އީރާނާއެކު މަޝްވަރާތަކުގައި ބޮޑު ކުރިއެރުންތަކެއް ހޯދިއްޖެ: ޓްރަމްޕް

އީރާނާއެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ބޭނުންވާ އޮނިގަނޑަށް "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، އެމެރިކާއަކީ އިތުބާރު ހިފޭ ފަރާތެއް ނޫން ކަމަށާއި އީރާންގެ ޙައްޤުތަކަށް އެއްވެސް މިންވަރަކަށް ދޫނުދޭނެ ކަމުގައި، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުގެ މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، ދެ ޤައުމުގެ މެދުގައި އެކުލަވައިލުމަށް މަސައްކަތް ކުރަމުންދާ އެއްބަސްވުމުގެ އޮނިގަނޑުގެ ގިނަ ކަންކަމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށާއި، އޮނިގަނޑުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމުގައެވެ. އަދި، އެއްބަސްވުމުގެ ދަށުން، ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން ޓްރަމްޕް ފެށްޓެވި ހަނގުރާމައާ ގުޅިގެން ބަންދުކުރި ހުރްމުޒް ކަނޑުއޮޅި ހުޅުވައިލެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އީރާނުން ހުރްމުޒް ބަންދުކުރުމާއި، އެމެރިކާއިން އީރާންގެ ބަނދަރުތައް ޙިޞާރުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.
އެއްބަސްވުމުގެ އޮނިގަނޑު އެކުލަވައިލުމުގެ ބޮޑުބައި ނިމިފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާންގެ ސަރުކާރު ޚަބަރުތައް ނެގެސްދޭ ތަސްނީމް ނޫސް އޭޖެންސީން ވަނީ އެއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ރިޕޯޓުކޮށްފައެވެ. މަޞްދަރުތަކުން ބުނީ، ސުލްޙައިގެ އެއްބަސްވުމުގެ އޮނިގަނޑު ބިނާވެގެންދާނީ ތެހްރާނުން ހުށަހަޅާފައިވާ 14 ނުކުތާގެ މައްޗަށް ކަމުގައެވެ. އަދި، އެއްބަސްވުން ތަންފީޒުކުރެވޭނީ ތިން މަރުޙަލާއަކަށް ބެހިގެން ކަމުގައެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ހަނގުރާމަ ހުއްޓައިލުމެވެ. އަދި، އެއަށްފަހު ހުރްމުޒް ބެލެހެއްޓުމުގެ ކަންކަމާމެދު ގޮތެއް ނިންމުން ހިމެނިގެންދާނެއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، ޚިޔާލުތަފާތުވުންތައް ކުޑަވަމުންދިޔަ ނަމަވެސް، އެމެރިކާގެ ޙަމަލާތަކުގެ ބިރުވެރިކަން ނައްތައިލުމާއި ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އީރާނުން އިސްކަންދޭ ކަމުގައެވެ. އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު އީރާނަށް ނުދިނުމާއި، ތެހްރާނުން މުއްސަނދިކޮށް ރައްކާކޮށްފައި ހުރި ޔުރޭނިޔަމް އަތުލައިގަތުމަކީ ވޮޝިންގޓަނުގެ މައިގަނޑު އަމާޒު ކަމުގައެވެ.
ސުލްޙައިގެ މަޝްވަރާތައް ކުރިއެރުވުމަށް ޕާކިސްތާންގެ އަސްކަރިއްޔާގެ ވެރިޔާ ޢާޞިމް މުނީރު ދާދިފަހުން ވަނީ ތެހްރާނަށް ވަޑައިގަންނަވައި، އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއާ ބައްދަލުކުރައްވާފައެވެ. އެ ބޭފުޅުންގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް އެކުލަވައިނުލެވިއްޖެ ނަމަ އީރާނަށް އަލުން ޙަމަލާދޭން ފަށާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، އީރާނުން ބުނީ އެމެރިކާއިން އަލުން ހަނގުރާމަ ފަށައިފިނަމަ، އޭގެ ނަތީޖާ ކުރިއަށްވުރެ ބޮޑަށް ހިތިވާނެ ކަމުގައެވެ. އަޟުޙާ ޢީދު ބަންދަށްފަހު މި އެއްބަސްވުމާ މެދު އިތުރު ގޮތްތަކެއް ނިންމުމަށް ދެ ފަރާތުން މަސައްކަތް ކުރާނެކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ