ޕާކިސްތާނަށް އެހީވުމުގެ ނަމުގައި ފައިސާ ނަގަމުންދިޔަ ބަޔަކު ހުއްޓުވައިފި

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ކަމަށް ބުނެ މާލޭގެ އެކި ގޭގެ އަށް ވަދެ ބަޔަކު ފައިސާ ނަގަމުންދާ ކަމަށާއި އެކަހަލަ ބަޔަކު ހުއްޓުވައިފައިވާ ކަމަށް ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ގޭގެއިން ފައިސާ ނަގާ ކަމުގެ ޝަކުވާ ފުލުސް އޮފީހަށް ހުށަހެޅުމުން އެކަން އިތުރަށް ބަލައި، އެކަމުގައި ހަރަކާތްތެރިވާ ޒުވާނުންގެ ބަޔަކަށް ނަސޭހަތްދީ އެކަން ހުއްޓުވާފައިވާ ކަމަށެވެ. ފުލުހުން އެ މީހުންނަށް ނަސޭހަތްދީފައިވަނީ އޭގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި ގޭގެ އަށް ވަދެ ފައިސާ ނެގުމުގައި ހަރަކާތްތެރިވެފައިވަނީ ކޮންމެވެސް ވެބްސައިޓެއްގެ ނަމުގައި ފައިސާ ނަގަމުން ދިޔަ ބައެކެވެ.
ފުލުހުން ބުނީ އެ މީހުން ފައިސާ ނަގަނީ "އޮޅުވާލައިގެން" ކަން ސާބިތު ނުވި ނަމަވެސް އެފަދަ ގޮތަކަށް ފައިސާ ނެގުމަކީ އާންމު މަސްލަހަތަށް ބުރޫއަރާނެ ކަންތައްތައް ކަމަށެވެ.
ޕާކިސްތާނަށް އެހީވުމަށް ކަމަށް ބުނެ އޮޅުވާލައިގެން، ގޭގެ އަށް ވަދެ ފައިސާ ނަގަމުން ދިޔަ މައްސަލަތަކެއް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ކުރިމަތިވި އެވެ. ހާއްސަކޮށް، ފައިސާ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ގުރޫޕުތަކުގެ ނަމުގައި ކަމާ ނުގުޅޭ ބަޔަކު ފައިސާ ނަގަމުން ދިޔަ ޝަކުވާތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ފުލުސް އޮފީހުން ބުނީ، ރަށްރަށުގެ ޖަމިއްޔާތަކުގެ ނަމުގައި، އެ ރަށްރަށުގެ ގޭގެ އަށް ގޮސް ފައިސާ ނެގި ކަމުގައި ނަމަވެސް، ކޮން ބައެއްކަން ނޭނގޭ ބަޔަކު މާލޭގެ ގޭގެ އަށް ވަދެ، އެފަދަ ގޮތަކަށް ފައިސާ ހޯދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ފަދަ މީހުންނަށް އެއްބާރުލުން ނުދިނުމަށް ވެސް ފުލުހުން އިލްތިމާސް ކުރެ އެވެ.
ޕާކިސްތާނަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހި ސަރުކާރާއި އެކި ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ މީޑިއާ ގުޅިގެން ވަނީ އެކި ކެމްޕޭންތައް ކޮށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ