ހުޅުމާލޭގައި ހުންނަ މީރާގެ އޮފީސް ފަޅާލައިފި، ފައިސާ ވަގަށް ނެގިތޯ އެހުމުން ފުލުހުންވެސް މީރާއިންވެސް ޖަވާބެއް ނުދިން!

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި ވައްކަން ކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ މީރާގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:00 ގައި ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް އަދި ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު މިތަން ފަޅާލައި އެއްވެސް ފައިސާއެއް ވަގަށް ނެގި ކަމެއް އަދި ނަގާފައި ވާނަމަ އެއީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. މީރާގެ އޮފިޝަލުންނާ ގުޅައި ސުވާލު ކުރުމުން އެތަނުން ވެސް އެކަމަށް ޖަވާބެއް ނުދެއްވި އެވެ.
މީރާގެ އެސިސްޓެންޓް ކޮމިޝަނާ އަހުމަދު ޝަރީފް މިއަދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭގައި ހުންނަ މީރާގެ އޮފީހަށް ބަޔަކު ވަދެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި ވަގުތު ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެއްވެސް އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ