އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް ރައީސް ސޯލިހު ތާއިދެއް ނުކުރައްވާނެ: ނަޝީދު

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ. ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން މާލޭގައި ޕޯސްޓަރު ހަރުކުރަން ފެއްޓެވުމުގެ ގޮތުން މިއަދު ހެނދުނު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެ ޕާޓީގެ ކެންޑިޑޭޓް ނޫން އެހެން ފަރާތަކަށް ވޯޓު ދިނުމަށް ރައީސް ސޯލިހުވެސް އަދި އެމަނިކުފާނުވެސް ނޭދޭނެ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން އެކަނި އެ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވި ނަމަވެސް ކުރިއަށް މި އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. "އެ ބޭފުޅާއެއް މި ޕާޓީގެ ކެންޑިޑޭޓުން ނޫން ކެނޑިޑޭޓަކަށް ތާއީދެއް ނުކުރައްވާނެ އެއަކީ އެއް އެއްގޮތަކަށްވެސް އަޅުގަނޑުވެސް އަދި މި ޕާޓީގެ އެކަކުވެސް ގަބޫލުކޮށްގެން ވާނެ ވާހަކައެއް ނޫން. އިރާދަކުރެއްވިއްޔާ ކަން ހިނގަމުންވެސް މިދަނީ އަޅުގަނޑު މިދެންނެވި މަގުން،" ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި އެމްޑީޕީގެ ޓިކެޓްގައި މާލޭގެ ގޮނޑިއަކަށް ވާދަ ކުރައްވާ ނަޝީދު ވިދާޅުވިއެވެ. ރައީސް ސޯލިހު ތާއިދު ކުރައްވާ ކެންޑިޑޭޓު ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތް ނުވާ ބައެއް ފަރާތްތަކުން ވާހަކަ ދައްކާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ އެއީ ހުސް ދޮގު ކަމަށެވެ. އަދި ރައީސް ސޯލިހުއޭ ކިޔައިގެން ތަންތަނުގައި ވާހަކަ ދެއްކުން އެންމެ އައުލާކަން ބޮޑީ އެމަނިކުފާނު ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ކެމްޕެއިން ސޮލޯގަން "އެޖެންޑާ19"ގައި ހިމެނެނީ މައިގަނޑު 19 ގާނޫނީ އޮނިގަނޑެއް ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އޭގެން ކޮންމެ ގާނޫނީ އޮނޮގަޑެއްގައި ބައިވަރު ގާނޫނުތައް އެކުލެވިގެންވާނެ ކަމަށެވެ. ނަޝީދު ވަނީ އެޖެންޑާ19 ގައި ހިމެނޭ ބައެއް ސިޔާސަތުތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ. އެގޮތުން އެމްޑީޕީން ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ގޯސް ކަމަށް ވިދާޅުވާ ފަރާތްތަކުން އެއަށްވުރެން ރަނގަޅު ސިޔާސަތުތަކެއް ދެއްކެވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. "އަޅުގަނޑު ދަންނަވާލަން ބޭނުން ޑރ. ޖަމީލް އަރިހުގައި ވިދާޅުވެދެއްވަ ބައްލަވާށޭ އެޖެންޑާ19 ކަމުނުދާކަމަށް ތިޔަ ވިދާޅުވަނީ ޝަރުއީ ނިޒާމް އިސްލާހުކުރުމުގައި ދެން އޮތް އަނެއް ގޮތަކީ ކޮބައިތޯ އޭ،" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ