ގިނަ މަޝްރޫއުތަކެއް ހިނގަމުންދާތީ ވޭވަށު ރައްޔިތުން ތިބީ އުފަލުން!

ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ނިމި އަދި މިހާރުވެސް ބައެއް މަޝްރޫއުތައް ހިނގަމުންދާތީ މ. ވޭވަށުގެ ރައްޔިތުން ތިބީ އުފަލުން ކަމަށް އެ ރަށު ކައުންސިލްން ބުނެފިއެވެ.
ވޭވަށު ކައުންސިލުން މިހެން ބުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެން، ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާ ކަންކަމާއި ގުޅޭ ގޮތުން ދެފަރާތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މިބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު ވޭވަށު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވޭވަށު ކައުންސިލުން ވަނީ ރައީސް ޞާލިހުގެ ސަރުކާރުން ވޭވަށަށް ދެއްވާ ސަމާލުކަމަށްޓަކައި ޝުކުރުއަދާ ކުރައްވައިފައެވެ. އަދި ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ރައީސް ޞާލިހު ފިޔަވައި އެހެން އެއްވެސް ރައީސަކު ވޭވަށަށް ވަޑައިގެން ވޭވަށުގެ ރައްޔިތުންގެ ޙާލަތު ބައްލަވާލައްވާފައި ނުވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ނިމި އަދި މިހާރުވެސް ބައެއް މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވައި، ކައުންސިލުން ބުނީ، މިވަގުތު ވޭވަށުގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ އައު އިމާރާތެއް އެޅުމާއި، ވޭވަށުގައި އައިސްޕްލާންޓެއް ބެހެއްޓުމާ، ސިއްޙީ މަރުކަޒަށް އައު އެމްބިއުލާންސެއް ހޯދުމާއި، ވޭވަށު ފާލަން މަރާމާތުކުރުން ހިމެނެއެވެ.
ވޭވަށުގެ މަތީގުރޭޑްތަކުގެ ދަރިވަރުން ތަޢުލީމް ޙާޞިލްކުރުމަށް މުލަކު ސްކޫލަށް ފެރީގައި ދަތުރުކުރާއިރު، މުލަކު ފާލަން ހަލާކުވެފައި ވުމުގެ ސަބަބުން ބައެއް ޙާދިސާތައް ހިނގަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ވޭވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމީޓީން ފާހަގަކުރެއްވި ކަންކަން އަޑުއައްސަވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭވަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުވައްސަސާތަކާއި މަޝްވަރާއި ކުރައްވައިގެން ކުރިޔަށް ގެންދަވާނެ ކަމަށެވެ.
އަދި ވޭވަށުގެ ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫއު އެލްޖީއޭއިން އެންމެ އަވަހަށް އިމާރާތްކުރަން ބޭނުންވާ ކައުންސިލް އިދާރާތަކުގެ ލިސްޓްގައި ހިމަނާފައިވާ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހޮނިހިރު ދުވަހު މުލަކަތޮޅަށް ފެށްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ، މ. އަތޮޅުގެ ވެރިރަށް މުއްޔަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ