ނިކަމެތިން އެންމެ ގިނައީ މާލޭގައި: ނަޝީދު

ނިކަމެތިން އެންމެ ގިނައީ މާލޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ މަރަދޫ އެމްޑީޕީ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ހާޖީ އިމާދުއްދީން ބޮއި ކަނބުލޮގެ ދަރިންނަށް ގޯއްޗެއް ދިން ފަހުން މާލޭ މީހަކަށް ބޯހިޔާވަހިކަމެއް ދީފައި ނުވާ ކަމަށާއި މާލޭގެ ގެއަކަށް ގޮސްފި ކަމަށްވާނަމަ ރޮވޭނެ ކަމަށެވެ.
އެގޮތުން ދެ ފޫޓު ދެ ފޫޓު ތަންކޮޅެއްގައި 12 ކުދިން ތިބޭ ކަމަށާއި މިހާރުވެސް ރާއްޖޭގައި އެންމެ ހާލުގައި އަދި އެންމެ ނިކަމެތިން ގިނައީ ވެސް މާލޭގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނުލާ ހަރަދު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ހަރަދުކުރަން ވާނީ އާބާދީ އޮތް ތަނަކަށް ކަމަށެވެ. އަދި އެއްވެސް ބަޔަކު އަނެއް ބަޔަކާއި ހަސަދަވެރިވާން ބޭނުން ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އައްޑޫ އަށް ރަނގަޅަށް ވާންޖެހޭނީ. ދެން ހަމަ އަޅުގަނޑު އެދެނީ އައްޑޫ މީހުން އެދެން މާލޭ މީހުންނަށް ވެސް ރަނގަޅު ގޮތްވާން." ނަޝީދު ވިދާޅުވި އެވެ.
ދައުލަތުގެ ޓެކްސް ފައިސާގެ ތެރެއިން ބޮޑު ބައެއް ހަރަދުކުރުން މިވަގުތު ރަނގަޅީ އައްޑޫ އަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި އޭގެއިން މާލެ އަށް ވެސް އަދި ހުވަދޫ އަށާއި ތިލަދުންމައްޗަށް ވެސް ރަނގަޅު ގޮތްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އައްޑޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަޝީދު މިއަދު ވަޑައިގަންނަވާނީ ހުޅުމީދޫ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ