ދ. މީދޫގެ ތިން ކައުންސިލަރުން އިތުރު ތިން މަހަށް ސަސްޕެންޑް ކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި އެ ކައުންސިލްގެ މެންބަރަކު، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިތުރު ތިން މަހަށް ސަސްޕެންޑް ކޮށްފި އެވެ.
އެމްޑީޕީގެ އެ ތިން މެމްބަރުން މީގެ ކުރިންވެސް ވަނީ ތިން މަހަށް ސަސްޕެންޑް ކޮށްފައެވެ. އެ ތިން މެންބަރުންނަކީ އެ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފާއި ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދުގެ އިތުރުން މެންބަރު މުހައްމަދު ތައުފީގެވެ.
ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ މީދޫ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއިން ބެލި މައްސަލައަކަށް ފަހު އެވެ. އެލްޖީއޭއިން ބަލާފައިވަނީ ކައުންސިލަރުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރުމާއި ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސުލޫކީ މިންގަނޑާއި ހިލާފަށް އަމަލުތައް ބެހެއްޓުން ފަދަ މައްސަލަތަކެވެ.
އެލްޖީއޭ އިން މިއަދު ބުނީ މީދޫ ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީން، ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެގޮތުގެ އުސޫލުގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތް ކަމަށެވެ.
އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތް ކަމަށާއި މިކަންކަމުގެ ކުޑަބޮޑު މިނާއި މީދޫ ކައުންސިލަރުންނާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނަ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު 2020ގެ އަށް ވަނަ މާއްދާ އާއި ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 81 ވަނަ މާއްދާގެ ދަށުން މީދޫ ކައުންސިލުގެ ރައީސް އިޔާސް އިސްމާއީލް ލަތީފާއި ނައިބު ރައީސް ޝުރައިފް އިބްރާހީމް ރަޝީދާއި ކައުންސިލަރު މުހައްމަދު ތައުފީގު، މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް، 2021 މާރިޗު 4 ވާ ބުރާސްފަތި ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ސަސްޕެންޑުކުރުމަށް ނިންމަން،" އެލްޖީއޭ އިން ބުންޏެވެ.
މީގެ އިތުރުން އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ފަދައިން އަމަލު ކުރުމަށާއި މީދޫ ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި އެ ކައުންސިލުން ފޯރުކޮށްދޭންޖެހޭ އެންމެހައި ހިދުމަތްތައް މެދުކެނޑުމެއް ނެތި ދެވޭނެ އިންތިޒާމު، ދ. އަތޮޅު ކައުންސިލުގެ ލަފާގެ މަތީން ހަމަޖެއްސުމަށް މީދޫ ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލަށް އެންގުމަށް ވެސް އެލްޖީއޭ އިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ