ކަައުންސިލްތަކަށް ދެނީ ރައްޔިތުންގެ ފައިސާ، ޒިންމާދާރުކަމާ އެކު ބޭނުން ކުރަން ޖެހޭ: ރައީސް

ކައުންސިލުތަކަށް ދެވޭ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށާއި އެ ފައިސާ ޒިންމާދާރު ކަމާ އެކު ބޭނުން ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. "ލާމަރުކަޒީ މަގަށް ރާއްޖެ"ގެ ނަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް މިރޭ ބޭއްވި ޖަޒީރާ ހޮޅުއަށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުވަން ޖެހޭ ކަމަށެވެ. "ކައުންސިލްތަކަށް ގާނޫނީ ބާރު އަދި ލިބުނަސް އޭގެ ޒާތުގައި އަދި މަސައްކަތް ކުރާ ތަނެއް ނުފެނޭ. މާލީ ބާރުވެރިކަން، މާލީ ފުދުންތެރިކަން ލާމަރުކަޒީ ކުރެވެން ޖެހޭ. އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް،" އަދި ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. "މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވާ އިރު ދެވޭ ފައިސާ އަކީ ރައްޔިތުން ދައުލަތަށް ދައްކާފައި ހުރި ފައިސާއެއް. އެ ފައިސާ ބޭނުން ކުރެވިގެން ދާން ވާނީ ޒިންމާދާރު ކަމާ އެކީގައި. އެކައުންޓަބިލިޓީ މުހިންމު،" އެމަނިކުފާނު ވިދާޅުވި އެވެ. މިރޭ ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މަޖިލީހަށް އިސްލާހު ހުށަހަޅާނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ފަސް ރަށެއްގައި ބައްދަލުވުންތަކެއް ބާއްވައި، ރަނގަޅު ހިޔާލުތަކާއި މަޝްވަރާތައް އެ ބައްދަލުވުންތަކުގައި ލިބިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ