ދެ މިލިއަން ޑޮލަރުގެ ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންނަށް

ފުލުހުންގެ 80 ވަނަ އަހަރީ ދުވަހާ ދިމާކޮށް ޖަޕާނުގެ ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާކޮށްފިއެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި ތަކެތި ހަވާލުކުރުމުގެ ލިޔުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ ހަވާލުކޮށްދެއްވާފައި ވަނީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރާ ކެއިކޯ ޔަނާއީ އެވެ. އެގޮތުން ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް 28 ކާރުގެ އިތުރުން ލޯންޗަކާއި ވައިޖަހާ ވައްތަރުގެ ދެ ބޯޓް (ރިޖިޑް ހަލް އިންފްލޭޓަބަލް ބޯޓް) ހަދިޔާކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުގެ ސަރުކާރުން ވެދެއްވި އެހީ ފުލުހުން ގަބޫލުކުރެއްވި ކަމަށްޓަކައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރާ ކެއިކޯ ޔަނާއީ ވަނީ ފުލުހުންނަށް ޝުކުރު ދަންނަވާފައެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔަނާއީ ވިދާޅުވީ މިކަން ފުރިހަމަ ވެގެން މިދިޔައީ ދެގައުމު، އެއް ގައުމު އަނެއް ގައުމާ ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ. މީގެ އިތުރުން ޖަޕާނުގެ މި އެހީއާއެކު ރާއްޖޭގެ ފުލުހުންގެ މަސައްކަތް އިތުރަށް ފުރިހަމަވެ، ރައްޔިތުންގެ ރައްކާތެރިކަން ބެލެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޔަނާއީ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި ޖަޕާނާ ދެމެދުގައިވާ ގުޅުގުން އިތުރަށް ބަދަހިވެގެން ދާނެކަމަށް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޖަޕާނުގެ ގުޅުމަކީ އެއްގޮތް އުސޫލުތަކެއްގެ މަތީން އުފެދިފައިވާ އެއް ކަންކަން ތަކަކަށް ޝައުގުވެރިކަން ހުރި ދެ ގައުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްގީވުމުގެ ކޮންމެ ހަރުފަތެއްގައި ރާއްޖެއާއެކު ޖަޕާނުން ހުންނެވި ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދު ޖަޕާނުން ރާއްޖޭގެ ފުލުހުންގެ މަސައްކަތް އިތުރަށް ފުރިހަމަކަން މަތީ އަދާކުރުމަށް ހަދިޔާ ކުރި މި ތަކެތިން ދޭހަވަނީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ގައުމުން ސަރުކާރަށް އެހީވެދޭ މިންވަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންގެ ކޮމިޝަނާ މުހައްމަދު ހަމީދު އަދި ފުލުހުންގެ އެކި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ