ދ. ހުޅުދެލީ މަސްވެރިން ލަންކާގެ ބޯޓެއް ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަތް ކަމަށް ބެލެވޭ ސްރީ ލަންކާގެ މަސް ބޯޓެއް ދ. އަތޮޅާ ދިމާލުން މަސްވެރިންގެ ބަޔަކު މިއަދު ހިފަހައްޓައިފި އެވެ.
ދ. ހުޅުދެލީ މަސްވެރިން އެ ބޯޓު ހިފަހައްޓައިގެން ގެންގޮސް އެ ރަށު ފަޅުތެރެއަށް މިހާރު ވަނީ ވައްދާފައި ކަމަށް ކަތީބު މުހައްމަދު އަބްދުލްބާރީ ދެންމެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގައި ތިން މީހަކު ތިބި ކަމަށާއި ނަމަވެސް ފުލުހުން ބޯޓަށް އަރާ ބެލި އިރު ހަތިޔާރެއް ފެނިފައި ނުވާ ކަމަށެވެ.
ލަންކާގެ މަސް ބޯޓު ފުރަތަމަ ފެނުނީ ހުޅުދެލީ "އުއްމީދު" ދޯންޏަށެވެ. އެ ވަގުތު އެ ދޯނީގައި ހުރި ހުސައިން ސޮލާހު ބުނީ ސާޅީހަކަށް ފޫޓުގެ ބޯޓު ފެނުނީ ރަށާ 16 މޭލު ދުރުން މެންދުރު 00: 12 ހާއިރު ކަމަށެވެ.
"އަހަރެމެންނަށް ފެނިގެން ދެން އިތުރު ހަތަރު މަސް ދޯންޏެއް ގެނައީ. ބޯޓު ފުރަތަމަ އުޅުނީ އަނބުރާނުލާން. އެކަމަކު ދޯނިތަކުން ބުނީމަ އައިއްސި،" އޭނާ ބުންޏެވެ.
އެމްއެންޑީއެފްގެ މޭޖަ އަބްދުއްރަހީމް ވިދާޅުވީ ކޯސްޓުގާޑު ލޯންޗެއް އެ ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ ދ. އަތޮޅާ ދިމާލުން މަސްވެރިން ލަންކާގެ ބޯޓެއް ހިފަހައްޓައިގެން އުޅޭ ކަމަށް. މިހާރު އަޅުގަނޑުމެންގެ ލޯންޗެއް އެ ދިމާލަށް ދާން ނައްޓާލިތާ ގަޑިއެއްހާ އިރު ވެއްޖެ. އިތުރު މައުލޫމާތެއް އެނގޭނީ އެ ހިސާބަށް ލޯންޗަށް ދެވުމުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކަތީބު ބާރީ ވިދާޅުވިގޮތުގައި މިފަދަ ހާދިސާއެއް ހުޅުދެލީގައި މީގެ ކުރިން ހިނގާފައެއް ނުވެ އެވެ.
"ރަށު ބަޔަކަށް އަދި އެކަހަލަ ކަމެއް ފެނިފައެއް ނެތް ކަމަށް ގަބޫލު ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ބޯޓުގައި ތިބި ތިން މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ