ވެލާނާގެ: އެތައް މުވައްޒަފުންތަކަކަށް ބޮޑު ފަސޭހައެއް

"ވެލާނާގެ" އޮފީސް އިމާރާތް މާދަމާ ރަސްމީކޮށް ހުޅުވާއިރު އެއީ ކުރިއަށް ވުރެ ތަނަވަސް މާހައުލެއްގައި މަސައްކަތްކުރުމުގެ ހިތްހަމަޖެހުން މުވައްޒަފުންނަށް ލިބޭނެ އިމާރާތެއް ކަމަށް ބައެއް އޮފީސްތަކުގެ ވެރިން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު އޮފީސް އިމާރާތަށް، ކުރިން ހުރަވީ އަދި ޣާޒީ ބިލްޑިންގައި ހިންގި 11 އޮފީހެއްގެ މަސައްކަތް ބަދަލުވާ އިރު ބައެއް މިނިސްޓްރީތަކުން މާލޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ސެކްޝަންތައް ވެސް ވެލާނާގެ އަށް ވަނީ ގެނެސްފަ އެވެ. އެއީ ޚިދުމަތް ހޯދާ އާންމުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެރިން ވިދާޅުވެ އެވެ.
"އަޅުގަނޑުމެންގެ މި އެޑިއުކޭޝަން މިނިސްޓްރީ އަކީ ވަރަށް ބޮޑު ތަނެއް. ޣާޒީ ބިލްޑިންގެ ދެވަނަ ފްލޯގައި މި އޮތް ބައިތައް އަދި އޭގެ އިތުރުން ބޮޑުގެއޭ ކިޔާގޭގައި މިއޮތް ބައިތައް އަދި މާތިލައޭ ކިޔާ ގޯތީގައިވާ ބައިތައް އާ އިމާރާތަށް މި ބަދަލުވީ. އެހެންވީމަ އަޅުގަނޑަށް ދެންނެވޭނީ މިނިސްޓްރީގެ ހިންގުމަށް ވަރަށް ބޮޑެތި ބަދަލުތައް ގެނެވޭނެއޭ. އެއީ ދެ ފްލޯގައި ބޭފުޅުން ވަރަށް ކައިރި ކައިރިން މަސައްކަތް ކުރެވޭނެތީ. މަސައްކަތުގެ ގޮތުން ހުރިހާ ފަހަރަކު ސިޓީބިޓީ ފޮނުވުމުގެ ބަދަލުގައި ހުރިހާ ބޭފުޅުން ބައްދަލުވެލައިގެން މަސައްކަތްތައް ކުރުމަށް އިތުރު ބާރުލުމެއް ލިބޭނެ ކަމަށް ފާހަގަކުރެވޭ،" އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާމާލް އަލީ "ހަވީރާ" ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވި އެވެ.
"ވެލާނާގެ" އޮފީސް ބިލްޑިންގަށް ބަދަލުވި ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އާ އިމާރާތަށް އައުމުން ސިވިލް ސާވިސް ދާއިރާގެ އެހެން އޮފީސްތަކާ ގުޅުން ބަދަހި ކުރަން ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.
"ދެ ބިލްޑިންގެއްގައި އަޅުގަނޑުމެން އުޅުނު އިރު ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ. އަނެއް ބިލްޑިންގް އަށް ދާން ޖެހޭ ބޭފުޅުން އަޅުގަނޑުމެން ތިބޭ ބިލްޑިންގް އަށް އަންނަމުން ދޭ. އެކަމަކު މިހާރު އެއް ފްލޯއެއްގައި ތިބުމުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. މި ބަދަލާ އެކު ކުރިއަށް ވުރެ ފުރިހަމައަށް ހިދުމަތް ދެވޭނެ،" ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 230 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާފައިވާ "ވެލާނާގެ" އިމާރާތް ހުޅުވާއިރު އެ ތަނަށް ބަދަލުކޮށްފައި ވަނީ 11 އޮފީހެވެ. އެއީ ހަ މިނިސްޓްރީ އާއި ސަރުކާރުގެ އެހެން ބައެއް ޑިޕާޓްމަންޓްތަކާއި އޮފީސްތަކެވެ. އެ އިމާރާތަށް ބަދަލުކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ހިއުމަން ރިސޯސަސް އެންޑް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ނެޝަނަލް ރެޖިސްޓްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ފިޝަރީޒް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީ އަދި ސިވިލް ސާވިސް ކޮމިޝަނެވެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރި ހާއްސަކޮށްފައި ވަނީ މީޓިން ރޫމްތަކަށެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "ހަވީރަ" ށް ވިދާޅުވީ އެ އިމާރާތުގައި ގާތްގަނޑަކަށް 1،500 މުވައްޒަފުންގެ ޖާގަ އޮންނާނެ ކަމަށެވެ.
އިމާރާތުގެ ބޭސްމަންޓް ހާއްސަކޮށްފައި ވަނީ ސައިކަލްތައް ޕާކް ކުރުމަށެވެ. އެ ގޮތުން 118 ސައިކަލް އެއްފަހަރާ އެ ތަނުގައި ޕާކް ކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ޑިޒައިންކޮށް އަދި އެ ޑިޒައިނަށް ތަފާތު ބަދަލުތައް ގެނެސްފައިވާއިރު "ވެލާނާގެ" އިމާރާތުގެ އެންމެ ތިރީގައި ކެންޓީނެއް ވަނީ ހާއްސަކޮށްފަ އެވެ. އަދި ކެންޓީނާ ޖެހިގެން ފިހާރައަކަށް ވެސް ޖާގަ ހުސްކޮށްފައިވެ އެވެ.
ހައުސިން މިނިސްޓަރުގެ ނާއިބު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ "ވެލާނާގެ" އޮފީސް އިމާރާތް ޑިޒައިންކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެ ގޮތުން އޮފީސްތައް ވެސް ހަދާފައި ވަނީ ޖާގަ ތަނަވަސްވާ ގޮތަށް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ އިމާރާތަށް ވަނީ ކަނޑައެޅި އަގަށް ވުރެ ބޮޑަށް، ޑަބަލަށް ވުރެ ވެސް ބޮޑަށް އަގު އަރާފައި. ބިން ކުޑަވެގެން އުޅޭއިރު ވޭސްޓް ވެސް އެހާ ބޮޑު،" ކޮންޓްރެކްޓް ފައިނޭންސްގެ ދަށުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ "ވެލާނާގެ" އިމާރާތާ ބެހޭ ގޮތުން އަކްރަމް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގެ އެހެން އޮފިޝަލަކު ވިދާޅުވީ ކުރިއާ އަޅާބަލާއިރު "ވެލާނާގެ" އޮފީސް އިމާރާތުގައި މުވައްޒަފުން ތިބޭނީ ވަރަށް ބޮޑަށް "ހުޅުވިފައިވާ" މާހައުލެއްގައި ކަމަށެވެ.
ވެލާނާގޭގެ މުޅިތަން ވަނީ އެއް ނިޒާމަކުން އޭސީކޮށްފަ އެވެ. އަދި އެތަނުގައި ކުއްލި ހާލަތުގައި ބޭނުންކުރާނެ ޖަނަރޭޓަރު ސިސްޓަމެއް ވެސް ބަހައްޓާފައިވެ އެވެ. އިމާރާތުގައި ހަތަރު ލިފްޓާއި ސާވިސް ލިފްޓެއް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ