އިންޑިއާ ރައްޔިތުން ގެންދިއުމަށް އިތުރު މަނަވަރެއް ރާއްޖެ އަންނަނީ

ރާއްޖޭގައި ތިބި އިންޑިއާގެ 700 މީހުން ގެންދިއުމަށް އެ ގައުމުގެ އަސްކަރީ މަނަވަރެއް މާލެ އައުމަށް ނިންމައިފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ މީހުން ކަނޑުމަގުން ގެންދަން، އެ ގައުމުގެ އަސްކަރިއްޔާ އިން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 1،488 ރައްޔިތުން ވަނީ އިންޑިއާ އަށް ގެންގޮސްފައެވެ. އެ ހުރިހާ އެންމެން ވެސް 14 ދުވަހު ކޮޗިންގައި ކަރަންޓީންގައި ތިބެން ޖެހޭނެއެވެ.
އިންޑިއާގެ ރައްޔިތުން ގެންދިއުމަށް އެ ގައުމުގެ ދެ އަސްކަރީ މަނަވަރެއް ވަނީ ބޭނުންކޮށްފައެވެ. އެއީ "އައިއެންއެސް ޖަލަޝްވާ" އާއި "އައިއެންއެސް މަގަރް" އެވެ. "އައިއެންއެސް ޖަލަޝްވާ" ދެ ބުރެއްގެ މަތިން ރާއްޖެ އައިސްފައިވެއެވެ. އަދި ޖޫން ފަހެއްގައި "އައިއެންއެސް ޖަލަޝްވާ" ގައި އިތުރު 700 އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 30،000 މީހުން ދިރިއުޅެއެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނެއެވެ.
މާޗު 25 ވަނަ ދުވަހުން ފެށިގެން އިންޑިއާ ފުރަބަންދަކަށް ގޮސްފައިވާ އިރު، އެ ގައުމުން މިހާރު ވަނީ ލުއިތަކެއް ދޭން ފަށައިފައެވެ. އެކަމަކު، އިންޑިއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްވެފައެއް ނުވެއެވެ. އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 182,490 އަށް އަރައިފައެވެ. މި ބަލީގައި މިހާތަނަށް 5,186 މީހަކު ވަނީ މަރުވެފައެވެ. އަދި މި ބަލިން 86,984 ވަނީ ރަނގަޅުވެފައެވެ.
ރާއްޖެ އަށް ބަލާ އިރު، މިހާތަނަށް 1،672 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، ފަސް މީހަކު ވަނީ ނިޔާވެފައެވެ. އަދި މި ބަލިން 406 މީހުން ވަނީ ރަނގަޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ