އޭޓީއެމްތަކުން ފައިސާ ނެގޭ ވަރު ބީއެމްއެލްއިން އިތުރުކޮށްދީފި

ރޯދަ މަހާއި ދިމާކޮށް ދިވެހި ގައުމީ ބޭންކް (ބީއެމްއެލް)ގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދު ބޭންކުން އިތުރުކޮށްދީފި އެވެ.
އެ ބޭންކުން ބުނީ މިއަދުން ފެށިގެން އެމެކްސް ގޯލްޑް ކާޑުން ދުވާލަކު ފައިސާ ނެގޭ އަދަދު 15000ރ. އަށް އިތުރުކޮށްފައިވާ ކަމަށެވެ. އެމެކްސް ގޯލްޑް ގާޑަކުން މީގެ ކުރިން ނެގެނީ ދުވާލަކު 10000ރ. އެވެ. ވިސާ ޑެބިޓް ކާޑުން އަދި އެމެކްސް ގްރީން ކާޑުން ފައިސާ ނެގޭ އަދަދު އިތުރުކުރީ 10000ރ. އަށް ކަމަށް ބޭންކުން ބުންޏެވެ. އެ ކާޑުތަކުން މީގެ ކުރިން ފައިސާ ނެގެނީ ދުވާލަކު 5000ރ. އެވެ. ބީއެމްއެލްއިން ބުނީ އެ ބަދަލު ގެނައީ ރޯދަ މަހު ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ބުނީ ރޯދަމަހަށް ފަހު ތަޖުރިބާއަށް ބަލައި އެބަދަލު ރޯދައިގެ ފަހުންވެސް ކުރިއަށް ގެންދަންޖެހިދާނެ ކަމަށެވެ.
ބީއެމްއެލް އިން އަންނަނީ އެ ކުންފުނީގެ އޭޓީއެމްގެ ހިދުމަތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ބީއެމްއެލްއިން ވަނީ އައު އޭޓީއެމްތަކެއް މާލޭގައި ބަހައްޓާ އޭޓީއެމްގެ އަދަދު އިތުރުކޮށްފަ އެވެ. ބީއެމްއެލްގެ 46 އޭޓީއެމްއަކުން އަންނަނީ ކަސްޓަމަރުންނަށް ހިދުމަތް ފޮރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ