ހަކުރުބަލީގެ މީހުން ބޭނުންކުރުމަށް އުފައްދާފައި ހުންނަ އާޓިފިޝަލް ސްވީޓްނާ ނުވަތަ ޑައިބެޓިކް ހަކުރަކީ ހަގީގަތުގައި ވެސް އަހަރެމެންގެ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ހެއްޔެވެ؟ ދާއިމީ ގޮތެއްގައި ޑައިބެޓިކް ހަކުރު ބޭނުންކުރުމަކީ، އަހަރެމެންގެ ވިސްނުމުގެ ހުނަރަށާއި ހަނދާނަށް ނޭދެވޭ އަސަރުކުރާ ކަމެއް ހެއްޔެވެ؟
ސައެންސްވެރިންގެ މެދުގައި ވެސް މި ބަހުސްތައް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، ހަކުރުގެ ބަދަލުގައި، ފޮނިރަހަ ލައްވަން އުފައްދާފައި ހުންނަ ތަފާތު އެހެން އެއްޗެހި ބޭނުންކުރުމާއި ސިކުނޑި މުސްކުޅިވުމާ ދެމެދު ގުޅުންތަކެއް އެބަހުއްޓެވެ. ނަމަވެސް އެކަން މުޅިން ކަށަވަރުކުރުމަށާއި އެ ގުޅުން އުފެދޭ ގޮތް ދެނެގަތުމަށް އިތުރު ދިރާސާތައް ހަދަންޖެހޭ ކަމަށް ސައެންސްވެރިން ދެކެއެވެ.
ސިއްހަތާ ބެހޭ ދިރާސާތައް ޝާއިއުކުރާ، އެމެރިކާގެ ވެބްސައިޓެއް ކަމަށްވާ މެޑިކަލް ނިއުސް ޓުޑޭގައި އާންމުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން، ހަކުރުގެ ބަދަލުގައި ފޮނިރަހަ ލައްވަން އުފައްދާފައި ހުންނަ އެއްޗެހި އާންމު ގޮތެއްގައި ބޭނުންކުރާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ. އޭގެ ތެރޭގައި ދިޔާކޮށް އުފައްދާފައި ހުންނަ ތަކެއްޗާއި ކުނޑި (ޕައުޑަރު) ގޮތަށް އުފައްދާފައި ހުންނަ އެއްޗެހި މަދެއް ނޫނެވެ. އަދި އާންމުކޮށް މިފަދަ ބާވަތްތައް ބޭނުންކުރަނީ ވެސް ހަކުރު ބަލީގެ މީހުންނެވެ.
ސައި ބޯ އިރު، ހަކުރުގެ ބަދަލުގައި ޑައިބެޓިކް ހަކުރު ބޭނުންކުރުމަށް ޑޮކްޓަރުން ލަފާ ދެއްވަނީ، ޑައިބެޓިކް ހަކުރު ބޭނުންކުރުމުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު މައްޗަށް ދިއުން ކޮންޓްރޯލް ކުރެވޭތީ ނުވަތަ ހަކުރު މައްޗަށް ނުދާކަމަށް ބެލެވޭތީއެވެ. އެހެންކަމުން، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވެސް ވަނީ، ތަފާތު އެތައް ބާވަތެއްގެ ޑައިބެޓިކް ހަކުރަށް ހުއްދަ ދީފައެވެ.
އެހެން ނަމަވެސް، ހަކުރުގެ ބަދަލުގައި ފޮނިރަހަ ލައްވަން އުފައްދާފައި ހުންނަ އެއްޗެހި އާންމު ގޮތެއްގައި ބޭނުންކުރުމުން އިންސާނުންގެ ސިއްހަތަށް ގެއްލުން ލިބުމާ ބެހޭ ގޮތުން މިފަހުން ވަނީ އެތައް ދިރާސާތަކެއް ހަދައިފައެވެ. އެންމެ ފަހުން އާންމުކުރި މިފަދަ ދިރާސާއަކީ އެމެރިކަން އެކަޑެމީ އޮފް ނިއުރޮލޮޖީގެ މެޑިކަލް ޖާނަލް، ނިއުރޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުން، ހަކުރުގެ ބަދަލުގައި ފޮނިރަހަ ލައްވަން އުފައްދާފައި ހުންނަ ބާވަތްތައް ކަމަށްވާ، އަސްޕަޓޭމް، ސަކަރީން، އޭސީސަލްފޭމް-ކޭ، އެރިތްރޮޓޯލް، ޒައިލަޓޯލް އަދި ސޯބިޓޯލް، އާންމު ގޮތެއްގައި ބޭނުންކުރުމަކީ، އެމީހެއްގެ ހަނދާނުގެ ބަޔަށް ގެއްލުން ފޯރާ ކަމެކެވެ. މި ފަދަ ސިނާއީ ހަކުރުތައް ބޭނުންކުރުމުން، އެމީހެއްގެ ވިސްނުމުގެ ހުނަރު ބަލިކަށިވެއެވެ.
އިންސާނުންގެ އުމުރު މައްޗަށް ދިޔުމަކީ، ސިކުނޑީގައި ހުންނަ ހަރުލާފައި ހުންނަ ހަނދާނުގެ ބައިތައް މަދުމަދުން ފޮހެވެމުން ދާ ކަމެކެވެ. މި ގޮތަށް ހަނދާންތައް ފޮހެވެނީ، އެމީހެއްގެ އުމުރުގެ އެންމެ ކުރީކޮޅުން ފަށައިގެން ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް، ހަނދާންތައް ފޮހެވެމުން ދަނީ މީހާގެ އުމުރުގެ ވަކި ހިސާބަކުން ފެށިގެން ތަރުތީބަކުން ނޫނެވެ.
އެފަދަ ހާލަތް މެދުވެރިވުމުން، ހަނދާން ފޮހެވެނިއްޔޭ ބުނުމަށް ވުރެ އެންމެ ރަނގަޅު ވާނީ، ހަނދާން ބަލިކަށިވަނިއްޔޭ ބުނުމެވެ. އެހެންކަމުން، ހަކުރުގެ ބަދަލުގައި ފޮނިރަހަ ލައްވަން އުފައްދާފައި ހުންނަ އެއްޗެހި އާންމު ގޮތެއްގައި ބޭނުންކުރުމުން، އެމީހެއްގެ ހަނދާން ބަލިކަށިވެފައި ހުންނަ މިންވަރަށް ރިއާޔަތްކުރާ ނަމަ އެއީ، އެމީހެއްގެ އަސްލު އުމުރަށް ވުރެ، އެމީހެއްގެ ސިކުނޑި 1.6 އަހަރު މުސްކުޅިވުން ކަމުގައި ސައެންސްވެރިން ދެކެއެވެ.
ސިކުނޑި މުސްކުޅިވުމާއި ޑައިބެޓިކް ހަކުރާ ގުޅުން އެބަހުރި ސިކުނޑި މުސްކުޅިވުމާއި ޑައިބެޓިކް ހަކުރާ ގުޅުން އެބަހުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ