މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ތަހުގީގަށް އާއްމުންގެ އެހީ ބޭނުންވޭ

އަޖީއެމްއެޗްއާ ދިމާލުން ބޭރުން މޫދުގައި މަރުވެފއި އޮއްވާ އިއްޔެ ފެނުނު ޒުވާނާގެ މަރުގެ ތަހުޤީގަށް އާޢްމުންގެ އެހީތެރިކަމަށް ފުލުހުން އެދިވެޑަައިގެންފިއެވެ.
ފުލުހުން ވިދާޅުވީ އުމުރުން 31 އަހަރުގެ ދިވެހި ޒުވާނާގެ ހަށިގަނޑު އެ ސަރަހައްދުގެ އަޑީގައި އޮއްވާ ފެނުނީ ފީނަން ގޮސްއުޅުނު ބަޔަކެށެވެ.
ފުލުހުން ރޭ ވިދާޅުވީ މިޒުވާނާގެ މަރުގެ ތަހުޤީގަަށް އާއްމުންގެ ފަރާތުން މައުލޫމާތު ބޭނުންވާކަމަށެވެ. މިގޮތުން މިމަހުގެ 22 ވީ ބުރާސްފަތިދުވަހު ހެނދުނު 09:00 އިން މެންދުރު 12:00 އާއި ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތެރިވެފައިވާ ފަރާތްތަކާއި މަރުގެ ހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ހުރިނަމަ އެ މީހަކާއި ވާހަކަ ދައްކާ މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާކަމަށެވެ.
އެހެންކަމުން މިފަދަ އެއްވެސް މީހަކު ވާނަމަ ފުލުހުންގެ އިމަޖެންސީ ނަމްބަރ 119 ނުވަތަ ސީރިއަސް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ނަމްބަރ9911099 އާއި ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން އެދިވަޑައިގަންނަވައެވެ.
މަރުވެފައި އޮއްވާ އިއްޔެ ހެނދުނު ފެނުނު މިޒުވާނާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ މަރުގެ ސަބަބު ކަށަވަރުކުރުމަށް މި ޒުވާނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު އޭނާގެ ހަށިގަނޑުވަނީ މޯޗަރީގައި ބާއްވާފައެވެ.
ކުށުގެ ރެކޯޑް އޮންނަ މި ޒުވާނާ މަރުވެފައި އޮއްވާ ފެނުނު އިރު ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުރިކަން އޭނާގެ އާއިލާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން އެ އައިލާއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ކަމާއި ގުޅުން ހުރި އެހެން މުއްސަސާތަކަށް ހުށައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ