މަރުވި މީހުންގެ އަދަދު ލައްކައިން މައްޗަށް، ހާލަތު ވަނީ ގޯސް

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިރޭ ވަނީ ލައްކައަކަށް ވުރެ އިތުރުވެފައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 101,762 އަށް އަރާފައެވެ. ބަލި ޖެހުނު މީހުންގެ އަދަދު 1,680,506 އަށް އަރައެވެ. އޭގެ ތެރެއިން ރަނގަޅުވީ 373,575 މީހެކެވެ.
މިއަދު މިވަގުތާއި ހަމައަށް 76,854 މީހުން ފައްސިވެ 6,070 މީހުން ވަނީ މަރުވެފައެވެ. މިއަދު ހުރިހާ ގައުމަކުން ބަލި ޖެހުނު މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބަށް ބަލާއިރު މިއަދަކީ އެންމެ ގިނަ މީހުންނަށް ބަލި ޖެހި، އެންމެ ގިނަ މީހުން މަރުވި ދުވަސްތަކުގެ ތެރެއިން ދުވަހަށް ވުން ގާތެވެ.
އެމެރިކާގެ ހާލަތު އަދިވެސް ދަނީ އިތުރަށް ގޯސްވަމުންނެވެ. އިނގިރޭސިވިލާތުގެ ހާލަތު ވެސް ވަނީ އިތުރަށް ގޯސްވެފައެވެ. އަދި ފްރާންސުން މިއަދު ބަލި ޖެހުނު މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސްޕޭނާއި އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މިއަދު ވަނީ މަދުވެފައެވެ.
އެހެންނަމަވެސް ތުރިކީ އާއި އިކްއެޑޯ އިން މިއަދު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. ބެލްޖިއަމުން މަރުވާ މީހުންގެ އަދަދު ވެސް މަދެއް ނުވެއެވެ. އޭގެ އިތުރުން އަޔަލޭންޑްގެ ހާލަތު ވެސް ފެންނަނީ ވަރަށް ގޯސްކޮށެވެ.
އިންޑިއާގެ ހާލަތު ވެސް ދަނީ އިތުރަށް ގޯސްވަމުންނެވެ.
ރާއްޖެ އިން މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ރާއްޖޭގައި އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޭޕްރީލް 30 އާއި ހަމައަށް ދަމަހައްޓަން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ މިރޭ ނިންމަވާފައެވެ.
މެލޭޝިއާ އިން ކޮވިޑް-19 ޖެހުނު ދިވެހި މީހާ މިހާރު ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން މިރޭ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ