ޗިލީގައި ހަމަނުޖެހުން ބޮޑުވެ ފެއާ ބޮޑުނުކުރަން ނިންމައިފި

ސެންޓިއާގޯ (އޮކްޓޯބަރު 20) - ޗިލީގެ ސެންޓިއާގޯގައި އާންމުން ނުކުމެ ހިންގަމުންދާ ހަމަނުޖެހުންތައް ބޮޑުވެ، އެ ގައުމުގެ ރޭލު ދަތުރުތަކުގެ އަގު ބޮޑު ކުރަން ނިންމި ނިންމުން އެންމެ ފަހުން ބަދަލު ކޮށްފި އެވެ.
އާންމުންގެ ގިނަ ބަޔަކު ނުކުމެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދެމުންދާއިރު، ޗިލީގައި ކުއްލި ހާލަތު އިއުލާނުކޮށް ހަމަޖެނުޖެހުންތައް ހުއްޓުވަން ބަރު ހަތިޔާރާއެކު ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
ލެޓިން އެމެރިކާ ސަރަހައްދުގެ އެންމެ މުއްސަނދި ގައުމުގެ ގޮތުގައި އޮތް ނަމަވެސް، ޗިލީގެ ދިރިއުޅުމުގެ ހަރަދު ބޮޑުވަމުންދާ މައްސަލާގައި އާންމުންގެ ތެރެއިން ގިނަ ބަޔަކު ޝަކުވާ ކުރާތާ އަހަރުތަކެއްވެއްޖެ އެވެ.
ޗިލީގައި 1990 ވަނަ އަހަރު ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރެވުނުފަހުން އެގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންދަނީ ވެހިކަލްތަކުގައި ހުޅުޖެހުމުގެ އިތުރުން، އަމިއްލައަށް މަގުތައް ބަންދުކޮށް ސަލާމަތީ ބާރުތަކާ ކުރިމަތިލަމުންނެވެ.
ޗިލީގައި 15 ދުވަހުގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވީ ނަމަވެސް، އާންމުން އަދިވެސް ދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުން.
-- ފޮޓޯ: އޭއެފްޕީ
އެ ހަމަނުޖެހުންތަކުގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށްވެސް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.
ފެއާ ބޮޑުކުރުމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އެހެން ސިޓީތަކަށްވެސް މިހާރު ފުޅާވެފައިވާކަމަށް ޗިލީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ