ކެމްޕޭނަށް ބޭނުންވާ ފައިސާ ފްރީޒްކޮށްފައިވާތީ، އަދިވެސް އަތްލެވޭ ގޮތެއް ނުވޭ - ޔާމީން

ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައިވާތީ އަދިވެސް "އަތްލެވޭ ގޮތް ނުވެފައިވާ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ޕީޕީއެމުން ކުރާ ކެމްޕޭންގައި، މަޑަވެލި ދާއިރާގެ ރައްޔިތުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މަޖިލީސް އިންތިޚާބަށް ބެހެއްޓެވި ފައިސާ ވެސް ބޭނުންކުރެވޭ ގޮތް ނުވެފައިވާ ކަމަށާއި ކެމްޕޭނަށް ތަންތަނަށް ވަޑައިނުގެންނެވުނީ މި ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށެވެ.
" ކެމްޕެއިންގައި ހަރަދު ހިނގާނެކަން އެގިހުރެ ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައިވާތީ އަދިވެސް "އަތްލެވޭ ގޮތް ނުވެފައިވާ" އެހެންވެ ވަރަށް ދަތި ހާލުގައި ކުރާ މަސައްކަތް މި ކުރަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާން ބަންދުކޮށް ކެމްޕެއިނަށް ހަރަދު ކުރުމުގެ މަގުވެސް ބަންދުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ކުރާ ހަމަ އެކަނި ކަމަކީ ދަތުރުތައް ކުރުމާއި މީހުންގެ ފަހަތުން "ދުވެ، އަނިޔާ ކުރުން" ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އާދައިގެ މީހާއަށް ވެސް ވާނީ ތަރައްގީ ގެނެސްދީފަ އެވެ. އެކަމަކު މި ސަރުކާރަށް ފަސް މަސް ވި އިރު ވެސް އެފަދަ އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
" އޮއްޓަރު ހުރި ކަމެއް ފަސް މަސް ވެގެންދާއިރު ނެތް ކުރެވިފައެއް. އަހަންނަން އެނގޭ އަހަރެން މި ވާހަކަ ދެއްކީމަ އަހަންނަށް ހޫނު ގަނޑެއް އަތުވެދާނެކަން. އެކަމަކު މިއީދޯ މީގެ ހަގީގަތަކީ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ