އާޓިފިޝަލް ބީޗު މަޝްރޫއަކީ ރައީސް ޔާމީން ފެއްޓެވި މަޝްރޫއެއް- މުއިއްޒު

އާޓިފިޝަލް ބީޗު މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޗެނަލް13ގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އާޓިފިޝަލް ބީޗު ތަރައްގީ ކުރަން އެމްޓީސީސީއާއި ހަވާލުކޮށް، އެކަމުގެ އަމަލީ މަސައްކަތް 2018 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ފަށާފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ އެއްބަސްވުން އެމްޓީސީސީއާއިއެކު ހަދާފައިވާއިރު، އޭގެ ކުރެހުންތައްވެސް އޮތީ ނިންމާފައި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. "އެމްޓީސީސީން އެމަސައްކަތް ފެށުމުގެ ކުރިން ޕަބްލިކް ވޯކްސްއިން އެތަން ޑިމޮލިޝްކޮށްދީ ނިންމާގޮތަށް ހަމަޖެހިފައި އޮތީ. އަޅުގަނޑުމެން އޭރު އޮންނާނީ އެމަސައްކަތް ނިންމާފައި. އެންމެ އުނދަގޫ އެއް ކަމަކީ އެތާގައި ހުރި ހުރިހާ ވިޔަފާރި ކުރާ ކެފޭތައް ނަގާ ސައިޓް ކްލިއަރ ކޮށްދިނުން. އެކަން ނިންމާފައި، ކުރެހުން ހަދާ ނިންމާފައި، އެގްރީމެންޓްވެސް ހަދާފައި އޮތް މަޝްރޫއުއެކޭ އެއީ" މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އާޓިފިޝަލް ބީޗުގެ މަޝްރޫއުގެ ކުރެހުން މި ސަރުކާރަށް ބަދަލު ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް އެއީ ރައީސް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ އެމަސައްކަތްވެސް ކުރިއަށް ދަނީ ރައީސް ޔާމީންގެ ސަރުކާރުން އެކަން ފެށުމުން ކަމަށާއި، އެހެން ނޫންނަމަ އެކަންވެސް ކުރިއަށް ނުގެންދިޔައީސް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން އާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާ ކަމަށެވެ. އާޓިފިޝަލް ބީޗް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް ރޯދަޔަށް އެތަން ހުޅުވާނެ ކަމަށް އެމްޓީސީސީން ކުރިން ވަނީ ބުނެފައެވެ. އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ރޯދަޔަށް މަސައްކަތް ނިންމައިދިނުމަށް ރައީސް އޮފީހުން އެދިފައިވާތީ އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރޯދަމަސް ދެބައިވެގެން ދިޔައިރުވެސް އަދިވެސް އެތަން ހުޅުވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ