އާހާބަރުން ބިންގަނެފައިވާ ފަރާތްތަކުން ދެއްކި ފައިސާ އަނބުރާ ދޭން ނިންމައިފި

އާހާބަރު ސަރަހައްދުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނިންމަވައިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކުރުމާ ގުޅިގެން، އެ ސަރަހައްދުން މިހާރު ވިއްކާފައިވާ ބިންތަކަށް ދައްކާފައިވާ ފައިސާ އަނބުރާ އެ ބިން ގަތް ފަރާތްތަކާ ހަވާލުކުރުމަށް ނިންމައިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
އާދަމް މަނިކު ވިދާޅުވީ، އާހާބަރުން ވިކިފައިވާ ހަތަރު ބިމަށް ފައިސާ ދެއްކި ފަރާތްތަކަށް، އެ ފައިސާ އަނބުރާ ރައްދުކޮށްދިނުމަށް މިހަތްފާތެރޭ މާލެ ސިޓީ ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާއަށް އަންގަވައިފައިވާ ކަމަށާއި އޭނާ އެކަން ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެއްވެސް ފަރާތަކަށް އެ ފައިސާ ރީފަންޑުކޮށްދީފައިވާ ކަމެއް ވިދާޅެއް ނުވެ އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި، އާހާބަރުން 50،000 އަކަފޫޓުގެ ބިން ނީލަމުގެ އުސޫލުން ވިއްކުމަށް ރައީސް ނަޝީދު ނިންމެވީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފްކުރާނެ ކަމަށެވެ. އަދި ބަންޑާރަ ނައިބު އޮފީހުން އެމައްސަލަ ވަރަށް އަވަހަށް އިސްތިއުނާފް ކުރާނެ ވާހަކަ އަންގަވައިފައިވާ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
އާހާބަރުން ބިންވިއްކުމަށް ނިންމި ނިންމުން ބާތިލުކުރުމަށް އެދި އިދިކޮޅު އިއްތިހާދުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ މަޝްރޫއު ހުއްޓިފައިވާ ނަމަވެސް، އާދަމް މަނިކު ވިދާޅުވީ، އެ މަޝްރޫއަށް މާލެ ސިޓީ ކައުންސިލުން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި އެ މަސައްކަތްކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް، ޝަރީއަތުން ސަރުކާރާ އެއްކޮޅަށް ހުކުމްކުރައްވައިފި ނަމަ، އެ ސަރަހައްދުން މިހާތަނަށް ވިކިފައި ހުރި ބިންތައް ގަތް ފަރާތްތަކަށް، ކުރިން ގަތް އަގުގައި ހަމަ އެ ބިންތައް ހަވާލުކުރާނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
"އެބިން މިހާރު ގަނެފައި ހުރި ފަރާތްތަކުން މިސާލަކަށް އެބިން ގަންނަން ބޭނުންވެއްޖެއްޔާ ހަމަ އަލުން ފައިސާ ދައްކަންވީ ރީފަންޑުކޮށްފައި އޮތިއްޔާ. އެ ބިންތައް އަޅުގަނޑުމެން ނީލަމަށްލާނީ އެ ބިމެއް ފުރަތަމަ ބުރުގައި ގަތް ފަރާތަކުން އަލުން ބޭނުންނުވެއްޖެއްޔާ އެކަނި،" އާދަމް މަނިކު ވިދާޅުވި އެވެ.
އާހާބަރުން ވިއްކުމަށް އިއުލާންކުރި 11 ބިމުގެ ތެރެއިން ވިކިފައިފައި ވަނީ ހަތަރު ބިމެކެވެ. އޭގެ ތެރެއިން 2000 އަކަފޫޓުގެ ދެބިމެއް ގަނެފައި ވަނީ، ކަރަންޓް ހޮޅިބުރި އާއި އަދި އެނޫން ވެސް ދިއްލުމަށް ބޭނުން ކުރާ ސާމާނު ވިއްކާ ސަން ފްރަންޓުން، 27 މިލިއަން ރުފިޔާ އަށެވެ.
އަކަފޫޓެއް 4350 ރުފިޔާގެ ރޭޓުން، 5000 އަކަފޫޓުގެ ބިމެއް 21.75 މިލިއަން ރުފިޔާ އަށް، ބީއެޗުއެމް ޓްރޭޑާސްގެ ވެރިޔާ، ހ.ކެލީކްސް ހުސައިން މޫސާ ގަނެފައިވެ އެވެ. އަދި މަޝްހޫރު ޓޫރިޒަމް ވިޔަފާރި ކުންފުނި ޔުނިވަސަލް އިން 7500 އަކަފޫޓްގެ އެ ބިން ގަނެފައި ވަނީ އަކަފޫޓަކަށް 6200 ރުފިޔާގެ ރޭޓުން 46.5 މިލިއަން ރުފިޔާ އަށެވެ.
އާހާބަރުން ނުވިކި ހަތް ބިމެއް އޮއްވައި އިދިކޮޅު ފަރާތްތަކުން ހުށަހެޅި އެ މައްސަލަ ސިވިލް ކޯޓުން ފުރަތަމަ ބޭރުކޮށްލުމަ ފަހު، އަނެއްކާ ވެސް ކުރިއަށްގެންގޮސްފައި ވަނީ ޝަރީއަތް ނިމެން ވަރަށް ކައިރިވެފައި ވަނިކޮށެވެ. އަދި އަލުން އެ މައްސަލަ ކޯޓުން ކުރިއަށްގެންދިއުމަށް ނިންމައި، އެންމެފަހުން ސަރުކާރުގެ ނިންމުމާ ދެކޮޅަށް އެ މައްސަލަ ނިމުނީ ހަތަރު ބިމެއް ވިކި، އެޑްވާންސް ފައިސާގެ ގޮތުގައި ބިން ގަތް އަގުގެ 10 ޕަސެންޓަށްވާ ފައިސާ ހުރިހާ ފަރާތަކުން ވެސް ދައްކައިފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ