މަޖިލިހުން ރުހުން ނުދިނަސް ވަޒީރުން ވަކިކުރެވޭނެ އުސޫލެއް ނެތް ކަމަށް ސަރުކާރުން ބޭރުގެ ފަރާތްތަކަށް އަންގައިފި

އެއް ފަހަރާ އިސްތިއުފާ ދެއްވި ވަޒީރުން އަލުން ވަޒީރުކަމުގެ ހުވާ ކުރައްވާފައިވާ އިރު ރައްޔިތުންގެ މަޖިލިހުން އެ ބޭފުޅުންނަށް ރުހުން ނުދިނަސް ވަޒީރުކަމުން ވަކިކުރެވޭނެ އުސޫލެއް ނެތް ކަމަށް ސަރުކާރުން ބޭރުގެ ޑިޕްލޮމެޓުންނަށް މިދިއަ ހުކުރުދުވަހު މައުލޫމާތު ދީފި އެވެ.
ސްރީ ލަންކާގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އޮތް ހަލަބޮލިކަމާ ބެހޭ ގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދޭން ވަޒީރުންގެ ވަފުދެއް ދިޔަ އިރު އިދިކޮޅު ފަރާތްތަކުގެ އެންމެ އިސް ބޭފުޅުން ވެސް ވަނީ ލަންކާ އަށް ހަމަ އެއް ފްލައިޓެއްގައި ދަތުރުކުރައްވާފަ އެވެ.
ސަރުކާރުގެ ފަރާތުން ލަންކާ އަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ޑިޕްލޮމެޓިކް ބޭފުޅުންނަށް ސާފުކޮށްދެއްވީ ކޮރަޕްޝަން ނައްތާލުމަށްޓަކައި މިހާރު ސަރުކާރުން ކުރަމުންދާ ކަންތައްތަކާ ގުޅޭ މައުލޫމާތު ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތައް ބަންދުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެ ބޭފުޅުން ބަންދުކޮށްފައި ވަނީ ވެސް ކޯޓު މަރުހަލާގެ ތެރެއިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް ދެންނެވި ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ އިތުރުން ދުސްތޫރީ ބައެއް މައްސަލަތަކުގެ ވާހަކަ ވެސް އަޅުގަނޑުމެން ކިޔައިދިނިން. ކެބިނެޓުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް އަޅުގަނޑުމެން ސާފުކޮށްދިނިން. އަޅުގަނޑުމެން ދެންނެވިން ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނަސް އެ ވަޒީރުން ވަކިކުރެއްވޭނެ އުސޫލެއް ނޯންނަ ކަމަށް. ރިޔާސީ ނިޒާމެއްގައި ތިއްބަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ވަޒީރުންކަން. އިދިކޮޅު ޕާޓީގެ ލީޑަރު ބޭނުންފުޅުވާ ވަޒީރުންނެއް ރިޔާސީ ނިޒާމެއްގައި ތިއްބަވަން ނުޖެހޭނެކަން އަޅުގަނޑުމެން ދެންނެވިން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. "އޭގެ އިތުރުން އަޅުގަނޑުމެންގެ މި ޒުވާން ޑިމޮކްރެސީ ފުރިހަމަ ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކުގެ ވާހަކަ ވެސް އަޅުގަނޑުމެން ވާނީ ދައްކާފައި."
ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގަ އާއި ރިޝްވަތުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް އިދިކޮޅު މެމްބަރުން ބަންދުގައި ބޭތިއްބި މައްސަލަ އާއި ދާދި ފަހުން ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވި މައްސަލައާ ގުޅިގެން ޑިޕްލޮމެޓުންނަށް ކަންކަން ސާފުކޮށްދެއްވަން އިދިކޮޅު ޕާޓީތަކުން ވަޑައިގެންނެވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި އެ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު އަބްދުއް ރަހީމެވެ.
ސަރުކާރުގެ ފަރާތުން ލަންކާ އަށް ވަޑައިގެންނެވީ ފޮރިން މިނިސްޓަރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަލީ ސަވާދާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ބަންޑާރަ ނާއިބު ހުސްނުއް ސުއޫދެވެ.
ސުއޫދު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގާނޫނީ ލަފައެއް ރައީސް މުހައްމަދު ނަޝީދަށް ވަރަށް އަވަހަށް އަރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތަފުސީލު ހާމަކުރައްވާނީ އެ ލަފާ ރައީސް ނަޝީދަށް އެރުވުމަށް ފަހު ކަމަށެވެ. އެހެން ނަމަވެސް ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ސަރުކާރުގެ މައިގަނޑު ވިސްނުން މިހާރު ވެސް ހުރީ މަޖިލީހުން ވަޒީރުންނަށް ރުހުން ލިބިވަޑައިނުގަތަސް އެ ބޭފުޅުންނަށް މަގާމުގައި ދެމި ތިއްބެވޭނެ ގޮތަށެވެ.
އިދިކޮޅު ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް އެ މައުލޫމާތު ލަންކާގައި ތިއްބަވާ ޑިޕްލޮމެޓިކް ބޭފުޅުންނަށް އެރުވި ކަމަށެވެ.
"ހާއްސަކޮށް ލަންކާގެ ރައީސް ވަޑައިގެން ބޭއްވެވި ބައްދަލުވުންތަކުގައި އާންމުންނަށް ނޭނގޭ މައުލޫމާތުތައް އަޅުގަނޑުމެން ވާނީ ޑިޕްލޮމެޓިކް ފަރާތްތަކަށް އަރުވާފައި. އެއީ ޑިޕްލޮމެޓިކް ބޭފުޅުންނަށް ވެސް އަދި އާންމުންނަށް ވެސް ނޭނގި އެކަމަކު އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައިވާ ކަންކަން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ އަމީން އާންމު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ މައުލޫމާތު ލަންކާގައި ތިއްބަވާ ޑިޕްލޮމެޓިކް ފަރާތްތަކަށް އެރުވުމުން ވަރަށް ބޮޑު ހައިރާންކަމެއް އެ ފަރާތްތަކަށް ލިބިވަޑައިގެންނެވި ކަމަށެވެ.
"މިހާ ބޮޑަށް ޑިމޮކްރެސީ ކުރިއެރުވުމުގެ ނަމުގައި އައި ސަރުކާރަކުން ޑިމޮކްރެސީ އާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަންތައް ކުރައްވާތީ އެ ބޭފުޅުންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު. ވިދާޅުވި ރާއްޖޭގެ މަސްރަހު ވަރަށް ކައިރިން ބަލަމުން ގެންދަވާނެ ކަމަށް،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވުމަށް ފެށުނީއްސުރެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފުސީލު ވެސް އެރުވި ކަމަށެވެ.
"ހާއްސަކޮށް އަޅުގަނޑުމެން ދެންނެވިން ސަރުކާރުން އަމަލު ކުރަމުން ގެންދަނީ ސަރުކާރުން އެ ބުނާ ގޮތަށް ކޮރަޕްޝަންގެ ކަންތައްތައް ހަނިވާ ގޮތަށް ނޫން ކަމަށް. އޭގެ އިތުރުން އިދިކޮޅު ފަރާތްތައް ސަރުކާރުން ބަންދު ކުރުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ގާނޫނީ އިމުން ބޭރުން ގާނޫނުތަކާ ވަރަށް ބީރައްޓެހި ގޮތަކަށްކަން އަޅުގަނޑުމެން ދެންނެވިން. އަދި ހާއްސަކޮށް ރާއްޖެ އަށް މި ސިޔާސީ ހަލަބޮލިކަން ގެނައީ ސީދާ ސަރުކާރުން ކަމަށާއި ހުރިހާ ވަޒީރުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި ސިޔާސީ ގޮތުން ބޮޑެތި މައްސަލަތަކެއް އުފެއްދީ ކަމަށް ވެސް އަޅުގަނޑުމެން ދެންނެވިން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ނިމުމަކަށް ގެނައުމަށް އެމެރިކާ ސަފީރުގެ ދައުރު ވަރަށް މުހިންމު ކަން ޑިޕްލޮމެޓިކް ބޭފުޅުންނަށް ދެންނެވި ކަމަށެވެ.
"މީގެ އިތުރުން ލަންކާގެ ރައީސް ރާއްޖެ ވަޑައިގެން އެމަނިކުފާނަށް ކަނޑައެޅުއްވި ދައުރާ ހިލާފަށް ސަރުކާރުން ވަރަށް ގިނަ ކަންތައްތައް ކުރިއަށް ގެންދިޔަ ކަމަށް އަޅުގަނޑުމެން ވާނީ ސަމާލުކަމަށް ގެނެސްފައި،" އަމީން ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ލަންކާ އަށް ދިޔަ ވަފުދު ހުކުރު ދުވަހު މާލެ އައި ނަމަވެސް އިދިކޮޅު ވަފުދު އައީ ރޭގެ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ