ވެށިފަހި ޕްރޮގްރާމުގެ "ފަހި" ކަމާމެދު ސުވާލު އުފެދޭ؟

އެކަމެއްގެ ހުރި ވަރު އެނގޭނީ އެކަމެއް ތަޖުރިބާ ކުރީމައޭ ބުނެ އުޅެނީ ހަމަ ރަނގަޅަށެވެ. ވެށިފަހި ޕްރޮގްރާމަކީ ހަމަ އެކަމަށް ރަނގަޅު މިސާލެކެވެ. ވެށިފަހި ޕްރޮގްރާމަށް ފޯމު ނެގުމާއި ކިޔޫ ނަންބަރު ނެގުމަށް އުފުލަންޖެހު ބުރަ އާއި ފޯމުލުމަށް ދިމާވާ ދަތިތައް ވެސް އެނގޭނީ ފޯމުގަނޑު ހިފައިގެން ކޮޅުކޮޅަށް ހިނގި މީހަކަށެވެ. މިކަންކަމުގައި އުޅެ، ފަހުން ރަނގަށް ވިސްނައިފި މީހަކަށް ވެށިފަހި ޕްރޮގްރާމްގެ ފަހިކަން ހުރީ ކިހާ މިންވަރަކަށްތޯ ވެސް ވަޒަންކޮށްލެވޭނެ އެވެ.
ވެށިފަހި ފޯމް ހުށަހެޅުމަށް އަހަރެން ނިންމީ ސުންގަޑި ހަމަވާ ދުވަހަށެވެ. ފަތިހު ފަހެއް ޖެހި އިރު ހޭލައިގެން ގާޒީ ބިލްޑިން ކައިރިއަށް ދިޔައިރު އެވަގުތު ވެސް ފުލުހުންގެ އިމާރާތުގެ މައި ދޮރާ ހަމައަށް ކިޔޫ އޮތެވެ. ނަންބަރު ދޫކުރަން ފަށަނީ ހަތެއް ޖަހާއިރު ކަމުން ފުދޭ ވަރެއްގެ ދިގު ކިޔޫއެއް އޮތުމުން ކިޔޫގައި ތިބި ބައެއް މީހުންނާ ސުވާލުކޮށްލީމެވެ.
"މިއީ އަހަރެން ކިޔޫގައި ޖެހޭތާ ދެ ވަނަ ދުވަސް. ފުރަތަމަ ދުވަހު ނަންބަރެއް ނުލިބުނު. އެހެންނު ވާނީ އެންމެ 700 ނަންބަރު ވިއްޔަ ދޫކުރަނީ. މިއަދު ފަހު ދުވަސް ވީމަ ކޮންމެ ގޮތެއް ވިޔަސް ނަންބަރެއް ގަނެގެން ނަމަވެސް ފޯމު ހުށަހަޅަން ކަމަށް މި އައީ،" އަހަންނާ ޖެހިގެން ކިޔޫގައި ހުރި 40 އަހަރުގެ މުހައްމަދު ފިރާގު ބުންޏެވެ.
ފިރާގުގެ ވާހަކައަށް ރަނގަޅަށް ވިސްނައިލުމުން ނަންބަރު ދޫ ކުރުމުގެ ކަންތައް ދަނީ އެންމެ އިންސާފަށް ނޫން ކަމަށް ވެސް ހީވެ އެވެ. އެއީ ކިތަންމެ ގިނަ ފޯމެއް ދޫކުރި ނަމަވެސް ދުވާލަކު 700 ނަންބަރު ދޫ ކުރުމުން ބޯހިޔާވަހިކަމުގެ ހައްގު ވެސް ލިބެނީ ހަމައެކަނި އެ ނަންބަރު ލިބޭ މީހުންނަށް ކަމަށްވާތީ އެވެ.
ކިޔޫގައި ތިބި މީހުންނާ ވާހަކަ ދައްކަމުން އެކި ހިޔާލު ފާޅު ކުރަމުން ދަނިކޮށް ނަންބަރު ދޫކުރަން ފަށައިފި އެވެ. ފޯމު ބަލައިގަންނަން ފަށަނީ ނުވައެއް ޖަހާއިރު ކަމުން ފޯމު ލެވޭނެ ކަމުގެ އުއްމީދުގައި ފަހުން އައުމުގެ ނިޔަތުގައި އެތަނުން ދިޔައީމެވެ.
އޮފީހުގައި އުޅެފައި ރައްޓެއްސެއްގެ ލަފަޔަށް ގާޒީ ބިލްޑިންގަށް ފޯމު ލުމަށްޓަކައި އަހަރެން ދިޔައީ މެންދުރު ފަހެވެ. ލިބުނީ ލަނޑެކެވެ. އަހަރެންގެ ނަންބަރު އޭރު ކަޓައިފި އެވެ. ހަދާނެ ގޮތް ހުސްވެ، ފަހުން އައުމަށް ލަފާ ދިން ރަހުމަތްތެރިޔާއާމެދު ހިތްހަމަނުޖެހިފައި ހުއްޓާ ނަސީބަކުން އެހެން ރައްޓެއްސެއްގެ ފަރާތުން އަހަންނަށް އިތުރު ނަންބަރެއް ލިބުނެވެ. އެކަމަކު އެއީ 556 ވަނަ ނަންބަރެވެ. ދެން އިތުރު ތަނަކަށް ނުދާނަމޭ ހިތާ މަޑުކޮށްގެން ހުރީ އެވެ. އޭރު އަހަރެންގެ ކުރިއަށް 100 އަށްވުރެ ގިނަ މީހުން ތިއްބެވެ.
ނަންބަރު އަރާ މެޝިނަށް ބަލަހައްޓައިގެން އިންތިޒާރުގައި ހުއްޓާ އެތަނަށް ރައްޓެހި ފުލުހަކު ވަދެއްޖެ އެވެ. ފޯމު ނުލިވެގެން އުޅޭ ވާހަކަ ބުނުމުން އެކަން ކޮށްދީފާނަމޭ ބުނެފި އެވެ. އޭނައަށް އެކަން ކުރެވިދާނެޔޭ ބުނުމުން އަހަރެން ކުޑަކޮށް ހައިރާންވި އެވެ. ވާނުވާ ނޭނގި ހުއްޓާ އޭނާ ރަނގަޅަށް ކިޔައިދީފި އެވެ.
"މިތާ ކައުންޓަރުގައި ގިނައިން މި ތިބެނީ ފުލުހުން. އަހަރެންނާ ވަރަށް ރައްޓެހިވާނެ ބައެއް ކުދިން. ތި ފޯމު މިހާރު ވެސް ވައްޓާލެވިދާނެ. ތިއީ އެއްވެސް ކަމެއް ނޫން،" އޭނާ ކިޔައިދިނެވެ. "އަހަރެން އިއްޔެ ވެސް 11 ފޯމު ހަމަ މި ގޮތަށް ހުށަހެޅިން،"
އޭނާ ދެއްކީ ތެދު ވާހަކައެއް ކަމަށް އެވަގުތު އަހަރެން ގަބޫލެއް ނުކުރަމެވެ. އެހެންކަމުން އެއީ ހަގީގަތުގައި ކަންތައްވާ ގޮތްތޯ ބެލުމަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން އަހަރެން ޝައުގުވެރިވި އެވެ. އެހެންވެ އަހަރެންގެ ފޯމު އޭނާއަށް ދިނީމެވެ. ފޯމު ހިފައިގެން އޭނާ ކައުންޓަރު ކައިރިއަށް ދިޔުމުން އަހަރެން ވެސް ކުޅިބަލަން ދިޔައީމެވެ. ތެދެކެވެ. ކައުންޓަރުގައި އިނީ އެ ފުލުސް މީހާގެ ރައްޓެއްސެކެވެ. ކޮންމެއަކަސް އެ ދެ މީހުން ތުއި ވާހަކަތަކެއް ދެއްކުމަށްފަހު އެންމެފަހުން އަހަރެންގެ ފޯމު ހުށަހަޅައިފި އެވެ. އެކަމަކު ހަގީގަތުގައި އަހަރެންގެ ނަންބަރުގެ ކުރިއަށް އެއިރު ވެސް 80 ނަންބަރު އޮތެވެ.
އެތައް ބަޔަކު ކިޔޫގައި ތިއްބާ ކޮރަޕްޝަނުން ނަންބަރު ނުނަގާ ބަޔަކު ފޯމު ހުށަހަޅާކަން ޔަގީންވުމުން އަހަރެން ހިތްހަމަނުޖެހުނެވެ. އެ ހިޔާލުގައި ގާޒީ ބިލްގިންގުން ނުކުތުމަށް ދިޔައިރު ލޮލުގައި އަޅައިގަތީ އިއުލާނެކެވެ. ރަނގަޅަށް ބަލައިލިއިރު ތާރީހު ނުޖަހައި އިން އެ އިއުލާނުގައި ބުނެފައި ވަނީ ވަޒީފާގައި އުޅޭ ކަމުގެ ލިޔުން ހުށަހެޅުމުން ޕޮއިންޓު ލިބޭނެ ވާހަކަ އާއި އެކަމަކު އެއީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ. އަދި އެކައުންޓް ސްޓޭޓްމަންޓް ހުށަހެޅުމް ޕޮއިންޓް ލިބޭނެ ވާހަކަ ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ޕޮއިންޓް ދޭނެ އުސޫލު ހާމަކޮށް މުނިސިޕަލްޓީން ނެރެފައިވާ ފޮތުގައި ވަޒީފާގައި އުޅޭ ކަމުގެ ލިޔުން ނުވަތަ އެކައުންޓް ސްޓޭޓްމަންޓް ހުށަހެޅުމުން ޕޮއިންޓު ދޭނެ ކަމަށް ބުނެފައެއް ނުވެ އެވެ. އަހަރެން އެ އިއުލާނު ކިޔަން ހުއްޓާ އެހެން މީހަކު ވެސް އައިސް އިއުލާނު ކިޔުމަށްފަހު އެއާމެދު ޝަކުވާ ކުރުމުގެ ގޮތުން އެއްޗެހި ކިޔަން ފެއްޓި އެވެ.
"މިއީ އިންސާފެއް ނޫން. ކުރިން ނުބުނޭ މި އެއްޗެއްސަށް ޕޮއިންޓު ދޭނެޔެކޭ. ކުއްލިއަކަށް ދެން މިހެން ނުހެދޭނެ. ކިތައް މީހުން ކަމެއް ނޭނގޭ މި އެއްޗެހި ހުށަނޭޅުނީކީ. މިހެން ހަދަންޏާ ފޯމު ލާ ފަހުން ވެސް ޕޮއިންޓު ދޭނެ އުސޫލުތަކެއް އާންމުކޮށްފާނެދޯ؟" ނިންމާލަމުން އެމީހާ ކޮށްލީ ސުވާލެވެ.
އެކަމުގެ ކަންތައް ވެފައިވާ ގޮތް ސާފު ކުރުމަށް އަހަރެން ނިންމީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް މަނިކު (ސަރަނގޭ) އާ ވާހަކަ ދެއްކުމަށެވެ. ގުޅާލުމުން އޭނާ ވިދާޅުވީ އޮފީހަށް ދިޔުމަށެވެ. އެކަމަކު އެ ދުވަހު އާދަމް މަނިކު ކައިރިން އެއްޗެއް ސާފުވަ ގޮތެއް ނުވި އެވެ. ތާރީހީ މޭޔަރު ރާލާފައި ވިދާޅުވިހާ ވެސް އެއްޗަކީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް އިއުލާނެއް ހިއްޕާފައި ނުވާނެ ކަމަށެވެ. އިތުރަށް ސުވާލު ކުރާނެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ.
"ތިބޭފުޅާއަށް ސާފުނުވާ މައްސަލައަކީ އަޅުގަނޑާ ބެހޭ ކަމެއް ނޫނެއް ނޫންތޯ؟" އިތުރަށް ސުވާލު ކުރަން ފެށުމުން އާދަމް މަނިކު ވިދާޅުވި އެވެ. "އަޅުގަނޑު ދޭ ޖަވާބު ކަމުނުދާ ކަމަށްވަންޏާ އެއީ ތިބޭފުޅާގެ މައްސަލައެކޭ. އަޅުގަނޑުގެ މައްސަލައެއް ނޫނޭ!"
އާދަމް މަނިކު ކޮންމެ އެއްޗެކޭ ވިދާޅުވި ނަމަވެސް ވެށިފަހި ޕްރޮގްރާމްގެ ފަހިކަން ހުރި މިންވަރާމެދު ސުވާލު އުފެދެ އެވެ. ޝައްކުތައް އެބަހުއްޓެވެ. ބޯހިޔާވަހި ކަމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެކެވެ. އެ ހައްގު ސަރުކާރުން ހޯދައިދިނުމުގައި ކަސިޔާރު ކަންތައްތަކެއް ހުރި ނަމަ އެކަމެއް ހަމަ ވަގުތުން ހަމަ މަގަށް އަޅުވަންޖެހެ އެވެ. ސާފު ނުވާ މައްސަލަ މޭޔަރު އޮޅުން ފިލުވައިވެސް ދޭންޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ