ހަސަން ކުރުސީ އަކީ އަޅުގަނޑުގެ ބައެއް ލިޔުންތަކުގެ ހަގީގީ-ހިޔާލީ ޝަހްސެއް: ރައީސް ނަޝީދު

ޓުވިޓާ އެކައުންޓް ހަސަން ކުރުސީ އަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ- ޚިޔާލީ ޝަޙްސެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ޓުވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ އެކައުންޓުގެ ވެރިފަރާތަކީ ރައީސް ނަޝީދު ކަމަށް، އެމްޑީޕީގެ އަންހެނުންގެ ވިންގުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެ އެކައުންޓުގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދު ކަމަށް ރޮޒެއިނާ ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ގާތް އެކުވެރިންނާއި ރަހުމަތްތެރިންނަށް ފަޅު ރަށްތައް ބެހި ކަމަށް ވިދާޅުވެ ރޮޒެއިނާ ކުރި ޓްވީޓަކަށް ހަސަން ކުރުސީ އެކައުންޓުން ދިން ރައްދުގެ ސަބަބުންނެވެ.
އެގޮތުން ހަސަން ކުރުސީގެ އެކައުންޓުން ދިން ރައްދުގައި ބުނެފައިވަނީ، "ރޮސޭ" އަކީ ފައިސާ އާއި މަގާމާއި، މަޝްހޫރުކަމުގެ ބޭނުމުގައި އުޅޭ ފަރާތެއް ކަމަށާއި، އިސްލާހަށް މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅޭ ބޭކަނބަލެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މެމްބަރު ރޮޒެއިނާ، ރައީސް އަބްދުﷲ ޔާމީން ނުވަތަ ކާނަލް ނާޒިމް އަދި އުމަރު ނަސީރު ނުވަތަ އަބްދުލްރަހީމް އަބްދުﷲގެ ފަހަތުން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ހަސަން ކުރުސީ ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
މި ޓުވީޓަށް ޖަވާބުދީ މެމްބަރު ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމަނާއަށް "ރޮސޭ"ގެ ނަމުން މުހާތަބުކުރާ ހަމައެކަނި ފަރާތަކީ ރައީސް ނަޝީދު ކަމަށާއި، ހަސަން ކުރުސީ އަކީ ރައީސް ނަޝީދުކަން ފަޅާ އެރީ ކަމަށެވެ. އަދި ރައީސް ނަޝީދަކީ އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ ބާރުވެރިކަމަށް ދަހިވެތިވެފައިވާ، އެމްޑީޕީ އާއި މުޅި ގައުމު ހަލާކުކޮށްލަން މަސައްކަތްކުރާ ބޭފުޅެއް ކަމަށާއި ރައީސް ނަޝީދު ލަދުގަންނަން ޖެހިވަޑައިގަންނަވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ މިހެން ވިދާޅުވެފައި ވަނިކޮށް ރައީސް ނަޝީދުގެ ރަސްމީ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަސަން ކުރުސީ އަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ ޚިޔާލީ ޝަހްސެއް ކަމަށާއި، ހަސަން ކުރުސީ އަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހްސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ ކަމަށެވެ.
އަދި އެއީ ޖިސްމާނީ ގޮތުން އެމަނިކުފާނު ނޫން ކަމަށާއި، ލިޔުމަކުން އުފެދުނު ޝަހްސެއް މި ދަރަޖައަށް ދިރިގެން ދާކަމީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް، "އެޗްކޭ"ގެ ނަމުގައި ސޯޝަލް މީޑިއާގައި ޝާއިއު ކުރަނީ ހަމަ ކަށަވަރުންވެސް އެމަނިކުފާނު ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ހަސަން ކުރުސީގެ ނަމުގައި އެތައް އެކައުންޓެއް ޓުވިޓާގައި އުފައްދާފައިވާއިރު، މީގެތެރެއިން ރައީސް ނަޝީދުގެ އެކައުންޓު ކަމަށް މެމްބަރު ރޮޒެއިނާ ތުހުމަތުކުރައްވަނީ، "އެޗްކުރުސީ" ޔޫޒަރ ނޭމް އަކަށް ޖަހާފައިވާ އެކައުންޓެވެ. މި އެކައުންޓަކީ ޓުވިޓަރ ބްލޫ އަށް ސަބްސްކްރައިބް ކޮށްގެން ވެރިފައި ކޮށްފައިވާ އެކައުންޓެއްވެސް މެއެވެ.
އަދި މި އެކައުންޓަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި، އެމްޑީޕީގެ ތެރޭގައި "އުފެދިފައިވާ" ކަމަށް ގިނަބަަޔަކު ބުނަމުން އަންނަ ރައީސް ޞާލިޙް އަށް ތާއީދުކުރާ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، ޓުވީޓުކުރާ އެކައުންޓެއްކަން ފާހަގަކޮށްލެވެއެވެ.
އަދި މި އެކައުންޓުން ކުރާ ޓުވީޓުތަކުގައި، އެކައުންޓަކީ ރައީސް ނަޝީދު ހިންގަވާ އެކައުންޓެއް ނޫންކަމަށް ބުނަމުން ދެއެވެ. މީގެއިތުރުން ރައީސް ނަޝީދުގެ ދިފާއުގައި އާއި، ރައީސް ނަޝީދުއަށް ތައުރީފުކޮށް ގިނަ ޓުވީޓުތަކެއްވެސް މި އެކައުންޓުން ކުރާކަން ފާހަގަކޮށްލެވެއެވެ.
"ހަސަން ކުރުސީ"ގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދު ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނައިރު، އެކި ނަންނަމުގައި ރައީސް ނަޝީދު މީގެކުރިން ޓުވިޓަރ އެކައުންޓުތައް ހިންގަވާކަމަށް އެމަނިކުފާނު އިއުތިރާފުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ