އަމާޒަކީ ދެވަނަ ލެގުގައި ރާއްޖެކޮޅަށް ގިނަ ލަނޑު ޖެހުން: ތަޖިކިސްތާން ކޯޗު
ފުރަތަމަ ލެގުގައި ރާއްޖެ ކޮޅަށް ދެ ލަނޑު ޖެހުނު ނަމަވެސް ޓާގެޓަކީ ދެވަނަ ލެގުގައި އިތުރު ލަނޑުތަކެއް ޖެހުން ކަމަށް ތަޖިކިސްތާނުގެ ކޯޗު ގޯރާން ސްޓެވަންކޮވިޗް ބުނެފިއެވެ. އަންނަ އަންގާރަ ދުވަހު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން އެ ގައުމުގައި ވާހަކަދައްކަމުން ކޯޗު ވަނީ ފުރަތަމަ ލެގުގައި އެ ޓީމުން ހެދުނު ގޯސްތަކާއެކު ދެވަނަ ލެގުގައި ރަނގަޅުކުރަން ޖެހޭ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ފުރަތަމަ ލެގު ކާމިޔާބުކޮށްފައިވަނީ ތަޖިކިސްތާނުންނެވެ. ތަޖިކިސްތާނުގެ ހިސާރު ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ކޯޗު ބުނީ ފުރަތަމަ މެޗުގައި ގިނަ ފުރުސަތުތަކެއް އެ ޓީމަށް ނަގާލެވުނު ކަމަށެވެ. އޭގެ ގެއްލުން މުޅި ޓީމަށް ކުރި ކަމަށް ކޯޗު ބުންޏެވެ. "ރާއްޖެއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އުނދަގޫވާނެ، އެކަމަކު އަހަރެމެންގެ ހުރިހާ ޑިޕާޓްމަންޓެއް ރަނގަޅަށް މަސައްކަތްކޮށްފިއްޔާ ދެ ލަނޑަށްވުރެ ގިނަ ލަނޑު ދެވަނަ ލެގުގައި ޖެހޭނެ," ކޯޗު ބުންޏެވެ. މިދިޔަ މަހު ފަހުކޮޅު ޓީމާ ހަވާލުވި ކޯޗު ވަނީ ތަޖިކިސްތާނާ އެކު ދިގު މުއްދަތުގެ ޕްލޭންތަކެއް ހަދާފައެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ ޓީމު ހަމަޔަކަށް އަޅުވައި، ގިނަ ކާމިޔާބީތަކެއް ހޯދުމެވެ. އޭގެތެރެއިން ރާއްޖެއާއެކު ކުޅޭ ދެ މެޗަކީ ޓީމުގެ ރަނގަޅުކުރަން ހުރި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުޅޭ ދެ މެޗު ކަމަށް ކޯޗު ވަނީ މީގެކުރިން ބުނެފައެވެ. ދެވަނަ ލެގުގެ ކުރިން ތަޖިކިސްތާނު ބޭއްވި ފުރަތަމަ ފަރިތަކުރުންތައް މިއަދު މާފަންނު ޓާފް ދަނޑުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި މެޗަށް ޖުމުލަ 23 ކުޅުންތެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ، ތިން ފޯވާޑުންނާއި ތިން ގޯލްކީޕަރުންގެ އިތުރުން ނުވަ ޑިފެންޑަރުންނާއި އަށް މިޑްފީލްޑަރުންނެވެ. މެޗާ ކުރިމަތިލާއިރު ރާޢްޖެ އޮތީ ގްރޫޕުގެ ފުލުގައެވެ. އެއީ، ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ. ތަޖިކިސްތާނަކީ ގްރޫޕުގެ އެއްވަނައިގައި އޮތް ޓީމެވެ. އެ ޓީމު އެއްވަނައިގައި އޮތީ ޖުމުލަ ހަތް ޕޮއިންޓާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ