މޯދީ އަންނަމަހު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރެއް ކަށަވަރު ކުރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ޖޫން މަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މޯދީގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ރާއްޖެ އަށް އަންނަ ޖޫން މަހުގެ 7 އިން 8 އަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ބައެއް ނޫސްތަކުންވެސް ރިޕޯޓް ކުރާގޮތުގައި މިފަހަރު ބޮޑު ވަޒީރު މޯދީ ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ދިވެހިރާއްޖެއަށެވެ.
އިންޑިއާގެ މީޑިއާތަކުން މިހެން ބުނި ނަމަވެސް މޯދީ ރާއްޖެ ވަޑައިގަންނަވާނަމަ ދެ ޤައުމުން އެއްބަސްވާ ތާރީޚެއް ހަމަޖެހުމުން އެކަން މީޑިއާއި ހިއްސާކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެފައެވެ.
އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވާ، މިހާރުވެސް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބޮޑު ވަޒީރުކަން ދިފާއުކުރައްވާފައިވުމާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވާފައެވެ.
އަންނަ ޖޫން މަހު މޯދީ ރާއްޖެ ވަޑައިގެންފިނަމަ މި ދަތުރުފުޅުވެގެން ދާނީ ރައީސް އިބްރާހިމް މުހައްމަދި ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މޯދީ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރު ފުޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ