ފިލްމު 'ދުރަންދާރު'ގެ ސެޓުގައި ޕާކިސްތާނުގެ ދިދަ ފެންނަން ހުރުމުން އިންޑިއާގެ ގިނަ ބަޔަކު ރުޅި އަތުވެއްޖެ
ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގްގެ ކުރިއަށް އޮތް ފިލްމު "ދުރަންދާރު"ގެ ސެޓުގައި ނަގާފައިވާ ފޮޓޯއެއްގައި ޕާކިސްތާނުގެ ދިދަ ފެންނަން ހުރުމުން އިންޑިއާގެ އާއްމުންގެ ގިނަ ބަޔަކު އެކަމާ ރުޅި އަތުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މި ފޮޓޯގައި އެކްޓަރު ރަންވީރު ސިންގް ވެސް ފެންނަން ހުރި އިރު ޕާކިސްތާނުގެ ދިދަ ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. ފިލްމު ސެޓުގައި ނަގާފައިވާ މި ފޮޓޯއިން ޕާކިސްތާނު ދިދަ ފެންނަން ހުރީ ކޮން ސަބަބަކާހުރެ ކަން މިހާތަނަށް ސާފުވެފައި ނެތްއިރު އިންޑިއާގެ ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނުރުހުމުގެ ބަސްތައް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ރައްދުކޮށްފައެވެ. ފިލްމު "ދުރަންދާރު"ގެ ކާސްޓުގައި ހިމެނޭ ބައެއް ތަރިން--ފޮޓޯ/އެންޑީޓީވީ އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ޕާކިސްތާނުގެ ދިދަ މިހާ ހާމަކަން ބޮޑު ގޮތަކަށް ފިލްމު ސެޓެއްގައި ފެންނަން ހުރުމަކީ ލަދުވެތި ކަމެއް ކަމަށް އިންޑިއާގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ. ފިލްމު "ދުރަންދާރު" އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ވުމުން ފިލްމުގެ މައިގަނޑު ޕްލޮޓް މިހާތަނަށް ހާމަކޮށްފައި ނެތުމުން ޕާކިސްތާނު ދިދަ ފިލްމު ސެޓުން ފެނުމަކީ ފިލްމުގައި ގެނެސްދޭ ހާދިސާތަކާ ގުޅުންހުރި ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މި މަހުގެ ހަ ވަނަ ދުވަހު ފިލްމު "ދުރަންދާރު"ގެ ފަސްޓް ލުކް ޓީޒާ ބެލުންތެރިންނަށް ދައްކާލާފައިވާއިރު މިއީ ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރަންވީރު ސިންގްގެ އިތުރުން ތަޖުރިބާހުރި އެކްޓަރުން ކަމަށްވާ ސަންޖޭ ދަތު، އަކްޝަޔޭ ކަންނާ، އާރް މާދަވަން އަދި އަރުޖުން ރާމްޕާލް މުހިއްމު ރޯލްއިން ފެންނަ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. މި ފިލްމަކީ އެކްޓަރު ވިކީ ކޯޝަލްއަށް ނެޝަނަލް އެވޯޑި ލިބުނު 2019އިގެ ވަޠަނީ ފިލްމު "އުރީ: ދަ ސަޖިކަލް ސްޓްރައިކް" ގެނެސްދިން އަދިތިޔަ ދާރުގެ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ