ޖަޕާނުގެ ކިޔޯޓޯ އެނިމޭޝަން ސްޓޫޑިއޯގައި އަލިފާން ރޯކޮށްލުން: 33 މީހުން ފިހިގެން މަރުވެ، އެތައްބަޔަކަށް އަނިޔާވެފައިވޭ

ޖަޕާނުގެ އެނިމޭޝަން ސްޓޫޑިއޯއެއްގައި ބުރާސްފަތި ދުވަހު އަލިފާން ރޯވެ ހިނގި ވަރުގަދަ ހާދިސާގައި 33 މީހުން މަރުވެފައިވާކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައެވެ.
މިއީ، ފާއިތުވީ ވިއްސަކަށް އަހަރުގެ ތެރޭގައި ޖަޕާނުގައި ހިނގި މީހުން މެރުމުގެ މިފަދަ އެންމެ ބޮޑު ހާދިސާއެވެ.
ކިޔޯޓޯގައި ހުންނަ ކިޔޯޓޯ އެނިމޭޝަން އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ މީހަކު ގަސްތުގައި އެ އިމާރާތުގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް، ޖަޕާނުގެ ރަސްމީ ނޫސް އޭޖެންސީ އެންއެޗްކޭއިން ބުނެފައިވެއެވެ.
ތިން ފަންގިފިލާއަށް ހަދާފައި ހުރި ކިޔޯޓޯ އެނިމޭޝަން ހުންނަ އިމާރާތުގައި އެމީހާ އަލިފާން ރޯކޮށްލާފައިވަނީ އެ އިމާރާތުގެ އެކި ތަންތަނަށް ޕެޓްރޯލް އަޅައިގެން ކަމަށާއި، ޕެޓްރޯލް އެޅުމަށްފަހު ހުޅުޖެހުމުގެ ކުރިން "ކަލޭމެން މަރުވޭ" މިހެން އެމީހާ ގޮވި ކަމަށްވެއެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންވަނީ، އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 41 އަހަރުގެ މީހާ ހައްޔަރު ކޮށްފައެވެ.
އަލިފާނުގެ ހާދިސާގައި 33 މީހުން މަރުވެފައިވާކަން ކިޔޯޓޯ ސިޓީ ފަޔަރ ޑިޕާޓްމަންޓުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އިތުރު 36 މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަނިޔާވެފައިވާ މީހުންގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސްކަށްވެސް ބުނެއެވެ.
މަރުވެފައި ތިބި މީހުންގެ ހަށިތައް އިމާރާތުގެ އަނދާފައިވާ ތިން ފަންގިފިލާއިންނާއި، ސިޑިތައް މަތިންނާއި، އެމިނޭޝަން ސްޓޫޑިއޯ ތެރެއިންވެސް ފެނުނު ކަމަށް ފަޔަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
މިހާދިސާއާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭވަނީ، މި ހަމަލާ ކުށްވެރި ކުރައްވައި، މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި ވިދާޅުވީ، ކުރެއްވޭ ހިތްދަތި އިހްސާސް ހާމަކުރައްވަންވެސް ދަތިފުޅު ކަމަށެވެ.
ކިޔޯޓޯއަކީ ޖަޕާނުގެ ވެރިރަށް ޓޯކިއޯއާ ގާތްގަނޑަކަށް 450 އަކަކިލޯމީޓަރު ހުޅަނގަށް އޮންނަ ސިޓީއެކެވެ. ކިޔޯޓޯއަކީ ޖަޕާނުގެ ގަދީމީ ވެރިރަށެވެ. އެ ރަށަކީ ޖަޕާނަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލް މަންޒިލެއްވެސް މެއެވެ.
ޖަޕާނުގައި އުފައްދާ އެނިމޭޝަންއަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަގްބޫލްކަން ހޯދާފައިވާ އެމިނޭޝަންތަކެކެވެ.
މީހަކު އަލިފާން ރޯކޮށް އަންދާލި އެނިމޭޝާން ސްޓޫޑިއޯއަކީ ވެސް، ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ އެނިމޭޝަން އެތައް އުފެއްދުމެއް އުފައްދާފައިވާ އަދި މިހާރުވެސް އުފައްދަމުން ގެންދާ ސްޓޫޑިއޯއެކެވެ.
އަލިފާނުގެ ހާދިސާ ހިނގއިރު، އެ ސްޓޫޑިއޯއިން ގެންދިޔައީ "ސައުންޑް! ޔޫފޯނިއަމް" އާއި "ފްރީ! ރޯޑު ޓު ދަ ވޯރލްޑް-ދަ ޑްރީމް" އެނިމޭޝަން ފިލްމުތައް މިމަހު ނެރުމަށް ތައްޔާރުވެސް ވަމުންނެވެ.
"އަހަރެންގެ ހިތް ކުދިކުދިވެއްޖެ. ޖަޕާނުގެ އެނިމޭޝަން ސިނާއަތް ކޮޅަށްޖަހަން އެހީތެރިވެ އަދި އެކަން ކުރަމުންދިޔަ މީހުން މިގޮތަށް މަރުވެގޮސް އަދި އެފަދަ އެތައް ބަޔަކަށް މިގޮތަށް އަނިޔާވުމަކީ އިއާދަކުރެވޭނެ ގެއްލުމެއްނޫން" ސްޓޫޑިއޯގެ ޗީފް އެގެޒެކެޓިވް ހިޑެއަކީ ހައްޓާ، ނޫސްވެރިންގާތު ބުންޏެވެ.
މީހުން މަރުވުމާއި، ކުށްކުރުމަކީ ޖަޕާނުގައި އެހާ އާންމު ކަމެއްނޫން،، އެހެން ނަމަވެސް، ދޭތެރެ ދޭތެރެއިން ޖަޕާނު ސިއްސައިގެންދާ ވަރުގެ ބޮޑެތި ކުށުގެ ޖަރީމާތައް ހިންގާފައިވެއެވެ.
ކިޔޯޓޯ އެމިނޭޝަން ސްޓޫޑިއޯއަށް ދެވުނު ހަމަލާއަކީ، ޖަޕާނުގެ އެނިމޭޝަން އިންޑަސްޓްރީއަށް ދެވުނު ހަމަލާއެއް ކަމަށް ގިނަބަޔަކު ބުނަމުން ގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ