އައިލެންޑް އޭވިއޭޝަނުން ޓްރިވެންޑްރަމަށް އުދުހެން ފަށަނީ

ސަރަހައްދީ އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ސީދާ ދަތުރުތައް ކުރުމަށް ގަސްދުކޮށް އައިލެންޑު އޭވިއޭޝަންގެ ޑޭޝް އަށެއްގެ ދެ ބޯޓުގައި އިންޑިޔާގެ ޓްރިވެންޑްރަމަށް މި އަހަރުގެ މެދުތެރޭގައި ޝެޑިއުލް ދަތުރުތައް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މިކަން އައިލެންޑު އޭވިއޭޝަނުން އިއުލާންކުރީ ބައިނަލްއަގުވާމީ އެއާ އޮޕަރޭޓަ ސެޓްފިކެޓް (އޭއޯސީ) އައިލެންޑް އޭވިއޭޝަނަށް ހަވާލުކުރެއްވުމަށް ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގަ އެވެ. ބައިނަލް އަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދައިގެ ރަސްމީ ލިޔުމުގައި ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޑިޕާޓްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރު މަހްމޫދު ރާޒީ އެވެ. އައިލެންޑު އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމެވެ.
އައިލެންޑު އޭވިއޭޝަނުން މިއަދު ބުނިގޮތުގައި ބައިނަލް އަގުވާމީ ދައުތުރުތައް ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ލިބުމާ ގުޅިގެން އެ ކުންފުނީގެ ދަތުރުތައް ފުރަތަމަ ކުރުމަށް ގަސްދުކޮށްފައި ވަނީ މި ސަރަހައްދުގެ ގައުމުތަކަށެވެ. މިގޮތުން މި އަހަރުގެ މެދުތެރޭގައި ފުރަތަމަ ދަތުރުތައް ފެށުމަށް ގަސްދުކޮށްފައި ވަނީ އިންޑިޔާގެ ޓްރިވެންޑްރަމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ދަތުރުތަކުގައި ސަރަހައްދީ އެއާޕޯޓުތަކުން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ ގޮތް އައިލެންޑު އޭވިއޭޝަނަށް ފަހިކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
"...އެހެން އެއާލައިނެއް ބޭނުންނުކޮށް ފައިސްޖަރުން ބޭނުންވާ ސަރަހައްދަކުން ފެށިގެން ރާއްޖެއިން ބޭރަށް އައިލެންޑު އޭވިއޭޝަންގައި ދަތުރުކުރެވޭނެ،" އައިލެންޑު އޭވިއޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެ އެވެ.
ނަމަވެސް ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރާޒީ މިއަދު ވިދާޅުވީ ސަރަހައްދީ އެއާޕޯޓުތަކަކީ އިންޓެނޭޝަނަލް ފެންވަރުގެ ތަންތަނަށް ނުވާތީ އައިލެންޑު އޭވިއޭޝަނަށް އެ ސަރަހައްދުތަކުން ސިދާ ރާއްޖެއިން ބޭރަށް ދަތުރުތައް ކުރާކަށް އަދި ނުފެށޭނެ ކަމަށެވެ.
"ގަން އެއާޕޯޓު އެންމެ އަވަހަށް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވާނީ. އެއާޕޯޓުގެ ސައިޒަކުން ނޫން އިންޓަނޭޝަނަލް މި ކުރެވެނީކީ. އެހެންވީމާ އެ ތަނުގައި ހުންނަންވާ ބޯޑާ ކޮންޓްރޯލާއި އިމިގްރޭޝަނާއި ހެލްތާއި މި ކަހަލަ ކަންތައްތައް ހުރެފައި ސެކިޔުރިޓީއާ މިކަހަލަ ކަންތައްތައް ހުރެއްޖެއްޔާ (އިންޓެނޭޝަނަލް ދަތުރުތައް) ކުރެވޭނެ،" ރާޒީ ވިދާޅުވި އެވެ.
އައިލެންޑު އޭވިއޭޝަނުން އިތުރަށް ބުނި ގޮތުގައި އެ ކުންފުނީގެ ބޯޓުފަހަރުގައި ހާލު ބޮޑެތި ބަލިމީހުން ގޮވައިގެން ކޮލަމްބޯ އަށް މިހާރު ވެސް މަދުމަދުން ދަތުރުކުރެ އެވެ.
އެ ކުންފުނިން އަދި ބުނީ ބައިނަލް އަގުވާމީ ދަތުރުތައް ފެށުމަށް ބޭނުންވާނެ ޕައިލެންޓުންނާއި އިންޖިނޭރުންނާއި ކެބިން ކްރޫން ތައްޔާރުކޮށް އިތުރު ތަމްރީނު ދެމުން އަންނަ ކަމަށެވެ.
އައިލެންޑު އޭވިއޭޝަނުން ކުރިން ދެ ފަހަރެއްގެ މަތިން ބުނެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަކީ އެ ކުންފުނީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ބައިނަލް އަގުވާމީ ދަތުރުތައް ފެށުމަށް ކުއްލި ގޮތަކަށް ނިންމެވީ ކީއްވެގެންތޯ ހަވީރުން ދެންނެވުމުން، ބަންދު މިއަދު ވިދާޅުވީ "މިހާރު ހާލަތު މިވަނީ ބަދަލުވެފައި" ކަމަށެވެ.
ބަންދު ވިދާޅުވި ގޮތުގައި އައިލެންޑު އޭވިއޭޝަނުން ޓްރިވެންޑްރަމަށް ދަތުރުތައް ފެށުމުގައި ވިސްނައިފައި ވަނީ ބޭސްފަރުވާ އާއި ޗުއްޓީއަށް ދަތުރުކުރާ މީހުންނަށް އަތްފޯރާވަރުގެ ހެޔޮ އަގެއްގައި ދަތުރު ކުރެވޭނެ ފުރުސަތު ހޯދައިދިނުމަށެވެ.
އެހެން އެއާލައިނުތަކުން ބޮޑެތި ބޯޓުފަހަރުގައި ދަތުރުކުރާއިރު ޖާގައިގެ ގޮތުން ކުޑަ ބޯޓެއްގައި ދަތުރުތައް ފައްޓަވަނީ ކީއްވެތޯ ދެންނެވުމުން ބަންދު ވިދާޅުވީ ބޮޑު ބޯޓަކާ ހަމައަށް ދެވޭނީ ކުޑަ ބޯޓަކުން ފަށައިގެން ކަމަށެވެ.
"ކޮންމެ ކަމެއްވެސް ފަށާއިރު ފެށޭނީ ކުޑަކޮށް. މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށިއިރު ވެސް ފުރަތަމަ އެޅީ 600 ހޯސްޕަވަރުގެ އިންޖީނެއް ނޫން،" ބަންދު ވިދާޅުވި އެވެ.
ބަންދު ވިދާޅުވި ގޮތުގައި ބައިނަލް އަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދަ ލިބުމާ ގުޅިގެން އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުންނާއި އެނޫން ފަރާތްތަކުން ހަމަޖައްސަން ޖެހޭ ކަންތައް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ވަރަށް އަވަހަށް ފަށާނެ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވެގެން 2000 ވަނަ އަހަރު އައިލެންޑު އޭވިއޭޝަން އުފެއްދެވީ އެއާ މޯލްޑިވްސް ބަނގުރޫޓުވުމާ ގުޅިގެން ވައިގެ ދަތުރުތައް ކުރިއަށް ގެންދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ