ރައީސް ޔާމީން ދޫކޮށްލަން ބޭރުގެ ޖަމާއަތަކުން ގޮވާލައިފި

ކުރީގެ ރައީސް ޔާމީން ޖަލު ބަންދުން ދޫކޮށްލުމަށް އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރީފޯމިސްޓް އިން ޔޫރަޕް (އޭސީއާރުއީ) އިން ގޮވާލައިފި އެވެ. ރައީސް ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އެމަނިކުފާނުގެ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެނެވެ. އޭސީއާރްސީގެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް އެމަނިކުފާނުގެ ޕާޓީން ތައްޔާރުވަމުން އަންނަނިކޮށް ކަމަށެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށް ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރުމަކީ ޕީޕީއެމްއަށް މަޖިލިސް އިންތިހާބަށް ތައްޔާރުވެ، ހަމަ ހަމަކަމާ އެކު ވާދަ ކުރުމަށް އޮތް ހުރަހެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީން ހައްޔަރު ކުރުމުން އޭސީއާރްސީގެ އިތުރުން، ޔޫރަޕިއަން ޕާޓީ އޮފް ބްރިޓިިޝް ކޮންޒަވޭޓިވްސް، ޕޮލެންޑްސް ލޯ އެންޑް ޖަސްޓިސް ޕާޓީ، އަދި 40 އެހެނިހެން ބޭރުގެ ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އޭސީއާރްއީއިން ވަނީ ރައީސް ޔާމީން ހައްޔަރު ކުރުމަކީ ޑިމޮކްރެސީއާ ދެކޮޅަށް ކުރެވުނު ކަމެއް ކަމަށް ބުނެ އެކަން ބެލުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ)އަށް ގޮވާލާފަ އެވެ. އަދި އިންތިހާބު މޮނިޓާ ކުރާ ފަރާތްތައް ރާއްޖެއަށް ފޮނުވުވުމަށް އީޔޫއަށް ވަނީ ގޮވާލައިފަ އެވެ. އޭގެ އިތުރުން، ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރެސީއަށް އިހުތިރާމުކޮށް މިނިވަން އިންތިހާބެއް ބޭއްވުމަށް އެ ޖަމާއަތުން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ. އެ ޖަމާއަތުގެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީން އަދި ޕީޕީއެމް އިން ޑިމޮކްރެސީއަށް އިހުތިރާމު ކުރާ ކަމުގެ ހެއްކަކީ، ރިޔާސީ އިންތިހާބުން ބަލިވުމަށް ފަހު ލަސްނުވެ ވެރިކަން ހަވާލު ކުރެއްވުން ކަމަށެވެ. އަދި އެމަނިކުފާނަކީ އެގޮތަށް ސުލްހަވެރިކަމާ އެކު ވެރިކަން ހަވާލު ކުރި ރާއްޖޭގެ ފުރަތަމަ ރައީސް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ރައީސް ޔާމީން އިންތިހާބުން ބަލިވެވަޑައިގަތުމުން، ވަނީ އިންތިހާބު ބާތިލުކޮށްދެއްވުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފަ އެވެ. ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އެ މައްސަލަ ރައީސް ޔާމީނާ ދެކޮޅަށް ނިމުމުންނެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ވަން، އެސްއޯފް ކުންފިނިން އެމަނިކުފާނުގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާ ކުރި އެއް މިލިއަން ޑޮލަރު ލޯންޑަރ ކުރި ކަމުގެ ތުހުމަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ