އެމްއޭސީއެލްގައި ލޯން ދެއްކުމުގެ ގާބިލުކަން އެބަހުރި: ޝަރީފް

ލޯނުތައް ދެއްކުމުގެ ފުރިހަމަ ގާބިލްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެެޑް (އެމްއޭސީއެލް) ގައި އެބަހުރިކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.ޓީވީއެމްގެ "ހެއްޔަންބޯ"ގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ދޭ ހިދުމަތްތައް ތަރައްގީކޮށް، ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށް ޓަކައި މި ދައުރުގައި ކޮށްފައިވާ ބައެއް ކަންތައްތައް ފާހަގަ ކުރައްވައިފައެވެ.އޭގެ ތެރޭގައި ފިއުލް ހައިޑްރަންޓް ސިސްޓަމް ބޭނުންކުރަން ފެށުމުން ދުރުރާސްތާ ބޯޓުތަކަށް ތެޔޮ އަޅަން ހޭދަވާ ވަގުތުން 45 މިނެޓާއި އެއް ގަޑިއިރު ސަލާމަތް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިފުތިތާހުކުރި ފިއުލް ހައިޑްރަންޓް ސިސްޓަމަކީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ 8.4 ކިލޯމީޓަރުގެ ވިއުގައެކެވެ.މީގެއިތުރުން އައު ޓަމިނަލާއެކު ޓުއަރިޒަމް އިންޑަސްޓްރީއާ ގުޅިގެން ރާއްޖެއަށް އިތުރު އެއާލައިންތައްވެސް ގެނެވޭނެކަމަށާއި، މިހާރު ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުން ޝެޑިއުލް ދަތުރުތައް އިތުރު ކުރެވޭނެކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ.ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ގިނަ ތައްޔާރީތަކެއް އެރޕޯޓުން ދަނީ ވަމުންނެއެވެ. އެގޮތުން އައު ޓަރމިނަލްގެ އެކި ކަންކަން ޓެސްޓުކޮށް ގިނަ ޓްރިއަލްތަކެއް ދަނީ ކުރިއަށް ގެންދަމުންނެއެވެ.އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާގައި ޖުލައި 26ގަ އެވެ.އެމްއޭސީއެލްގައި ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަމުގެ ޔަގީންކަން ޝަރީފް ދެއްވިއިރު، މިދިޔަ އަހަރު އެ ކުންފުނީގެ ދަރަނި 13 ބިލިއަށް ރުފިޔާއަށްވުރެ އިތުރެވެ.އޭގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ އެކި ދަރަނިތަކަށް ނުދައްކައި 1.6 ބިލިއަން ރުފިޔާ އެބަ އޮތެވެ. އޭގެ ތެރޭގައި ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ، ޑިސެންބަރު 26، 2023ގައި ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ. އެއީ ފަސް އަހަރުން ދައްކާ ގޮތަށް، ކޮންމެ އަހަރަކަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ބީއެމްއެލްއިން ނެގި ލޯނެކެވެ. މި ލޯނުގެ 40 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން 24ގައި 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކޯޕަރޭޓް ބޭނުމަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުން ދައްކާގޮތަށް ބީއެމްއެލްއިން ނަގާފައިވެއެވެ. އޭގެ ތެރެއިން ވެސް 26.5 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވަން ތައްޔާރުވަމުންދާއިރު، އެ ތަން ފަރުމާކޮށްފައިވަނީ 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭހާ ޖާގަ ތަނަވަސްކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ