"ގޮތް ނޭނގޭގޮތަށް ޕާޓީތަކަށް ފައިސާ ނުހޯދޭނެކަން ޤާނޫނުގައި ޞަރީޙަކޮށް ކަނޑައަޅަނެޖެހޭ"

ކާކުކަން ނުވަތަ ކޮން ފަރާތަކުންކަން ނޭނގޭ ގޮތްގޮތަށް ސިޔާސީ ޕާޓީތަކަށް ފައިސާއާއި އެފަދަ އެހީ ނުހޯދޭނެކަމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ސީދާ ޞަރީޙަބަހުން ކަނޑައަޅައި ބަޔާންކުރަންޖެހޭކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.
އޭސީސީން މިގޮތަށް ލަފާދެއްވާފައިވަނީ ސިޔާސީޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމާ ގުޅޭގޮތުން އެކޮމިޝަނުން ހެދި ދިރާސާއަކަށްފަހު އާންމުކުރި ރިޕޯޓުގައެވެ.
މި ރިޕޯޓުގައިވަނީ ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ފައިސާއާއި އެހީ ހޯދޭނެކަމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ކިބައިން ހޯދޭނެ ފައިސާއާއި އެހީގެ މިންވަރާއި ބާވަތްފަދަ ކަންކަން އެޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައި ނެތްކަން ފާހަގަކުރެވޭކަމަށެވެ.
އޭގެސަބަބުން ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ރިޝްވަތާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފައިސާއާއި އެހީ ހޯދުމަށް ފުރުޞަތު ހުޅުވިފައިވާ ކަމަށް އޭސީސީން ވިދާޅުވެއެވެ. އެހެންކަމުން އިންތިޚާބީ ޤާނޫނުގައި ކެނޑިޑޭޓުންނަށް ޚަރަދުކުރެވޭނެ ޢަދަދު ލިމިޓްކޮށްފައިވީނަމަވެސް، އެކެނޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއް މެދުވެރިކޮށް އިތުރަށް ޚަރަދުކުރުމުގެ ފުރުޞަތު އޮތްކަން މިރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
އޭސީސީން ވިދާޅުވީ މިކަން ޙައްލުކުރުމަށްޓަކައި ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ މެންބަރުންނާއި، ހެޔޮ އެދޭ ފަރާތްތަކު ވިޔަފާރީގެ މުޢާމަލާތްތަކުންނާއި ދަރަނީގެ ގޮތުގައި ސިޔާސީ ޕާޓީތަކަށް ފައިސާއާއި އެހީ ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅައި ބަޔާންކުރަންވާނެކަމަށެވެ.
އަދި ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ބިދޭސީ ފަރާތްތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ނަންހާމަކުރަން ބޭނުންނުވާ ފަރާތަކުން ޕާޓީތަކަށް ގިނަވެގެންދެވޭނެ ފައިސާ ނުވަތަ އެހީގެ މިންވަރުގެ ލިމިޓެއް ކަނޑައަޅައި ބަޔާންކުރާންވާނެކަމަށާ، ކާކުކަންނޭނގޭ ފަރާތްތަކާއި ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ބިދޭސީ ފަރާތްތަކުން ސިޔާސީ ޕާޓީތަކަށް ފައިސާއާއި އެހީ ނުހޯދޭނެކަމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ސީދާ ޞަރީޙަ ނައްޞުން ކަނޑައަޅައި ބަޔާންކުރަންވާނެކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.
އޭސީސީގެ މިދިރާސާއިން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން އިތުރަށް ބަލައި ދިރާސާކުރުމާއި ދިރާސާގައި ދީފައިވާ ލަފާ ތަންފީޒުކުރުމަކީ ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރެވޭކަން ކަށަވަރުކުރުމަށް މުހިންމު ކަމެއްކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
އެގޮތުން، ދަޢުލަތާއި ދައުލަތް ޙިއްސާވާ ކުންފުނިތަކުގެ ފައިސާއާއި ތަކެތި ސީއެސްއާރްގެ ދަށުން ސިޔާސީ ބޭނުންތަކަށް ހޭދަކުރާގޮތްތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއްކަމުގައި އޭސީސީންވަނީ ފާހަގަކުރައްވާފައެވެ.
އަދި ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމު ހަރުދަނާކޮށް އެއާ ގުޅޭ ފުރިހަމަ، ވަށައިޖެހޭ ޤާނޫނީ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމަށްޓަކައި ސިޔާސީ ޕާޓީގެ ޤާނޫނާއި އިންތިޚާބާބެހޭ ޤާނޫނުތަކާ ގުޅުންހުރި ޤަވާޢިދުތަކާއި އުސޫލުތައް އިތުރަށް މުރާޖަޢާކޮށް އިސްލާހުކުރަންޖެހޭކަމަށް އޭސީސީން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ