ސަރުކާރުން ފައިސާ ދެއްކުމުން މިހާރު އެސްއެމްއެސް އަކުން އެނގޭނެ

ދައުލަތުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުން، އެސްއެމްއެސްއެއް ނޫނީ އީމެއިލްއަކުން އެކަން އެފަރާތަކަށް އެންގޭނެ ނިޒާމެއް ފިނޭންސް މިނިސްޓްރީއިން ގާއިމްކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ފައިސާ ޖަމާވުމުން އެ މެސެޖު ފޮނުވާނީ އެ މިނިސްޓްރީގެ ކޯލް ސެންޓަރު (1617) ނަންބަރުންނާއި މިނިސްޓްރީގެ ރަސްމީ، އީމެއިލް އެޑްރެސް މެދުވެރިކޮށް ކަމަށެވެ. މިގޮތަށް މެސެޖު ފޮނުވޭނީ ޕަބްލިކް އެކައުންޓިންގް ސިސްޓަމްގައި ރަޖިސްޓްރީކުރި އިރު މޮބައިލް ނަމްބަރާއި އީމެއިލް އެޑްރެސް ފިނޭންސް މިނިސްޓްރީއަށް ލިބިފައިވާނަމަ އެވެ. އެހެންކަމުން އެ މައުލޫމާތު ޕަބްލިކް އެކައުންޓިންގް ސިސްޓަމްގައި ރަޖިސްޓްރީ ކުރިއިރު ލިބިފައިނެތް ފަރާތްތަކާއި އެ މައުލޫމާތު ބަދަލުވެފައިވާ ފަރާތްތަކަށް މި ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން، ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް، މިނިސްޓްރީގެ ވެންޑާ މެއިންޓެނަންސް ފޯމުގެ ކޮމިޔުނިކޭޝަންސް ބައި ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމަށް ހުރިހާ ފަރާތްތަކަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. ވެންޑާ މެއިންޓެނަންސް ފޯމު ފިނޭންސްގެ މިނިސްޓްރީގެ ވެބަސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ