ވިކްޓްރީ ބަލިކޮށް، އީގަލްސް ފުރަތަމަ މޮޅު ހޯދައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ ސްޕޯރޓްސް ކްލަބް ބަލިކޮށް، ކްލަބް އީގަލްސް އިން ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
އީގަލްސް މެޗު ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުން. ލީގުގައި ކްލަބް އީގަލްސް މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވި އިރު އެއް މެޗުން ވަނީ ބަލިވެފައެވެ. އެއީ ޓީސީ ސްޕޯރޓްސް ކްލަބާއި ވާދަކުރި މެޗެވެ. ރޭގެ މެޗުގެ ކުރީ ކޮޅު އީގަލްސް އިން ވަނީ ގިނަ ޕާސްތަކެއް ޖަހައިގެން ވިކްޓްރީގެ ގޯލް ފޫއަޅުވާލަން މަސައްކަތްކޮށްފައެވެ. މި މެޗުގައި އީގަލްސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓަގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި އަހުމަދު ރިޒްވާން (ރިޒޭ)އެވެ. މި ލަނޑުގެ އިތުރުން އީގަލްސްގެ ތިންވަނަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރިޒޭއެވެ.
އީގަލްސް އިން ލަނޑު ޖެހި ފަހުން ވިކްޓްރީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައި. އެހެނަމަވެސް، މެޗުގެ 25 ވަނަ މިނިޓުގައި އީގަލްސް އިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު ޑިކްސަން ޑެނިއަލް ލުއިސް ކާމިޔާބުކޮށްދިނީ ދަނޑުގެ މެދު ރޮނގާ ހަމައިން ބޯޅަ ހިފައިގެން ކުރިއަށް އަރައި ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ވަދެ، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މިމެޗުގައި ވިކްޓްރީން ކާމިޔާބުކުރި ހަމައެކަނި ލަނޑު 31 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކްލަބް އީގަލްސްގެ ކީޕަރ ސުޖަން ޕެރޭރާގެ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާއިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ ވަރަށް އުނދަގޫ ހާލަތެއްގައި ޓީމު އޮވެ ކުޅެން ޖެހުނު މެޗެއް ކަމަށާއި، ދެ ގޯލުގެ ލީޑަކާއެކު މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. މޯހަން ބުނީ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައި ނުވާތީ މިމެޗަށް ޓީމު ނުކުތްއިރު ކުޅުންތެރިން ތިބީ ޕްރެޝަރުގައިކަމަށެވެ. އަދި ފުރަތަމަ ހާފުގައި ގޭމް ޕްލޭނާއި އެއްގޮތަށް ޓީމު ކުޅުނުކަންވެސް މޯހަން ވަނީ ފާހަގަކޮށްފައެވެ.
"އަސްލު ވަރަށް އުނދަގޫ ސިޓުއޭޝަންއެއްގައި އޮވެ ކުޅުނު މެޗެއް މިއީ. ދެން މި މެޗު ނެގުން މިއީ ވަރަށް މުހިއްމު ކަމެއް. ވަރަށް ޕްރެޝަރުގައި ކުޅުންތެރިން ކުޅުނީވެސް. ބޭނުންވި ގޭމް ޕްލޭނާއި އެއްގޮތަށް ފުރަތަމަ ހާފު ދިޔައީވެސް. ދެން ދެވަނަ ހާފުގައި ލިބުނު ހުރިހާ ފުރުސަތުތަކެއްގެ ބޭނުންވެސް ނުކުރެވެނު. ޖުމްލަކޮށް ބަލާނަމަ ދެ ލަނޑުގެ ލީޑަކާއެކު އޮވެ މޮޅުވެގެން ތިން ޕޮއިންޓް ލިބުނީމަ ހިތްހަމަޖެހޭ." އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު ބުންޏެވެ.
ވިކްޓްރީ ސްޕޯރޓްސް ކްލަބުގެ ކޯޗު ލާސްލޯ ކިސް ބުނީ އީގަލްސްގެ ތިން ވަނަ ގޯލް އޮފްސައިޑް ކަމަށާއި އޭނާގެ ޓީމުން އެޓޭކްކުރަމުން ދަނިކޮށް އީގަލްސް އިން ޖެހި ތިން ވަނަ ގޯލާ އެކު ފުރުސަތުތަކެއް ގެއްލިގެން ދިޔައީ ކަމަށެވެ. އެކަމަކު އީގަލްސްއަށް ލިބުނީ ހައްޤު މޮޅެއް ކަމަށްވެސް ކިސް ބުންޏެވެ.
"އީގަލްސް އިން ޖެހި ތިން ވަނަ ގޯލު އޮފްސައިޑް. ވިކްޓްރީ ކުޅޭ ކޮންމެ މެޗެއްގައި މިކަހަލަ ކަމެއް އެބަދިމާވޭ. މެޗުން ބަލިވިޔަސް ދެރައެއް ނުވޭ. މޮޅަށް ކުޅުނު ޓީމު މޮޅުވާނީ." ވިކްޓްރީގެ ކޯޗު ލާސްލޯ ކިސް ބުންޏެވެ.
މި ނަތީޖާއާއެކު އީގަލްސް ވަނީ ފަސް ޕޮއިންޓް ހަމަކޮށް ހަތަރު ވަނައަށް ޖެހިލާފައެވެ. އަދި އެ އަދަދަށް ޕޮއިންޓް ހަމަކޮށްގެން ކުރިން އެ މަޤާމުގައި އޮތް ވިކްޓަރީ ވަނީ ފަސް ވަނަ އަށް ވެއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ