ދިވެހި ޖަޒީރާތަކަކީ "ކަނޑުއަޑީގެ އެމޭޒަން ޖަންގައްޔެއް": ޕިއު

ދިވެހި ޖަޒީރާތަކަކީ "ކަނޑުއަޑީގެ އެމޭޒަން ޖަންގަންޔެއް" ކަމަށާއި ދުނިޔޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތުގައި ރާއްޖެ އަށް އެންމެ ބޮޑު އިސްކަމެއް ދެވެނީ މިހެންވެ ކަމަށް، ރާއްޖޭގެ ހުރަސްމިނަށް ފަތަން ފަށާފައިވާ ސައުތު އެފްރިކާގެ ލުއިސް ގޯޑަން ޕިއު ބުނެފި އެވެ.
އިއްޔެ މެންދުރު ސޮނެވާގިލި ރިސޯޓާ ހިސާބުން ފެތުން ކުރިއަށް ގެންދިއުމުގެ ކުޑަ ވަގުތުކޮޅެއްގެ ކުރިން ރާއްޖޭގެ މީޑިއާ އަށް ދިން އިންޓަވިޔުއެއްގައި ޕިއު ބުނީ މީގެ ދެ މަސް ދުވަސް ކުރިން ރާއްޖެ އަށް ޒިޔާރަތްކޮށް، ތިމާވެށީގެ ކެމްޕޭނެއް ދުނިޔޭގެ ސަމާލުކަމަށް ގެންނަން އެންމެ އެކަށީގެންވަނީ ރާއްޖޭގައިކަން އޭނާ އަށް ޔަގީން ކުރެވުނު ކަމަށެވެ. އަދި އޭނާގެ ފެތުން ކުރިއަށް ގެންދާއިރު ރާއްޖޭގެ ފަރުތަކާއި އޭގައިވާ ދިރުންތައް އޭނާ އަށް ސިފަ ކުރެވެނީ "އެމޭޒަން ޖަންގަލި" ފަދަ ތަނެއްގެ ގޮތުގައި ކަމަށެވެ.
"އދ. އިން ނެރެފައި އެ ވަނީ އެންމެ ސައްހަ ރިޕޯޓް. އެއާ ދެކޮޅު ހަދާ ފަރާތްތަކުން އެ ދައްކާ އެއްވެސް ވާހަކައެއްގެ ސަބަބުން ދުނިޔެ އަށް ނުވަތަ އިންސާނުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ،" ނޫރާނީ 2 ސަފާރީގައި ހުރެ ހަވީރުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޕިއު، ،36 ބުންޏެވެ.
އދ.ގެ ރިޕޯޓާ ގުޅިގެން އެމެރިކާ އާއި އިނގިރޭސި ވިލާތާއި އަދި އޮސްޓްރޭލިޔާގެ ބައެއް ވިޔަފާރި ކުންފުނިތަކުން މިހާރު ދަނީ "ބުހުތާނު ހަދާ ސައިންޓިސްޓުން"ނަށް ފައިސާ ދީގެން އެ ރިޕޯޓާ ދެކޮޅު ޕްރޮޕެގެންޑާތައް ފަތުރަމުން ކަމަށް ހުޅަނގުގެ ބައެއް ނޫސްތަކުން ބުނެ އެވެ. އަދި މި ގޮތަށް ފައިސާ ދީގެން ދޮގު ރިޕޯޓުތައް ނެރުމުގެ ބޭނުމަކީ ކިޔޯޓޯ ޕްރޮޓޮކޯލް ފަދަ މުއާހަދާތަކުގައި އެމެރިކާ އާއި އޮސްޓްރޭލިޔާ ސަރުކާރުން ސޮއި ނުކުރުމަށް ބާރު އެޅުން ކަމަށާއި މިއީ ހުޅަނގުގެ ބޮޑެތި ވިޔަފާރިވެރިން ރާވައިގެން ކުރާ ކެމްޕޭނެއް ކަމަށް އިނގިރޭސި ވިލާތުގެ ނޫހަކުން ބުނެފައިވެ އެވެ.
ކ. މީރު އައިލެންޑް ރިސޯޓުން ހޮނިހިރު ދުވަހު ފަތަން ފެށި ޕިއު މިއަދު ހަވީރު 00: 5 ގައި ފަތާފައި މާލެ އަށް އެރުމަށް ހަމަޖެހިފައިވެ އެވެ. މި އިވެންޓް ރާއްޖެ އިން ކޯޑިނޭޓް ކުރާ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ވިދާޅުވީ ޖެޓީ ނަންބަރު 1 އަށް ޕިއު މިއަދު ހަވީރު އެރުމުން ޚާއްސަ ރަސްމިއްޔާތެއް އެ ތާނގައި ބާއްވާނެ ކަމަށެވެ.
ޕިއުގެ ފެތުން މެނޭޖްކޮށްދެނީ އިނގިރޭސި ސިފައިންނަށް އެތައް އަހަރުތަކެއް ވަންދެން ތަމްރީން ދީފައިވާ ސްކޫލެއްގެ ޗެއާމަން ކަމަށްވާ ޓިމް ސުވެލް އެވެ. ޕިއުގެ ފަރާތުން "ކަންނެތް"ކަން ނުވަތަ "މަޑުޖެހުމެއް" ފާހަގަ ކުރެވިއްޖެ ނަމަ، ޕިއުއާ އެއްވަރަށް ދޯނި ދަތުރު ކުރާއިރު ޓިމް އޭނާ އަށް މިލިޓަރީ ސްޓައިލަށް "ހިތްވަރު ދޭން" ހުރެ އެވެ. އަދި ފެތުން މެދުކެނޑުނަ ނުދިނުމަށް ބޯފެނާއި ކާއެއްޗެހި މޫދަށް އުކައިދެ އެވެ. އޭގެ އިތުރުން ޕިއުގެ ފޫހިފިލުވައިދިނުމަށް އޭނާގެ އެކުވެރިއެއް ވެސް ބައެއް ފަހަރު އޭނާއާއެކު ފަތަ އެވެ.
ޕިއު ބުނީ އާދީއްތަ ދުވަހު ދިވެހި ފަތާ ޓީމު ވެސް އޭނާ އަށް ޒިޔާރަތް ކުރި ކަމަށާއި އޭނާއާއެކު ކޮންމެވެސް ވަރަކަށް ފެތި ކަމަށެވެ.
"އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދިވެހި ފެތުންތެރިން އަހަރެންނަށް ވުރެ މާ ބާރު ސްޕީޑްގައި ފަތާކަން. އެއީ ވަރަށް ރަނގަޅު ކަމެއް،" ޕިއު ބުންޏެވެ.
މެރިޓައިމް ދާއިރާއިން ގާނޫނީ ވަކީލުކަން ކުރަމުން އަންނަ ޕިއު ބުނީ މި އަހަރުގެ މެދުތެރޭގަ އާއި އަދި އަންނަ އަހަރުގެ ތެރޭގައި ވެސް ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ދެ ކެމްޕޭނެއް އޭނާ ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.
"އެއީ ވަރަށް އާދަޔާ ޚިލާފު ދެ ކެމްޕޭނެއް. އަދި ސިއްރެއްގެ ގޮތުގައި ބާއްވާފައި އޮންނާނީ. އެއީ އަހަރެންނަށް ވުރެ ކުރިން ބަޔަކު އެ ކަންތައް ކޮށްފާނެތީ،" ޕިއު ހެވިފައި އިނދެ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ