ބޭނުން އިރަކު ފައިސާ ޗާޕްކުރެވޭނެތަ؟

އިންސާނުންގެ ނަސްލު ފެށިގެން މިއަދާއި ހަމައަށް އައިއިރު އިންސާނުން ބޭނުންވާ ތަކެތި ހޯދުމަށް "ވިޔަފާރި" އެއީ އަބަދުވެސް ކުރަމުން އައި ކަމެކެވެ. އެންމެ ފުރަތަމަ ދޭދޭ ފަރުދުންގެ މެދު ކުރެވެން ފެށި ވިޔަފާރިއެއް ކަމަށް ތާރީޙް ޢިލްމްވެރިން ކިބައިން އެނގެން އޮތީ ތަކެއްޗަށް ތަކެތި ބަދަލުކުރުމުގެ (ބާޓާ ސިސްޓަމް) ވިޔަފާރިއެވެ.
ތަކެއްޗަށް ތަކެތި ބަދަލުކުރާ ވިޔަފާރީގައި ވަރަށް ގިނަ މައްސަލަތަކެއް ދިމާވެއެވެ. މިސާލަކަށް މަސްވެރިއަކާއި ދަނޑުވެރިޔަކާ ދެމެދު ހިނގާ މުޢާމަލާތަކަށް ބަލާއިރު މަސްވެރިޔާ އަތުގައިވާ މަސްކޮޅުގެ ބަދަލުގައި ދަނޑުވެރިޔާ އަތުގައިވާ ތަރުކާރީކޮޅު ހޯދުމަށް މަސްވެރިޔާ ބޭނުން ވެއްޖެނަމަ މަސްވެރިޔާ އަށް ޖެހޭނީ ދަނޑުވެރިޔާ ބޭނުން ވަރަކަށް މަސް ދޭށެވެ.
އެއްބައި ފަހަރު ދަނޑުވެރިޔާ އެއްގޮތަކަށްވެސް މަސް ބޭނުންނުވާ ފަހަރު އައިސްދާނެއެވެ. މިފަދަ ހާލަތެއްގައި މަސްވެރިޔާ ޖެހޭނީ ދަނޑުވެރިޔާ ބޭނުންވާ ކޮންމެވެސް އެހެން އެއްޗެއް ހުރި މީހަކާ މަސްކޮޅު ބަދަލު ކޮށް، ދަނޑުވެރިޔާއަށް ބޭނުން ވެގެން އުޅޭ އެއްޗެއް އެނާއަށް ދިނުމަށް ފަހު ތަރުކާރީކޮޅު ހޯދާށެވެ.
މީގެ އިތުރުން މަސްވެރިކަން ރަނގަޅުވާ ދުވަސްކޮޅަކީ ދަނޑުވެރިކަން ރަނގަޅު ދުވަސްކޮޅަކަށް ނުވުން އެކަށީގެންވެއެވެ. އެހެންކަމުން ދަނޑުވެރިޔާ މަސްކޮޅު ބޭނުންވިޔަސް މަސްވެރިޔާއަށް ދޭނެ އެއްޗެއް ދަނޑުވެރިޔާގެ އަތުގައި ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އެ ވިޔަފާރި ނިޒާމުގައި ހުރި ދަތިތަކާހުރެ އެންމެން ގަބޫލުކުރާ ފަސޭހައިން ނުލިބޭ ތަކެތި ފައިސާ އެއްގޮތުގައި ބޭނުން ކުރަން ފެށުނެވެ. މިގޮތުން ދިވެހިރާއްޖޭގެ ކުދިބޮލި މިއީ ފާހަގަކޮށްލެވޭ އެއްޗެކެވެ. ފަހުންފަހަށް އައިސް އެކިވައްތަރުގެ މައުދަނުތަށް ވިރުވައިގެން ފައިސާފޮތި ހަދަން ފެށުނެވެ. މިގޮތުން ލޮއެ، ރިހި އަދި ރަނުން ފައިސާފޮތި ހަދައި ބޭނުންކަންފެށުނެވެ.
މިގޮތަށް ފައިސާ ބޭނުން ކުރަން ފެށުމުން އިހުގައި ބުނެވިދިޔަ ވަރަށް ގިނަ މައްސަލަތަކެއް ހައްލުވީއެވެ. ނަމަވެސް ދެން ދިމާވާންފެށީ މުޅިންވެސް އާ މައްސަލަތަކެކެވެ. މިގޮތުން ފައިސާ ރައްކާކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުން ވެގެންދިޔައީ މަސައްކަތުގެ ގޮތުންނާއި ޚަރަދުގެ ގޮތުން ބޮޑުކަމަކަށެވެ.
އެކަމުގެ ހައްލެއްކަމަށް ގިނަ ޤައުމުތަކަށް ފެނުނީ އެންމެ އަގު ބޮޑު އެއް މައުދަނެއް ކަމުގައިވާ "ރަން" އެއީ މައިގަނޑު ފައިސާކަމުގައި ބަލައިގަތުމަށެވެ. އެކަމަކު އެއީ ފުރިހަމަ ހައްލަކަށް ނުވިއެވެ. އެހެންކަމުން ފައިސާ ފޮތިތަށް އުޖޫރައަކަށް ރައްކާކޮށް ދިނުމުގެ ވިޔަފާރި ނުވަތަ ބޭންކިންގެ ޚިދުމަތެއް އުފެދިގެން އައެވެ.
މިއާއެކު މިގޮތަށް އުފެދުނު ބޭންކުތަކުން ދޫކުރަން ފެށި ކަރުދާސް ފައިސާގެ ރަޝީދުތަށް އެއީ ފައިސާގެ ގޮތުގައި މުޖުތަމަޢުތަކުގައި ބޭނުން ކުރަން ފެށުނެވެ. ސަބަބަކީ ރައްކާކުރުމަށާއި އުފުލާގެންގުޅުމަށް ފަސޭހަ އެއްޗަކަށް ކަރުދާސް ވުމުންނެވެ.
މިފަދަ ބޭންކްތަކަށް އޮތް މަގުބޫލުކަން ބޮޑުވަމުން ދިޔަވަރަކަށް، މިޙިދުމަތް ދެމުންއައި ފަރާތްތަކަށް، މިޙިދުމަތް ލިބިގަތުމަށް އަންނަ ފަރާއްތަކުން ފާހަގަ ކުރެވުނު ކަމެއް ހުއްޓެވެ. އެއީ ހިދުމަތް ލިބިގަންނަ ފަރާތުން އަބަދުވެސް ކޮންމެވެސް ވަރެއްގެ ފައިސާ ހިދުމަތްދޭ ފަރާތުގެ އަތުގައި ނުނަގައި ބަހައްޓައެވެ. މިހެންކަމުން މިޙިދުމަތުން އިތުރު އާމްދަނީއެއް ހޯދާނެ މަގެއް މިފަރާތްތަކަށް ފަހިވެގެން ދިޔައެވެ. އެއީ ފައިސާގެ ވެރިފަރާތުން ނުގެންގޮސް ހުންނަ ފައިސާ އެހެން ފަރާތްތަކަށް ދަރަންޏަށް ދިނުމަށް ފަހު އަނބުރާ ހޯދާއިރު އިތުރުކުރަން ފެށުމެވެ.
މިހިސާބުން މިކަން ނިމުނީކީއެއް ނޫނެވެ. ދެން ފެށުނީ އެއަށްވުރެއްވެސް ނުރައްކާތެރި ކަމެކެވެ. މިހިދުމަތް ދޭފަރާތް ތަކަށް އިތުރު ކަމެއްވެސް ފާހަގަ ކުރެވެން ފެށުނެވެ. އެއީ ފައިސާގެ ރަޝީދުގެ ގޮތުގައި ދޭން ފެށުނު ކަރުދާސް އާއްމުން ފައިސާގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވުމާއެކު، މިބުނާ ބެންކްތަކުގައި އެ އަދަދަށް ފައިސާފޮތި ނެއްކަމުގައި ވިޔަސް އޭގެ ފައިސާގެ ރަޝީދުތަކެއް އުފައްދައި ދަރަނީގެ ގޮތުގައި ދޫކުރަން ފެށުމެވެ. މިހިސާބުން ޒަމާނީ ބޭންކުތަކުގެ ކުލަ ޖެހެން ފެށުނީއެވެ.
ގައުމުތަކުގައި މިބުނިޒާތުގެ ބޭންކުތަށް ގިނަވާން ފެށުމުގެ ސަބަބުން ފައިސާގެ ގޮތުގައި ބޭނުން ކުރަމުން އައި ނޫޓްތަށް ގިނަވުމާއި މުޖުތަމުގެ ހުރިހާ އެންމެ އެހުރިހާ ބޭންކެއްގެ ނޫޓްތަށް ގަބޫލު ނުކުރަން ފެށުމާއި، މައި ސަރުކާރުން ފައިސާގެ ކޮންޓްރޯލް ގެއްލެން ފެށުމާއި އެކު މަރުކަޒީބޭންކްތަށް އުފެދިގެން އައެވެ. މިހިސާބުން މަރުކަޒީ ބޭންކަކީ ހުރިހާ ގައުމެއްގެ ވެސް ފައިސާ ނޫޓް ޗާޕް ކުރާ ހަމައެކަނި ފަރާތަށް ވެގެން ދިޔައީއެވެ.
އޭރުވެސް ފައިސާ މިންކުރާ އެއްޗަކަށް ވެފައިވަނީ ރަނެވެ. އެއަށް ކިޔާ އުޅެނީ "ގޯލްޑް ސްޓޭންޑަޑް" އެވެ. ނަމަވެސް ފުރަތަމަ ބޮޑުހަނގުރާމަ ނިމުމަށް ފަހު ދުނިޔެއަށް އައި އެންމެ ބޮޑު އިގްތިސާދީ އަނދަވަޅު ކަމުގައިވާ "ގްރޭޓް ޑިޕްރެޝަން" އާއި ގުޅިގެން، 1933 އެމެރިކާގެ މަރުކަޒީ ބޭންކްތަކުން ފައިސާގެ ނޫޓުގެ ބަދަލުގައި ރަން ދިނުން ހުއްޓާލިއެވެ.
އެހެން ނަމަވެސް އެމެރިކާގެ ރައްޔިތުންގެ މެދުގައި ރަން ފައިސާ ފޮތިތަކަށް އޮތް މަގުބޫލުކަން ކުޑަ ނުވުމާއި އެކު ގެތަކުގައި އެފައިސާ ފޮތިތަށް ޖަމާކުރަން ފެށިއެވެ. ވުމާއެކު މަރުކަޒީ ބޭންކަށް ފައިސާގެ ކޮންޓްރޯލް އެއްކޮށް ނެގޭ ގޮތެއް ނުވިޔެވެ. އެހެން ކަމުން އެމެރިކާގެ ސަރުކާރުން ދެން ކުރި ކަމަކީ ސަތޭކައަށް ވުރެށް މަތީގެ ނޫޓްތަށް އުވާލީއެވެ. އެޏޫޓްތަކުގެ ބަދަލުގައި އާނޫޓް ދޫކުރަން ފެށީ ރަނުގެ ބަދަލުގައި 3 ޑޮލަރާއި 20 ސެންޓަށް ރަނުގެ ރާތައެއްގެ މަގުންނެވެ.
މިވަރަކުން އަދި ފުރިހަމަ އަކަށް އެމެރިކާގެ މައި ސަރުކާރަށް ގޯލްޑް ސްޓޭންޑަޑް އުވާލެވޭ ގޮތެއް ނުވިއެވެ. ސަބަބަކީ ގިނަ ރައްޔިތުންގެ އަތުގައި އޭރުވެސް ރަން ފައިސާ ފޮތި ހުރުމާއި އެއަށް އޮތް މަގުބޫލުކަން ކުޑަވެފައި ނުވުމުން ފައިސާއެއްގެ ގޮތުގައި ރަން ބޭނުން ކުރަމުން ދިޔައީތީއެވެ.
1934 ގައި އެމެރިކާއިން ރަން ގަންނަ އަގު 5 ޑޮލަރު 60 ސެންޓަކަށް ރަނުގެ ރާތައެއް އެގަމުގެ މަރުކަޒީ ބޭންކުން ގަންނަން ފެށިއެވެ. މިނިންމުމުގެ ސަބަބުން އެގައުމުގެ ފަސްދޮޅަސް ނުވަ އިންސައްތަ ރަން މަރުކަޒީ ބޭންކަށް ޖަމާކުރެވުނެވެ. މިސާބުން އެމެރިކާއަށް ގޯލްޑް ސްޓޭންޑަޑް ދޫކޮށް ލެވޭ ވަރަށް ތައްޔާރު ވެވުނެވެ.
ނަމަވެސް އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުން ދެވަނަ ބޮޑުހަނގުރާމަ ފެށި މިކަން މަޑުޖެހުނީއެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމި އެމެރިކާ ދުނިޔޭގެ ބޮޑު ބާރަކަށްވެ ހަމަޖެހުމަށް ފަހު 1971 ވަނަ އަހަރު އޭރު އެމެރިކާގެ ރައިސް ކަމުގައި ހުންނެވި ރިޗަޑް ނިޒޮން ކުރެއްވި އިޢުލާނެއްގައި އެމެރިކާ ގޯލްޑް ސްޓޭންޑަޑް ދޫކޮށްލާ ފެއިޓް މަނީ ސްޓޭންޑަޑަށް ބަދަލު ކުރި ވާހަކަ އިއުލާން ކުރެވުނެވެ. މިނިޒާމުގައި ނޫޓް ފައިސާއަކީ އެއްވެސް އެއްޗަކާ ގުޅުން ހުރި އެއްޗެއް ނޫނެވެ. މުޖުތަމައުގައި ފައިސާ ހުންނަން ޖެހޭ މިންގަނޑު ކަނޑައަޅާނީ މަރުކަޒީ ބޭންކުނެވެ.
މިނިޒާމުގެ ނުރައްކާ ކިތަންމެ ބޮޑުކަމުގައި ވިޔަސް ބޮޑު ސޯބު އެބުރޭފަދައިން ކުދި ސޯބުތަށް އެބުރޭނެއޭ ބުނާ އުސޫލުން ދެންތިބި ހުރިހާ ގައުމުތަކެއް ވެސް މިނިޒާމަށް ބަދަލުވާން ފެށިއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ގައުމަށް އަންނަ އިގްތިސާދީ ހީނަރުކަން ފަސޭހައިން ހައްލު ކުރެވޭ ޏިޒާމަކަށް ވުމެވެ. މިކަން ކުރާ ގޮތަކީ ދައުލަތް ހިންގަން ފައިސާ މަދުވެއްޖެ ހިދެއްގައި ބޭނުން ވަރަކަށް ޗާޕް ކޮށްލަނީއެވެ. މިނިޒާމުގައި ފައިސާ އަގުކުރާ ގޮތަކީ ގައުމުގެ އިންޕޯޓް އަދި އެކްސްޕޯޓް މިންގަޑުން ބޭރު ފައިސާ ގައުމުގައި ހުންނަ މިންވަރުންނެވެ. ނުވަތަ ފޮރިން އެކްސްޗޭންޖް ރޭޓުންނެވެ.
ދައުލަތަކުން އާމްދަނީ އަށް ވުރެ ހަރަދު ބޮޑު ވެއްޖެނަމަ އެހަރަދުތަށް ފޫބޭއްދޭން އޮންނަނީ ތިން ގޮތަކަށެވެ. އެއްގޮތަކީ އާމްދަނީ އިތުރު ކުރުމުގެ މަޝްރޫޢުތަށް އިތުރުކުރުން ނުވަތަ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމެވެ. ދައުލަތެއްގެ ހަރަދު ބޮޑު ވެގެން ދާވަގުތު އާމްދަނީ އިތުރު ކުރާ މަޝްރޫއެއް ފެއްޓުން ވަނީ ދަތިކަމަކަށެވެ. އެއާއެކު ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ ސިޔާސީ ގޮތުން ވެރިކަން ކުރާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަށް ހުރި ކަމެކެވެ.
ދެވަނަ ގޮތަކީ ޓްރެޝަރީ ބޮންޑް ވިއްކުން ނުވަތަ ބޭރުގެ ފަރާތަކުން ލޯނެއް ނެގުމެވެ. މިކަންކަމަކީ އުދަގޫ އަދި ގައުމުތަކުގެ ދާހިލީ ގުޅުންތަކަށް ބުރޫއަރާ ކަމެކެވެ. ޒަމާނީ އިސްތިޢުމާރީ އުކުޅެކެވެ. ސަބަބަކީ މިގޮތަށް ނަގާ ލޯންތަށް ގިނަ ފަހަރު އަންނާނީ ބައިވަރު ޝަރުތުތަކަކާއި އެކުގައެވެ.
ތިންވަނަ ގޮތަކީ އެންމެ ފަސޭހަ ގޮތެވެ. އެއީ ފައިސާ ޗާޕްކުރުމެވެ. ގިނަ ފަހަރު ރައްޔިތުންނަށް މީގެ ގެއްލުން ފެންނާނީވެސް ދުވަސް ކޮޅެއް ނުވަތަ މަސްތަކެއް ފާއިތުވާ ފަހުންނެވެ.
ފައިސާ ޗާޕްކުރުމުން އެކި ގައުމު ތަކަށް ވާނީ އެކި ގޮތެވެ. މިގޮތުން ރާއްޖެއަށް މިކަމުން އަސަރު ކުރާނެ ގޮތަށް ބަލާއިރު ރާއްޖޭގައި ތިބީ އާއްމުކޮށް ދެވައްތަރެއްގެ ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކެވެ. އެއީ ދިވެހި ރުފިޔާއިން އާމްދަނީ ލިބޭ ފަރާތްތަކާއި ޔޫ.އެސް ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކެވެ.
ޔޫ.އެސް ޑޮލަރުން އާމްދަނީ ލިބެނީ ރިސޯޓްތަށް ހިންގާ ފަރާތްތަކާއި މަސް އެކްސްޕޯޓް ކުރާ ފަރާތްތަކާއި އަދިވެސް އެހެނިހެން މުދަލާއި ޙިދުމަތްތަށް އެކްސްޕޯޓް ކުރާ ފަރާތްތަކަށެވެ. އެއްބައި ފަހަރު އެތަންތަނުގައި އުޅޭ މުއައްޒަފުންނަށެވެ. މިއީ އާބާދީގެ ވަރަށް މަދު ބަޔެކެވެ. އޭގެތެރެއިން ވެސް ގިނައީ މުއްސަދިންނެވެ.
މުޖުތަމައުގެ ގިނަ ބަޔަކީ ދިވެހި ރުފިޔާއިން އާމްދަނީ ލިބޭ ފަރާތްތަކެވެ. މީގެތެރޭ ހިމެނޭ ގިނަ މީހުންނަކީ ސަރުކާރު މުއްޒަފުންނާއި، އަމިއްލަ ގިނަ ކުންފުނިތަކާއި އެތަން ތަނުގެ މުއައްޒަފުންނެވެ.
މިދެބައި މީހުންނަށް ފައިސާ ޗާޕްކުރުމުން ވެދާނެ ގޮތަށް ބަލާއިރު، މިސާލަކަށް ރާއްޖޭގައި ހުރީ ޖުމްލަ 500،000 ދިވެހިރުފިޔާ ކަމަށް ވެފައި، ރާއްޖެއަށް ވަންނަނީ 10،000 ޔޫ.އެސް ޑޮލަރުކަމަށް ވެއްޖެނަމަ، އެއާއިއެކު ރާއްޖެއަށް ލިބޭ ހުރިހާ ޑޮލަރެއް ރާއްޖެއިން ބޭނުންވާ އެއްޗެހި ގަތުމަށް އެއްކޮށް ނުވަތަ ބޮޑު ބަޔެއް ހަރަދު ވާނަމަ ކަންވާނެ ގޮތަކާއި މެދު ވިސްނާލަމާތޯއެވެ.
މި 500،000 ރުފިޔާ ރާއްޖޭގައި ދައުރު ވާއިރު ޑޮލަރެއްގެ އަގަށް ވާނީ 50 ރުފިޔާއެވެ. އެއާއެކު ދިހަ ހާސް ޑޮލަރަށް ލިބޭނީ 10،000 ކިލޯ ގޮދަން ކަމަށް ބަލަމާތޯ އެވެ. މީގެއިތުރުން ރިސޯޓް ހިންގާ ފަރާތެއްކުގެ އާމްދަނީ އަކީ 100 ޑޮލަރު ކަމަށް، އަދި ސިވިލް ސަރވަންޓް މުއްޒަފެއްގެ އާމްދަނީ އަކީ 5،000 ރުފިޔާ ކަމަށް ބަލަމާތޯއެވެ.
މިފަދަ ހާލަތެއްގައި ގޮދަން ވިއްކަނީ ފައިދާއެއް ނުލާ ކަމުގައި ވަނީ ނަމަ ރިސޯޓް ހިންގާ ފަރާތަށް އަދި ސިވިލް ސަރވަންޓް މުއައްޒަފަކަށް 100 ކިލޯ ގަނުމުގެ ގާބިލުކަން ހުންނާނެއެވެ.
ނަމަވެސް ސަރުކާރުގެ ބޭނުމަކަށް އިތުރު 500،000 ރުފިޔާ ޗާޕްކުރުމުން 1،000،000 ރުފިޔާ ރާއްޖޭގައި ދައުރު ވާނެއެވެ. އޭރުން ޑޮލަރެއްގެ އަގު އުޅޭނީ 100 ރުފިޔާގައެވެ. އެހެން ކަމުން ރިސޯޓްހިންގާ ފަރާތަށް އާމްދަނީ ލިބެނީ ޑޮލަރުން ކަމުން ލިބޭނީ 100 ޑޮލަރެވެ. ނަމަވެސް ސިވިލް ސާވަންޓަށް މުސާރަ ލިބޭނީ ރުފިޔާއިން ކަމުން އެފަރާތަށް ލިބޭނީ 50 ޑޮލަރެވެ. ވުމާއެކު ރިސޯޓްހިންގާ ފަރާތަށް 100 ކިލޯ ގޮދަން ގަތުމުގެ ގާބިލް ކަން ހުރި ކަމުގައި ވިޔަސް، ސިވިލް ސާވަންޓް މުއައްޒަފަށް ގަނެވޭނީ 50 ކިލޯގެ ގޮދަނެވެ.
މިއީ މުއްސަދިން މުއްސަދިވާ އަދި ފަގީރުން އިތުރަށް ފަގީރު ވާ މައިގަނޑު ސަބަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ