ދެ ޕާޓީއެއްގެ ފައިސާ އިލެކްޝަންސް އިން ދޫކުރަން ހުކުމްކޮށްފި

ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން އިލެކްޝަންސް ކޮމެޓީން ހިފަހައްޓާފައިވާ ދެ ސިޔާސީ ޕާޓީއެއްގެ ފައިސާ ހަފުތާއެއްގެ ތެރޭގައި ދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މޯލްޑިވްސް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އާއި ޕީޕަލްސް ޕާޓީން އިލެކްޝަނާ ދެކޮޅަށް ކޮށްފައިވާ ދައުވާގެ ހުކުމް އިއްވަމުން ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކަނޑައަޅާ ފައިސާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީތަކުގެ މެދުގައި ބެހުމަކީ ސިޔާސީ ޕާޓީގެ ގަވައިދުގެ ދަށުން އިލެކްޝަންސްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީ ގަވާއިދުގެ ދަށުން އެ ދެ ޕާޓީ އަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ބެހުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ގާޒީ ނިހާޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގާވާއިދުގެ ދަށުން ފިނޭންސް މިނިސްޓްރީން އިލެކްޝަންސް އަށް އެ އަހަރުގެ ބަޖެޓު ދޫކުރާތާ ސަރުކާރު ބަންދު ނޫން ދިހަ ދުވަހުގެ ތެރޭގައި ދިނުމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން އެ ގޮތުގެ މަތިން އެ ފައިސާ ޕާޓީތަކަށް ދިނުމަށް އިލެކްޝަންސް މައްޗަށް ލާޒިމްވެގެންވާ ކަމަށެވެ. އަދި ޕާޓީތަކަށް އެ ފައިސާ ދޫކުރުމާއި ނުކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ އިހްތިޔާރެއް ނޫން ކަމަށް ވެސް ގާޒީ ނިހާޔަތު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުން ބައެއް ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ނުދީ އިލެކްޝަންސުން ހިފަހައްޓައިފަ އެވެ. އެ ކޮމިޝަނުން ޝަރީއަތުގައި ބުނެފައި ވަނީ އެ ޕާޓީތަކަށް ފައިސާ ދޫކޮށްފައި ނުވަނީ ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާތީ ކަމަށެވެ.
ނަމަވެސް ގާޒީ ނިހާޔަތު ވިދާޅުވީ ޕާޓީތަކުން މަސައްކަތް ކުރަނީ ޕާޓީތަކުގެ އަސާސީ ގަވާއިދުގައިވާ މަގްސަދުތައް ހާސިލުވާނެހެންތޯ ބެލުމަކީ އިލެކްޝަންސްގެ ޒިންމާއެއް ނޫން ކަމަށެވެ. އެހެންކަމުން ފައިސާ ދޫކުރުމުގައި އިތުރު ޝަރުތުތަކެއް އެކަށައެޅުމުގެ ބާރު އިލެކްޝަންސް އަށް ގާނޫނުން ލިބިފައި ނުވާ ކަމަށް ގާޒީ ނިހާޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނެއްގައި ވަކިގޮތަކަށް ކުރުމަށް ކަނޑައެޅި ބަޔާންވެގެންވާ ކަމެއް އެގޮތުގައި ކުރާ ކުރުމުގައި ގާނޫނުގެ ރޫހާއި މަގްސަދަށް ބެލުމުގައި އަމަލުކުރެވޭނީ އެ ގާނޫނުގައި އެކަމެއް ބެލުމަށް ނުވަތަ ބެލޭނެ ގޮތަށް ތަންދީފައިވާ މިންވަރަކަށް ކަމަށެވެ. އަދި އެއީ ގާނޫނީ އުސޫލު ކަމަށާއި، ގާނޫނުގެ އިމުގެ ބޭރުން އެ ގާނޫނުގެ މަގްސަދާއި ރޫހަށް ރިއާޔަތްކޮށް ކަމަށް ބުނެ ކަންކުރުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ގާޒީ ނިހާޔަތު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ