ޖަޕާނު ސަރުކާރުގެ އެހީގައި މުލަކު ސްކޫލުގައި ގާއިމްކުރި ޖިމްނޭޒިއަމް ހުޅުވައިފި

ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި މ. މުލަކު ސްކޫލުގައި ގާއިމްކުރި މަލްޓި ޕާޕަސް ހޯލް ހުޅުވައިފި އެވެ.
މުލަކު ސްކޫލުގައި މިދިޔަ ހުކުރު ދުވަހު އޮތް ރަސްމިއްޔާތުގައި އެ "ޖިމްނޭޒިއަމް" ހުޅުއްވައި ދެއްވީ ތައުލީމާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން އެކަމަނާ ވިދާޅުވީ، މިއަދު އަމާޒު ހިފަންވީ ވަކި އެއް ދާއިރާއަކުން ދަރިވަރުން ކުރިއެރުވުމުގެ ބަދަލުގައި ދަރިވަރު ޝައުގުވެރިވާ ދާއިރާއަކުން ނުވަތަ ދަރިވަރުގެ ހުނަރު ހުރި ދާއިރާއަކުން އެ ދަރިވަރަކު ބިނާ ކުރުމަށް ކަމަށެވެ.
"ސްކޫލް ތެރެއިން ދަރިވަރުންނަށް ލިބެންހުރި ފުރުސަތުތައް އިތުރުކުރަން ޖެހޭ. އާއްމުކޮށް ސްކޫލްތަކުން ލިބެންހުރި އާޓްސް ބިޒްނަސް އަދި ސައިންސް ސްޓްރީމުގެ އިތުރުން ޒަމާނާގުޅޭ ހުނަރުތައް ލިބޭނެ މަގު ތަނަސްވާންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި މ. މުލަކު ސްކޫލުގައި ގާއިމްކުރި މަލްޓި ޕާޕަސް ހޯލް --- ފޮޓޯ/ މުލަކު ސްކޫލް
އެގޮތުން ތައުލީމުގެ އިތުރުން ދަރިވަރުންގެ ހެދިބޮޑުވުމަށާއި ޖިސްމާނީ ތަރައްގީ އަށް ބޭނުންވާ ގިނަ ކަންތައްތައް މިފަދަ ޖިމްނޭޒިއަމް ހޯލްތަކުން ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މުލަކު ސްކޫލުގެ ޕްރިންސިޕަލް އުދޭ ރާޖް ވިދާޅުވީ، އެ ހޯލަކީ ސްރީލަންކާގައި ހުންނަ ޖަޕާންގެ އެމްބަސީން ދޭ ގްރާންޓް އެސިސްޓަންޓް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ) އަށް އެދިގެން ލިބުނު ހިލޭ އެހީގެ ދަށުން ހަދާފައިވާ ހޯލެއް ކަމަށެވެ.
މުލަކު ސްކޫލުގައި ގާއިމްކުރި އެ ޖިމްނޭޒިއަމްގެ ބިންގާ އަޅުވައި ދެއްވީ ކުރީގެ ރައީސް ޑރ. މުޙަންމަދު ވަޙީދެވެ.
އެގޮތުން، ޖަޕާން ސަރުކާރުން 2.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އިމާރާތްކުރަން ފެށި އެ ހޯލަކީ 100 ފޫޓު ދިގު، 50 ފޫޓު ފުޅާ ހޯލެކެވެ.
ޕްރިންސިޕަލް އުދޭ ވިދާޅުވީ، ޖިމްނޭޒިއަމް ހޯލަށް ބޭނުންވާ ބައެއް ކުޅިވަރު ސާމާނު ޔޫތް މިނިސްޓްރީން ހަދިޔާކޮށްދެއްވާފައިވާ އިރު، ޖަޕާން ސަރުކާރުން ވެސް ބައެއް ތަކެތި ހަދިޔާކުރައްވަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ ހޯލުގެ ބައެއް އިތުރު ކަންތައްތަކަށް ކަންތައްތަކަށް ބެލެނިވެރިންނާއި ބައެއް ހެޔޮ އެދޭ ފަރާތްތަކުން 230000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
ޖީޖީޕީގެ ދަށުން ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ވަނީ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ