ރިޔާސީ އިންތިހާބު 2008: އިންތިހާބުގައި އައްޑޫގައި ހަރަކާތްތެރިވާ މަންދޫބުން ތަމްރީނުކޮށްފި

އަންގާރަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންތައްތަކުގައި އައްޑު އަތޮޅުގައި ހަރަކާތްތެރިވާ މަންދޫބުން އިލެކްޝަން ކޮމިޝަނުން ތަމްރީނުކޮށް ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އައްޑޫގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އޮފިޝަލް ވިދާޅުވީ މި އަތޮޅުގައި ބަހައްޓަން ހަމަޖައްސައިފައިވާ 16 ވޯޓް ފޮށީގައި މަސައްކަތްކުރާނެ 160 މަންދޫބުން ތަމްރީނުކޮށްފައިވާ ކަމަށެވެ.
"މަންދޫބުން ތަމްރީނު ކުރިއިރު މީގައި ބައިވެރިވެފައި ވަނީ ރަށްރަށުން ހަމަޖައްސައިފައިވާ ފަރާތްތަކާއި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން މީހަކާއި އަދި އިލެކްޝަން ކޮމިޝަންސުން ކަނޑައަޅައިފައިވާ މީހަކާ އެކު،" އޭނާ ވިދާޅުވި އެވެ. "އެގޮތުން މި އަތޮޅުގައި ތަމްރީނުކުރި މަންދޫބުންގެ ތެރެއިން ކޮންމެ ވޯޓް ފޮއްޓެއްގެ ކައިރީގައި ހަ މަންދޫބުން ހަރަކާތްތެރިވާނެ،"
މި އަތޮޅުގައި ބަހައްޓަން ހަމަޖައްސައިވާ 16 ވޯޓް ފޮށީގެ ތެރެއިން ހަ ފޮށި ބަހައްޓަން ހަމަޖައްސައިފައި ވަނީ އެންމެ އާބާދީ ބޮޑު އަދި ވެރިރަށް ހިތަދޫގަ އެވެ. ފޭދު އާއި މަރަދޫ އަދި މީދޫގައި ދެ ފޮށި ބެހެއްޓުމުގެ އިތުރަށް ގަމާއި ހަނދުފުށި ރިސޯޓާއި މީހުން ދިރިއުޅޭ އަނެއް ދެ ރަށުގައި ބަހައްޓަން ހަމަޖައްސައިފައި ވަނީ ކޮންމެ ރަށެއްގައި އެއް ފޮއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ