ރިދިމާ ބޮލީވުޑަށް ތައާރަފުވާ ފިލްމު އަންނަ އަހަރުގެ މަންމައިންގެ ދުވަހު

އިންޑިއާގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ ދައްތަ ރިދިމާ ކަޕޫރު ސަހާނީގެ ފުރަތަމަ ބޮލީވުޑް ފިލްމު "ދާދީ ކީ ޝާދީ" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ. ރިދިމާގެ މި ފީޗާ ފިލްމު ކުރިން ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި މަހެވެ. އިންޑިއާގެ ޝިމްލާގައި 40 ދުވަހުގެ ޝޫޓިންގް ޝެޑިއުލް މިހާރު ވެސް ނިންމާފައިވާ މި ފިލްމު މި މަހު ރިލީޒް ނުކުރެވުނީ ފިލްމުގެ ބައެއް މަސައްކަތްތައް އަދި ފުރިހަމަނުވާތީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ފިލްމުގެ ބޮޑު ބައެއް މެއި މަހު ނިންމާލުމަށް ފަހު އެންމެ ފަހު ޝޫޓިންގް އެ މަހުތެރޭ ނުގެންދެވުނީ އިންޑިއާއިން ލޯންޗުކުރި 'އޮޕަރޭޝަން ސިންދޫރަ'އާ ގުޅިގެން ޝިމްލާގައި ފިލްމުގެ ނުނިމި އޮތް ބައިގެ ޝޫޓިން ކުރިއަށްގެންދިއުމަށް ރައްކާތެރިކަމަށް ނުފެންނާތީ ކަމަށް ޓައިމްސް އޮފް އިންޑިއާގައި ވަނީ ބުނެފައެވެ. ރިޕޯޓުތައް ބުނާގޮތުން މިހާރު ނުނިމި އޮތީ ފިލްމުގެ ނިންމުން ކަމަށާއި ފިލްމުގެ ނިމުން ގެންނައިރު އެންޑް-ކްރެޑިޓްގެ ގޮތުގައި ޝިމްލާގެ އެކި ސްކޫލްތަކުގެ 700 ދަރިވަރުން ބައިވެރިވާ ލަވައެއް ގެނެސްދޭން ވަނީ ނިންމާފައެވެ. ނީތޫ ސިންގް ދަރިފުޅު ރިދިމާއާ އެކު ފިލްމުގެ ޝޫޓިންގްގައި--ފޮޓޯ/ޕިންކްވިލާ މަޝްހޫރު ކޮރިއަގްރާފަރު ގަނޭޝް އަޗަރިޔާ ނެށުން ތައްޔާރުކޮށްދޭ މި ލަވައިން އެ ދަރިވަރުންނާ އެކު ފިލްމުގެ ކާސްޓުގައި ހިމެނޭ ހުރިހާ މެންބަރުން ވެސް ފެންނާނެއެވެ. އަންނަ އަހަރުގެ ޖަނަވަރީ މަސް ތެރޭ މި ލަވައިގެ ޝޫޓިންގް ފަށަން ތައްޔާރުވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޑައިރެކްޓަރު އަޝިޝް އާރު މޯހަންގެ ފިލްމު "ދާދީ ކީ ޝާދީ"އިން ރިދިމާއާ އެކު މަޝްހޫރު ކޮމީޑިއަން/އެކްޓަރު ކަޕިލް ޝަރުމާ އަދި ރިދިމާގެ މަންމަ ނީތޫ ކަޕޫރު ވެސް ފެންނާނެއެވެ. ފިލްމުގެ ޝޫޓިންގް އެއްކޮށް ނިންމާލުމަށް ފަހު ބެލުންތެރިންނަށް މި ފިލްމު ގެނެސްދޭން ނިންމާފައިވާ އާ ތާރީޚަކީ އަންނަ އަހަރުގެ މެއި މަހުގެ 10އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ