މިއަހަރުގެ މިހާތަނަށް 22 ކަނދުފަތި މިސަރުކާރުން އަޅައިފި

މިސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 ކަނދުފަތި އަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މީގެ ތެރޭގައި މިދިޔަ އަހަރު އެޅި 12 ކަނދުފައްޗާއި މިއަހަރުގެ މިހާތަނަށް އަޅާފައިވާ 10 ކަނދުފަތި ހިމެނެއެވެ.
ރާއްޖޭގައި އަޅާފައިވަނީ 2 ބާވަތެއްގެ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ދޮށީގެ ކަނދުފައްޗަކީ ދޮށީގެ ނުވަތަ ކަނޑު މަހުގެ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެއް ކަމަށާއި، ވަދު ކަނދުފައްޗަކީ ފަރު މަސްވެރިކަމާއި މުނިފޫހި ފިލުވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.
ރާއްޖޭގައި މިހާތަނަށް ޖުމްލަ 101 ކަނދުފަތި ވަނީ އަޅާފައެވެ. މީގެ ތެރޭގައި މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ 65 ދޮށީގެ ކަނދުފައްޗާއި، 36 ވަދު ކަނދުފަތި ހިމެނެއެވެ.
މިވަގުތު ރާއްޖޭގައި ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެއް ކަމަށްވާ ހުޅުމާލޭގައި ހުރި ސެންޓަރެވެ. މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް އެވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ފާހަގަކުރެވެއެވެ.
މި ގޮންޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް 2 ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް މަސްވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ށ. ފުނަދޫގައި އަޅާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ