ލިވަޕޫލްގެ 13 ޕޮއިންޓްގެ ލީޑު އަތުލެވިދާނެތަ؟ ވަރަށް ހީނުވޭ

ރޭ ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ހޯދި 2-0ގެ މޮޅާ އެކު ލިވަޕޫލް މިހާރު އޮތީ ތާވަލްގައި 13 ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. އެހެންކަމުން އެހެން ޓީމަކަށް ލިވަޕޫލް އަތުލުމަކީ ކުރެވޭ ވަރަށް ވުރެ ނުކުރެވޭނެ ކަމެއް ކަމަށް ބަލަން އެބަ ޖެހެ އެވެ.
ލިވަޕޫލް ތިން ޕޮއިންޓް ކަށަވަރުކުރި އިރު ދެވަނާގައި އޮވެގެން ވާދަކުރަމުން އަންނަ އާސެނަލްއަށް ރޭ ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުނުވެ އެއްވަރުވުމުން އެ ގެއްލުނީ ދެ ޕޮއިންޓެވެ.
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި 13 ޕޮއިންޓްގެ ލީޑަކީ ސީޒަންގެ މިހާ ހިސާބުން އަތުލަން ވަރަށް އުނދަގޫ އަމާޒެކެވެ. އެއީ ލިވަޕޫލް ހަތަރު މެޗުން ބަލިވެފައި، އާސެނަލް ފަސް މެޗުން މޮޅުވުމެވެ. ލިވަޕޫލް މިހާރު އޮތް ފެންވަރަށް ބަލާއިރު އެއީ ވެދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.
"މިރޭގެ މި ނަތީޖާއާ އެކު އާސެނަލްގެ ކަންތައް އެ އޮތީ ނިމިފައި ގާތްގަނޑަކަށް،" ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ ކުރީގެ ކުޅުންތެރިޔާ މާޓިން އޯނީލް ބުންޏެވެ.
"އަހަންނަކަށް ނުފެނޭ އާސެނަލްއިން ލިވަޕޫލްއާ އަރާ ހަމަކުރެވޭނެ ތަނެއް. އެއްގޮތަކަށް ވެސް ނުފެނޭ."
ލިވަޕޫލް، ކުޅުނު 28، ޕޮއިންޓް 67
އާސެނަލް، ކުޅުނު 27، ޕޮއިންޓް 54
ނޮޓިންހަމް ފޮރެސްޓް، ކުޅުނު 27، ޕޮއިންޓް 48
މެންޗެސްޓަ ސިޓީ، ކުޅުނު 27، ޕޮއިންޓް 47
ޗެލްސީ، ކުޅުނު 27، ޕޮއިންޓް 46
ފޮރެސްޓްގެ މެޗުގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އެއްވެސް ފުރުސަތެއް އޮތް ނަމަ އޭނާގެ އުއްމީދު ކަނޑާނުލާނެ ކަމަށެވެ.
އެކަމަކު ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް އަދިވެސް ހުރީ ތަށި ޔަގީންވެއްޖެ ކަމަށް ބަލައިގެންނެއް ނޫނެވެ. އޭނާ ބުނީ ކުރިއަށް 10 މެޗު އޮތް އިރު އެއީ ވަރަށް ދިގު މުއްދަތެއް ކަމަށެވެ.
"މާޗު މަހު އަހަރެމެން ކުޅެން މި ޖެހެނީ ލީގުގައި އެންމެ މެޗެއް. އެހެންވެ އެއީ ވަރަށް ދިގު މުއްދަތެއް،" ސްލޮޓް ބުންޏެވެ.
އޭނާ ބުނީ ދެން އޮތީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ