އިންތިހާބުގެ ކަންކަން އެންމެ ފުރިހަމަ އަށް ކުރެވެމުން ނުދޭ: ޔާމީން

މިނިވަން، އިންސާފުވެރި އިންތިހާބަކަށް ވާސިލުވެވޭނީ ވޯޓުލާ ދުވަހުގެ ކަންކަން އެކަނި މިނިވަންވުމުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއް ވެސް އިންސާފުވެރިކަމާ އެކު ފުރިހަމަކުރެވިގެން ކަމަށާއި ނަމަވެސް އެކަންތައްތައް އެންމެ ފުރިހަމަ އަށް ނުކުރެވޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ދިޓީވީގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އުފުލާފައިވާ ދައުވާ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މައްސަލަ އިންތިހާބުގެ ކުރިން ނުނިމިއްޖެ ނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި އަދުލު އިންސާފުގެ ދާއިރާގެ ކަންކަން މިހާރަށް ވުރެ ހަލުއިވާން ޖެހޭ ކަމަށާއި އެފަދަ ބޮޑެތި މައްސަލަތައް ނުނިމި ހުރުމަކީ އެދާއިރާގެ "ފެއިލިއާ" އެއްގެ ގޮތުގައި ޔާމީން ސިފަކުރެެއްވި އެވެ.
"ފުރަތަމަ ކަމަކީ ދިވެހި ހުރިހާ ރައްޔިތުން ގަބޫލުކުރޭ ]އިންތިހާބަށް[ ކުރިމަތިލާ މީހުންނަކީ ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ބައެއް ކަމަށްވާން ޖެހޭނެ ކަމަށް. އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންތޯ ބަލާއިރު ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެއްވޭނެ. އެއީ އެމަނިކުފާނަށް އަންނާނެ އެއް އަހަރަށް ވުރެ ދިގު ޖީނާއީ ހުކުމެއް، އެމަނިކުފާނު ކުރައްވާފައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ،" ދިޓީވީގެ "ޚަބަރު ތެރެއިން" ޕްރޮގްރާމުގައި ޔާމީން ވިދާޅުވި އެވެ.
އެ މައްސަލަތައް ހައްލު ނުވާ ނަމަ ވޯޓުލެވެނީ ސައްހަ ނޫން އިންތިހާބެއްގައި ކަމަށް ގަބޫލުކުރާނެ ބައެއް ރައްޔިތުން ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބުގެ ސައްހަ ކަމާމެދު ގިނަ ރައްޔިތުން ސުވާލު އުފައްދައިފި ނަމަ އެމީހުންގެ އިހުސާސްތައް ފާޅުކުރާނެ ގޮތެއް ނޭނގޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުން ވެއްޖިއްޔާ ވޯޓާ ހަމައަށް ދާންވާއިރު މިނިވަން، އިންސާފުވެރި އިންތިހާބަކަށް ނޫނީ ވޯޓަކަށް ނުވެ ހިނގައިދާނެ. އެއީ މިނިވަން، އިންސާފުވެރި ވޯޓަކަށް ދިއުމަކީ ވޯޓުލާ ދުވަހުގެ ކަންތައްތައް އެކަނި މިނިވަންވުމެއް ނޫން، އިންސާފުވެރި ވުމެއް ނޫން. އަދި އެކަންތައްތައް ހަމަޖެހޭގޮތަކަށް ދިއުމެއް އެކަންޏެއް ވެސް ނޫން. އެހިސާބށް ދާ ދިއުމުގެ ތެރޭގައި މިހިރަ މަރުހަލާތަކުގައި ކުރަން ހުރި ކަންތައްތަކަކީ ވެސް މިނިވަންކަމާއި އިންސާފުވެރިކަމާ އެކީ ދާންޖެހޭ ކަންތައްތައް. މިހާރު މިފެންނަނީ އިންސާފުވެރިކަމާ އެކީ އެކަންތައްތައް ނުދާތަން." އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު އެއްވެސް ޕާޓީއަކަށް ފުރަތަމަ ބުރުން ކާމިޔާބުކުރެވިދާނެތޯ ސުވާލުު ދެންނެވުމުން ޔާމީން ވިދާޅުވީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރުމުގެ "ހަނި ފުރުސަތެއް އޮތްކަމަށްވާނަމަ އެފުރުސަތު މިއޮތީ ޕީޕީއެމް" އަށް ކަމަށެވެ. އަދި އެމްޑީޕީން "އެއްބުރުން" ކާމިޔާބުކުރާނެ ކަމަށް ބުނަމުންދަނީ ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ އިންތިހާބުން އަލްވަދާއު ކިޔަން ޖެހޭނެ ކަން އެނގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ކަށަވަރުކަމެއް އޮތީއެއް ނޫން އެއް ވަނަ ބުރުން އެ ބޭފުޅުންނަށް ކާމިިޔާބުނުވާނެކަން. އެ ބޭފުޅުން އެ ވިދާޅުވާ ބަހުގެ މުރާދަކީ އެއްވަނަ ބުރުން ތިމަންނަމެންނަށް ކާމިޔާބުނުކުރެވިއްޖެ ނަމަ ދެވަނަ ބުރުގައި އަދި އަމުދުން ތިމަންނަމެންނަށް ފުރުސަތެއް ނެތޭ އެ ވިދާޅުވަނީ،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ޕާޓީތަކަށް ވައްދާފައިވާ މެމްބަރުންނަކީ ސައްހަ މެމްބަރުންތޯ އިލެކްޝަންސް ކޮމިޝަނަށް ޔަގީންކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެގޮތުން، އެމްޑީޕީގައި 40،000 މެމްބަރުން ތިބި ކަމަށް ބުނާއިރު "އެއީ ސައްހަ އެއްޗެއްކަން ދެނެހުރީ ކާކުތޯ" ޔާމީން ސުވާލުކުރެއްވި އެވެ.
"އެކަމަކު ޕީޕީއެމްއިން ފަހުރުވެރިކަމާ އެކު މިބުނަނީ އެ ގާނޫނު އައިއްސުރެން ނުވަތަ އިލެކްޝަނުން ގަވާއިދު ބަދަލުކުރެއްވީސުރެން އަޅުގަނޑުމެންގެ ޕާޓީގައި އެހެރީ ސައްހަ މެމްބަރުންނޭ. ފިންގަ ޕްރިންޓް ޖަހާފައޭ އެ ހުރީ،" އޭނާ ވިދާޅުވި އެވެ. "އެ މީހުންގެ [އެމްޑީޕީގައި] ނުތިބޭނެ އިނގިލީގެ ނިޝާން ޖަހާފައި 5،000 މެމްބަރުން ވެސް."
ރޭގެ ވާހަކައިގައި ވެސް ޔާމީން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީއާ އެކީ ކުރިއަށްދާން ޕީޕީއެމް ޝައުގުވެރިވާ ކަމަށާއި އެކަމާ ގުޅޭގޮތުން ދެ ޕާޓީގެ މެދުގައި މަޝްވަރާކުރެވެމުންދާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކޯލިޝަންގެ ތެރެއިން ކެންޑިޑޭޓެއް ނުނެރުނު ނަމަވެސް އަދާލަތާއެކު އެއްބަސްވާ ކަންކަމަކީ ދެ ފަރާތަށް ވެސް ފައިދާ ވާނެ ކަންތައްތަކަކަށް ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ