ސުޕަމޭންގެ ކާމިޔާބާއެކު ސުޕަގާލް އަންނަ އަހަރު

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ހިޓު ސުޕަހީރޯ ފިލްމު "ސުޕަމޭން"ގެ ސީކުއަލް ފިލްމު "ސުޕަގާލް" އަންނަ އަހަރު ރިލީޒްކުރުމަށް ތާވަލުކޮށްފިއެވެ. މި މަހު ދައްކަން ފަށާފައިވާ ސުޕަމޭންގެ ފިލްމަކީ ޑީސީ ކޮމިކް ޔުނިވާސްގެ ވާހަތައް އަލުން ފަށާ ފިލްމެވެ. މި ފިލްމުގައި ސުޕަމޭންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޑޭވިޑް ކޮރެންސްވެޓް އެވެ. އެއަށްފަހު އެކި ޑީސީ ކެރެކްޓަރުތައް މި ފިލްމަށް ތައާރަފުކޮށްފައިވެއެވެ. އޭގެތެރެއިން އެއް ކެރެކްޓަރަކީ ސުޕަގާލްގެ ކެރެކްޓަރެވެ. ސުޕަމޭންގެ އެންމެ ފަހު މަންޒަރުތަކުން ސުޕަގާލް ތައާރަފުކުރުމާއެކު ފޭނުން ވަގުތުން ބުނަން ފެށީ އެ ކެރެކްޓަރު ގިނައިން ސްކްރީނުން ފެންނަން ބޭނުންވާ ކަމަށެވެ. ހައުސް އޮފް ޑްރެގަންގެ އެކްޓަރު މިލީ އަލްކޮކް، ސުޕަގާލްގެ ރޯލުން ފެނިގެންދާ އިރު ދާދިފަހުން އިއުލާނުކޮށްފައިވަނީ ކެރެކްޓަރަށް ހާއްސަ ވަކި ފިލްމެއް ނެރޭނެ ކަމެވެ. ސުޕަމޭންގެ ޑައިރެކްޓަރު ޖޭމްސް ގަން ޑައިރެކްޓް ކުރާ ސުޕަގާލްގެ ޕޯސްޓަރަކާއެކު ފިލްމު ރިލީޒްކުރާ ތާރީހު ވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން އާ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން 26ގައެވެ. ގަން ބުނާގޮތުގައި އަލަށް ނެރެން ތައްޔާރުވާ ފިލްމަކީ މިހާރު ދައްކާ ސުޕަމޭން ފިލްމާ ވަރަށް ތަފާތު ފިލްމަކަށް ވާނެއެވެ. މިއީ ސުޕަމޭންގެ ކެރެކްޓަރާ މުޅީން އިދިކޮޅު ކެރެކްޓަރަކަށް ވާނެ ކަމަށްވެސް ގަން ބުނެއެވެ. ސުޕަމޭން އާއެކު ގަންގެ ބެލުމުގެ ދަށުން ޑީސީ އަލުން އަތުރާއިރު ފުރަތަމަ ފިލްމުވެސް މިސްރާބު ޖަހާފައި ހުރީ ހިޓަކާ ދިމާލަށެވެ. މި ފިލްމުގެ އާމްދަނީ 500 މިލިއަން ޑޮލަރާ ގާތްކުރާއިރު ގިނަ ބަޔަކު ހީކުރީ ފިލްމު ބޮޑު ފްލޮޕަކަށް ވެގެންދާނެ ކަމަށެވެ. މިހާރު ގަންގެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ ޑީސީގެ ބޮޑު ކެރެކްޓަރެއް ކަމަށްވާ "ވޮންޑަވުމަން" އަށް އެކްޓަރެއް ހޯދުމުގެ މަސައްކަތެވެ. މީގެ ކުރީން އެ ރޯލުން ފެނިގެން ގޮސްފައިވަނީ އިސްރާއިލް އެކްޓަރު ގަލް ގަޑޯޓް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ