ކުޅުދުއްފުއްޓަށް 800 ކޭސް ސިނގިރޭޓު ބަލައި، 720،000ރ.ގެ ޑިއުޓީ އިނާޔަތް އަނެއްކާ ވެސް ހޯދައިފި

ސަރަހައްދީ ދެ ބަނދަރަށް ބާލާ މުދަލުން ދޭ 30 ޕަސެންޓްގެ ޑިއުޓީ އިނާޔަތް ހޯދައިގެން، ކުޅުދުއްފުށީ ބަނދަރަށް ބޭލި 800 ކޭސް ސިނގިރޭޓުން 720000ރ.ގެ ޑިއުޓީ އިނާޔަތް އެމްސީ ވެއާ މޯލްޑިވްސް އިން އަނެއްކާ ވެސް ހޯދައިފި ކަމަށް ކުޅުދުއްފުށީ ބަނދަރުގެ އިސް އޮފިޝަލަކު މިއަދު ކަށަވަރު ކޮށްދީފި އެވެ.
އެ އޮފިޝަލް ނަން ހާމަ ކުރުމަށް އުޒުރުވެރިވެ، މިއަދު ވިދާޅުވީ އެމްސީވެއާ މޯލްޑިވްސް އިން ދެ ކޮންޓެއިނަރުގެ ކެމަލް ސިނގިރޭޓް (800 ކޭސް) ކުޅުދުއްފުށީ ބަނދަރަށް ގެންގޮސްފައި ވަނީ މާލޭ ވިޔަފާރި ބަނދަރުން ޓްރާންސިޓް ކާކޯގެ ގޮތުގައި މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ހަމަ އެ ކުންފުނިން ވަނީ 800 ކޭސް ސިނގިރޭޓް ކުޅުދުއްފުށީ ބަނދަރަށް ބާލައިގެން ޑިޔުޓީގެ އިނާޔަތް ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އައްޑޫގެ ސަރަހައްދީ ބަނދަރަށް ވެސް އެ ކުންފުނިން ވަނީ 400 ކޭހުގެ ސިނގިރޭޓް ބާލައިފަ އެވެ.
"މާލޭ ވިޔަފާރި ބަނދަރުން ޓްރާންސިޓް ކާގޯ ހިފައިގެން އައި ދޯންޏެއްގައި ދެ ކޮންޓެއިނަރުގެ ކެމަލް ސިނގިރޭޓް މިގެނައީ. މިއީ އެމީހުން އެ ގޮތަށް ސިނގިރޭޓް ބޭލި ދެ ވަނަ ފަހަރު،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުރިހާ ސިނގިރޭޓް ވެސް ސަރަހައްދީ ބަނދަރަށް ބޭލުމަށް ފަހު ކަސްޓަމްސް ކުލިއަރެންސްގެ ކަންތައްތައް ހަމަޖެއްސުމަށް ފަހު އަލުން އެތަކެތި ގެނައި ދޯންޏަށް އަރުވައިގެން މާލެ ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ.
"ސިނގިރޭޓް ކޭސްތައް މި ތަނުން [ސަރަހައްދީ ބަދަރުން] ބޭރަކަށް ނުގެންދެ. ހަމަ މިތަނުން ކަސްޓަމްސް ކުލިއަރެންސް ނިންމާފައި ދޯންޏަށް ބަރުކުރީ. މިތަނުން އެންމެ ސިނގިރޭޓް ކާޓޫނެއް ވެސް ރަށަށް ބޭރެއްނުކުރޭ،" އޮފިޝަލް ވިދާޅުވި އެވެ.
ސިނގިރޭޓަށް ޑިއުޓީ ނަގަނީ، ކޮންމެ ސިނގިރޭޓަކަށް 30 ލާރީގެ ރޭޓުންނެވެ. ސިނގިރޭޓް ކޭހެއްގައި 10،000 ސިނގިރޭޓް ހިމެނެ އެވެ. އެހެންވުމުން ކޮންމެ ކޭހަކަށް 3000ރ. ޑިއުޓީގެ ގޮތުގައި ދައްކަން ޖެހެ އެވެ.
އެ ރޭޓަށް ބަލާއިރު މިފަހަރު ބޭލި 800 ކޭސް ސިނގިރޭޓަށް 2.4 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އެ އަދަދުގެ ތެރެއިން 30 ޕަސެންޓް ޑިއުޓީ މާފުވުމުން ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭނީ 1.6 މިލިއަން ރުފިޔާ އެވެ.
ސަރަހައްދީ ދެ ބަނދަރަށް ބާލާ މުދަލުން 30 ޕަސެންޓްގެ ޑިއުޓީ މައާފުކޮށް ދިނުމަށް ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޖުލައި 26 ގަ އެވެ.
ކަސްޓަމްސް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްވާން މީގެ ކުރިން ވިދާޅުވެފައިވަނީ ސަރަހައްދީ ދެ ބަނދަރަށް ބާލާ މުދަލުގެ 30 ޕަސެންޓް ޑިއުޓީން އުނިކުރަން ފެށިފަހުން އެންމެ ގިނަ އިން އެ ބަނދަރުތަކަށް ގެންދަނީ ހިލަވެއްޔާއި ކާރު ކަމަށެވެ.
"އަޅުގަނޑުމެން ނަކީ އެންފޯސްމަންޓް ބޮޑީއެއް. އެހެން ނޫނަސް ސިނގިރޭޓަކީ މަނާ އެއްޗެއް ނޫން. ކޮންޓްރޯލް އެއްޗަކަށް ވީމަ ހެލްތު މިނިސްޓްރީ ކަހަލަ ތަނަކުން އޭގެ ޒިންމާ ނަގަން ޖެހޭނީ،" އަޝްވާން ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ