"ލަންކާއަށް ދިން ބޮމުގެ ހަަމަލާއަކީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް އަނިޔާވެރި އަމަލެއް"

މިދިޔަ އާދީއްތަ ދުވަހު ސްރިލަންކާއަށް ދިން ބޮމުގެ ހަަމަލާއަކީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް އަނިޔާވެރި އަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ މިރޭ ބޭއްވި ސިފައިންގެ އަހަރީ ދުވަހުގެ ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސްރީލަންކާއަށް ދިން ހަމަލާތަކަކީ، އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް އަނިޔާވެރި، ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.
ކޮންމެ މަގްސަދެއްގައި ވިޔަސް، އެއްވެސް ހައްގަކާ ނުލައި، ކުށެއް ނެތް ބަޔަކަށް، އެފަދަ ރަހުމް ކުޑަ އަނިޔާއެއް ދިނުމަކީ، އެއްވެސް ހަމަޔަކުން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުން، އެ ނުބައި ޓެރަރިޒަމްގެ ޖަރީމާ ކުށްވެރިކުރަނީ، އެންމެ ހަރުކަށި އިބާރާތުން ކަމަށެވެ.
ސިފައިންގެ ދުވަހުގެ ޖަލްސާގައި އެމަނިކުފާނުގެ ވާހަކަފުޅު ފެއްޓެވުމުގެ ކުރިން ރައީސް ވަނީ އަވަށްޓެރި ސްރީލަންކާގައި ދިން، ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވައި، އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރައްވައިފައެވެ. ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެއީ ސްރީލަންކާގައި ދިން ހަމަލާއަކަށް ވިޔަސް، އެއީ މުޅި މި ސަރަހައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން، ގައުމީ ދިފާއީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، މިހާރުގެ ސަލާމަތީ ހާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންގެންދާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ