ރޯޑްވާދިނަސް ހެދުމަށް ސަރުކާރަށް ފައިސާ ނުނަންގަވާ ގޮތަށް ހަމަޖައްސަވައި، ޕާކިން ސްޓިކާތަކުގެ ފީ ކުޑަ ކުރައްވައިފި

އެއްގަމު އުޅަނދުފަހަރުން ރޯޑްވާދިނަސް ހެދުމަށް ސަރުކާރަށް ފައިސާ ނުނަންގަވާ ގޮތަށް ހަމަޖައްސަވައި، ޕާކިން ސްޓިކާތަކުގެ އަގުތައް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުޑަކުރައްވާ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ހަމަޖައްސަވައިފި އެވެ.
އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި ކާރު، ވޭން، ޖިޕް އަދި އެއްޗެހިން އުފުލޭ ބަރުދަން އެއް ޓަނަށް ވުރެ މަތިނުވާ ޕިކަޕް ފަދަ ތަކެތި ދަންވަރު 00: 12 އިން ހެނދުނު 00: 6 އަށް ޕާކްކުރުމަށް މިހާރު ދޫކުރައްވާނީ 150ރ. ގެ ޕާކިން ސްޓިކާ އެވެ. ކުރިން އެ އުޅަނދުފަހަރަށް ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރައްވަމުން ގެންދެވީ 250ރ. ގެ ޕާކިން ސްޓިކާ އެވެ.
އެއް ޓަނުން ފެށިގެން ދެ ޓަނު ހަމަވާ ޕިކަޕާއި ލޮރީ އަށް މިހާރު ދޫކުރެއްވުމަށް ނިންމަވައިފައި ވަނީ 250ރ. ގެ ޕާކިން ސްޓިކާ އެވެ. ކުރިން އެ އުޅަނދުފަހަރަށް ދޫކުރެއްވީ 400ރ. ގެ ސްޓިކާ އެވެ.
އަދި ދެ ޓަނަށް ވުރެ މަތީގެ ޕިކަޕާއި ލޮރީ އަށް އަންނަ މަހުގެ 1 އިން ފެށިގެން ދޫކުރައްވާނީ 450ރ. ގެ ސްޓިކާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވި އެވެ. ކުރިން އެ އުޅަނދުފަހަރަށް ދޫކުރެއްވީ 800ރ. ގެ ޕާކިން ސްޓިކާ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ވެހިކަލްތަކުގެ ރޯޑްވާދިނަސް ހެދުމުގެ ފައިސާ ސަރުކާރަށް ނުދައްކާ ގޮތަށް ހަމަޖެއްސެވި ނަމަވެސް ކުރިއެކޭ އެއްގޮތަށް ގަރާޖުތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން ރޯޑްވާދިނަސް ހެދުމުގެ އަގު ގަރާޖްތަކުން ނަގަން ޖެހޭނީ އެ އުޅަނދެއްގެ އަހަރީ ފީގެ 12.5 ޕަސެންޓަށް ވުރެ ބޮޑު ނުވާ ގޮތެއްގެ މަތިން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވި އެވެ. އަދި ރޯޑްވާދިނަސް ހެއްދޭނީ އެ މިނިސްޓްރީން ހުއްދަ ދެއްވާ ގަރާޖްތަކުންނެވެ.
ރޯޑްވާދިނަސްގެ ގޮތުގައި ސަރުކާރަށް ނަންގަވަނީ ކޮންމެ އުޅަނދެއްގެ އަހަރީ ފީގެ 25 ޕަސެންޓެވެ. އެގޮތުން ރޯޑްވާދިނަސްގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ނަންގަވަނީ ފަސް ޓަނަށް ވުރެ މަތީގެ އުޅަނދުތަކުންނެވެ. ފަސް ޓަނަށް ވުރެ މަތީ އުޅަނދުތަކުގެ އަހަރީ ފީއަކީ 7500ރ. އެވެ. އެހެންވެ އެ އުޅަނދުފަހަރުގެ ރޯޑްވާދިނަސް އަށް ސަރުކާރަށް 1875ރ. ދައްކަން ޖެހެ އެވެ.
ޑްރައިވަރުންނާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރޯޑްވާދިނަސް އަށް ސަރުކާރަށް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށާއި ޕާކިން ސްޓިކާތައް ދޫކުރައްވާ އަގު ބޮޑުވެގެން ވަރަށް ގިނަ މީހުން ވަނީ ޝަކުވާކޮށްފަ އެވެ. ޕާކިން ސްޓިކާ ދޫކުރުމެއް ނެތި ދަންވަރު 00: 12 އިން ހެނދުނު 00: 6 އަށް ވެހިކަލްތައް ޕާކް ކުރެވޭނެ އުސޫލެއް ހަމަޖައްސަވައި ދެއްވުމަށް ވެސް އެ ރޭގެ ބައްދަލުވުމުގައި ބައެއް ޑްރައިވަރުން ޓްރާންސްޕޯޓުގައި އެދިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ