ރައީސް ނަޝީދު ތިމާވެށީގެ ހާއްސަ ޖަމިއްޔާއެއް އުފައްދަވައިފި

ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރެއްވުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ ޖަމިއްޔާ ރަޖިސްޓްރީ ކޮށްދީފި އެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި އެޖަމިއްޔާ ރަޖިސްޓްރީކޮށްދީފައި ވަނީ މިއަދުއެވެ.
ތިމާވެއްޓާ ގުޅުން ހުރި ކަންކަމަށް ރައީސް ނަޝީދަކީ ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
މިޖަމިއްޔާއަކީ އަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތް ހޯދުމެވެ.
މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ނަމުގައި ޖަމިއްޔާއެއް އުފައްދާފައިވާއިރު ނަޝީދުގެ އިތުރުން މިޖަމިއްޔާގެ އަނެއް ފައުންޑަރަކީ ގ. އާނޫރާނީ މަރްޔަމް ރާހިލް ނަސީމް އެވެ. މިޖަމިއްޔާގެ އިދާރާއަކީ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ އެވެ.
ރަށްތައް ތަރައްގީ ކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަކޮށް މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމާއި، ފަރުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ގޮތް ހޯދުންވެސް މި ޖަމިއްޔާގެ މަގުސަދު ތެރޭގައި ހިމެނެއެވެ.
މޫސުމަށް އަންނަަމުންދާ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާ އެއް ގައުމަކީ ރާއްޖެއަށް ވާއިރު، ތިމާވެށި ހިމާޔަތް ކުރުމާއި ގުޅޭގޮތުން ހަމައެކަނި ވާހަކަ ދައްކާލައިގެން ވާނެ އެއްވެސް ފައިދާއެއް ނެތް ކަމުގައި ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ