމުގައެވެ. އަދި ޓްރަމްޕަށް އިންސާފު ހޯދުމަށްޓަކައި ލޭ އޮހުވާލަންޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމުގެ އިންޒާރު މި ވީޑިއޯގައި ގްރިފިން ދީފައިވެއެވެ. ގްރިފިން އަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނިއުމެކްސިކޯ ސްޓޭޓްގެ ލޯކަލް ސަރުކާރުގެ މަސްއޫލުވެރިއެއްވެސް މެއެވެ. އޭނާއަކީ އެސްޓޭޓްގެ ކައުންޓީ ކޮމިޝަނަރ އެވެ. އަންނަ ބުދަ ދުވަހު ވޮޝިންޓަންގެ ގަޑިން މެންދުރު 12 ޖަހާއިރު ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. މި ރަސްމިއްޔަތާ ދިމާކޮށް ޓްރަމްޕްގެ ސަޕޯޓަރުން ހިންގަފާނެ ހަމަނުޖެހުމަކަށް އެމެރިކާގެ 50 ސްޓޭޓް ވަނީ އެލާޓަށް ގެނެސްފައެވެ. ހަމަނުޖެހުން ހިންގަފާނެކަމުގެ ބިރު އެންމެ ބޮޑީ ވެރިރަށް ވޮޝިންޓަންގައެވެ. ވޮޝިންޓަންގެ ބޮޑު ބައެއްގައި މިހާރުވަނީ ކުއްލި ހާލަތު އިއުލާނުކޮށް ކާފިއު ހިންގާފައެވެ. އަދި ވޮޝިންޓަންގެ ސަލަމާތީ ކަންކަން ބެލެހެއްޓުމަށް ނެޝަނަލް ގާޑުންގެ 10 ހާސް ސިފައިންވެސްވަނީ ބަރުހަތިޔާރާއެކު ނެރެފައެވެ. ގްރިފިން، ޓްރަމްޕް އާއެކު ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވައިޓް ހައުސްއާއި ކޮންގްރެސްގެ އިމާރާތް (ކެޕިޓޯލް) ހިމެނޭ ސަރަހައްދު ހީވަނީ ހަނގުރާމައިގެ މައިދާނެއް ހެންނެވެ. އެސަރަހައްދުގައިވަނީ ހަނގުރާމައިގެ ޙަމަލާތަކުން ސަލާމަތްވުމަށް ޖަހާބާވަތުގެ ބެރިކޭޑްތައްޖަހައި ނަރުދަލާއި ކަށިނަރު ދަމައި އެއްކޮށް ބަންދުކޮށް ވެހިކަލްތަކަށް އެ ސަރަހައްދަށް ނުވަދެވޭނެ ގޮތް ހަދައިފައެވެ. ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަ ދުވަހު ވައިޓް ހައުސްއާއި، ކެޕިޓޯލް ގެ އިތުރުން ލިންކަން މެމޯރިއަލްއާއި، ވޮޝިންޓަން މޮނިއުމެންޓް ހިމެނޭ ނެޝަނަލް މޯލް ސަހަރައްދު އެއްކޮށް ބަންދުކޮށްލާނެކަމަށް މައުލޫމާތު ލިބެއެވެ. މި ސަރަހައްދަކީ އެމެރިކާގެ ފެޑްރަލް ސަރުކާރުގެ ގްރީން ޒޯން އެވެ. އެމެރިކާގެ ރައީސުން ހުވާކުރުމުގެ ރަސްމިއްޔާތު ބެލުމަށް އެމެރިކާގެ އާންމު ރައްޔިތުން އެއްވަނީ މިސަރަހައްދަށެވެ. އެރަސްމިއްޔާތު ބެލުމަށް އާންމުގޮތެއްގައި ލައްކައެއްހާ މީހުން އެސަރަހައްދަށް އެއްވެއެވެ. ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަ ދުވަހު އިތުރު 15 ހާސް ސިފައިން ނެރެ ޖުމްލަ 25 ހާސް މީހުން ވޮޝިންޓަންގެ ސަލާމަތީ ކަންކަން ބަލަހައްޓާނެކަމަށް އެމެރިކާގެ އަމަނާބެހޭ އިދާރާތަކުން ބުނެއެވެ. މި މަހުގެ 6 ވަނަ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގައި 4 މީހުން މަރުވެ 16 މީހުން ޒަޚަމްވެފައިވާއިރު އެތަނުގެ ތަކެއްޗަށާއި ލިޔެކިޔުންތަކާ އަދި ރަސްމީ ޑޮކިއުމެންޓްތަކަށް ދިން ބޮޑެތި ގެއްލުން ތަކުގެ އައު ވީޑިއޯ ތަކެއް އެމެރިކާގެ މަޝްހޫރު މަޖައްލާ އެއްކަމަށްވާ "ނިޔުޔޯކަރ" އިންވަނީ ޝާއިޢުކޮށްފައެވެ. މި ވީޑިއޯ ތަކުގައި ކޮންގްރެސްގެ ކޮންޕިއުޓަރ ތަކަށާއި ސާވާތަކަށާއި އެނޫންވެސް ހަރުމުދާތައް ހަލާކުކޮށް ލިޔެކިޔުންތައް ނައްތާލާ މަންޒަރު ފެނިފައިވެއެވެ. ޓްރަމްޕަކަށް ތާއީދުކުރާ ހަރުކަށި ޖަމާއަތްތަކުން ބައިޑެން ހުވާ ކުރާވަގުތާ ދިމާކޮށް އެމެރިކާގެ 50 ސްޓޭޓުގައި ވަރުގަދަ މުޒާހަރާތަކެއް ކުރާނެކަމުގެ މައުލޫތު ލިބިފައިވާކަމަށް ބުނެ އެމެރިކާގެ ފެޑްރަލް ފުލުހުންގެ ތަހްގީގީ އިދާރާ އެފްބީއައި އިން ވަނީ އިންޒާރު ދީފަ އެވެ. މިއާއެކު ޓްރަމްޕްގެ ސަޕޯޓަރުން ހިންގަފާނެ ހަމަނުޖެހުމަކަށް އެމެރިކާގެ 50 ސްޓޭޓްވަނީ އެލާޓަށް ގެނެސް ސަލަމާތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ